ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެއްވެސް ފަރާތަކުން ނުފޫޒެއް ފޯރުވާފައި ނުވާ ކަމަށް ބައިނަލްއަގުވާމީ އޮބްޒާވަރުންގެ ޓީމުން ބުނެފިއެވެ.
އިންތިޚާބު އޮބްޒާވް ކުރި ބައިނަލްއަގުވާމީ އޮބްޒާވަރުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޖޯޖިއާގެ އިލެކްޝަންސްގެ އޮބްޒާވަރެއް ވިދާޅުވީ އިންތިހާބަށް އެއްވެސް ސްޓޭކްހޯލްޓަރެއްގެ ފަރާތުން ނުފޫޒުފޯރާފައި ނުވާ ކަމަށާއި އިންތިހާބު ދިޔައީ މިނިވަންކަމާއެކު ކަމަށެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޖޯޑަންއިން އިންތިހާބުގައި ބައިވެރިވެވަޑައިންނެވި ކޮމިޝަނަރެއް ވިދާޅުވީ އިންތިހާބު ކުރިއަށް ދިޔައީ ވަރަށް އޮމާންކޮށް ކަމަށެވެ. އެހެންނަމަވެސް ބައެއް ފޮށިތައް ބަންދުކޮށް ވޯޓު ގުނުމުގައި ލަސްތަކެއް ދިމާވި ކަމަށް އޭނާ ވިދާޅުވިއެވެ.
"ވޯޓުލައި ނިމިފަ ހުރި ބައެއް ފޮށިތައް ހުޅުވި ރޭގަނޑު 7:30ހާއިރު ވެސް. އަޅުގަނޑު ދެކޭގޮތުގައި އެތަނުގައި ތިބި މުވައްޒަފުން އެންމެ އެދެވޭ ގޮތެއްގައި ތަމްރީންކުރެވިފައެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.
އެހެން ކަމުން އިންތިޚާބުގެ ކަންކަމުގައި ހަރަކާތްތެރިވާ އޮފިޝަލުން ދުރާލައި ތަމްރީނުކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އިންތިހާބަށް ތައްޔާރުވުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ.
ޖަޕާނާއި ފިލިޕީންސްގެ އޮބްޒާވަރުންވެސް އިންތިހާބުގައި ހަރަކާތްތެރިވެފައިވާއިރު އެ ފަރާތްތަކުންވެސް ވިދާޅުވީ މިއަހަރުގެ އިންތިހާބު ކުރިއަށް ދިޔައީ ވަރަށް ރަނގަޅަށް ދެފުށް ފެންނަ ގޮތަށް އަމާން އޮމާންކޮށް ކަމަށެވެ.