ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަން ރާއްޖޭގެ ފުޓްބޯޅަ ޓީމުން ދެން ވިސްނަންވީ މި ސަރަހައްދުން ބޭރުން ކާމިޔާބީތަކެއް ހޯދުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ގައުމީ ފުޓުބޯޅަ ޓީމަށް މަރުހަބާ ކިޔުމަށާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރަހައްދުގައި ބޮޑު މުބާރާތެއް ކާމިޔާބު ކުރެވިފައިވާ ކަމަށާއި ދެން އުންމީދު ކުރަން މި ސަރަހައްދުން ބޭރަށް ގޮސް ކާމިޔާބީ ހޯދުމަށް ކަމަށެވެ.
"އަހަރެމެން ދެން އުންމީދު ކުރާނީ މި ސަރަހައްދުން ބޭރަށް އަހަރެމެން ދާން ޖެހޭ ކަމަށް. އަހަރެމެން ކުރާ އެ ދަތުރަކީ ވެސް އަހަރެމެން ދެކެން ބޭނުންވޭ އަނެއްކާވެސް ކުރިބޯއްޓާ ހަމައަށް ކުރާ ދަތުރަކަށް ވާނެ ކަމަށް. ދަތުރު ދިގުވެދާނެ. އެކަމަކު ހޫ ކެއާސް. އޭ-380 ޖައްސަންޏާ ދަތުރެއް ދިގެއް ނުވާނެ. ދެން ވިސްނަންވީ މި ސަރަހައްދުން ބޭރުން ކާމިޔާބީ ހޯދަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދީފި ކަމަށް ވަންޏާ އެމީހުން ކުރިއަރައިގެންދާނެ ކަމަށާއި އެގޮތުގައި މުޅި ދުނިޔެއަށް ރާއްޖެ މަޝްހޫރު ކޮށްދެއްވާނެ ކަމަށެވެ. އަދި ސާފް ސުޒުކީ ކަޕުގެ ކާމިޔާބީން އެކަން ކަށަވަރު ކޮށްދީފި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އެހެންވީމާ ސާފް ޗެމްޕިއަންޝިޕްގައި ނުވަތަ ޗެމްޕިއަންކަމަށް ދިވެހި ޤައުމީ ޓީމުވުމަކީ ޝައްކެއް ވެސް ނެތް ގޮތުގައި ޒުވާނުންނަށް ފުރުސަތުތައް ތަނަވަސް ކޮށްދީފައި ޒުވާނުންނަށް ކުރިއެރުން ދައްކައިދީފި ކަމަށް ވަންޏާ އަދި އެމީހުންނަށް ބޭނުންވާ ހިތްވަރާއި ވަސީލަތްތައް ފަހިކޮށްދީފި ކަމަށް ވަންޏާ ހަމަ ސްކައި އިޒް ދަ ލިމިޓް. އެހެން ބުނާ ބުނުން އަހަރެމެން ހަގީގަތަކަށް ވަނީ،" ރައީސް ވިދާޅުވިއެވެ.
ސާފް ސުޒުކީ ކަޕްގައި ރާއްޖެއަށް ރަން ވަނަ ހޯދައިދިނުމަށް މަސައްކަތްކުރި ހުރިހާ ފަރާތްތަކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.