ކޮޓަރިތެރޭގައި ދެކޮޅަށް ހިނގަން ހުރީ ކޮންއެއްޗެއް ވިސްނަންވެގެން ކަމެއް ނޭނގެއެވެ. ސައިޑް ކަބަޑްގެ ވަތްގަނޑު ހުޅުވާލުމަށްފަހު ތަޅުދަނޑިއެއް ހިފައިގެން އޭނާ ކޮޓަރިން ނިކުތެވެ. އަޒްކާ އުޅުނު ކޮޓަރި ކައިރީގައި ހުއްޓުމަށްފަހު ތަޅަށް ތަޅުދަނޑި ލައްވާލިއެވެ. އެތެރެއަށް ދޮރު ހުޅުވިގެން ދިޔުމާއެކު އެތެރެއިން ނާހިދަށް މަރުހަބާ ކިއީ ކަނު އަނދިރިކަމެވެ. ހިތުގެ ލަފައަށް އެތެރެއަށް ވަދެގެން ގޮސް ފާރުގައި ހުރި ލައިޓްތައް ޖައްސާލިއެވެ. ހުދު އައްޔަކުން މުޅި ކޮޓަރިއަށް އަލިވެގެން ދިޔުމާއެކު އޭނާއަށް އެކި ދިމާއަށް ބަލައިލެވުނެވެ. އެނދުވެސް ހުރީ އަޒްކާ ދިޔައިރު ހުރި ގޮތަށެވެ. އަޒްކާގެ ބައެއް ރީތިވާ ސާމާނު އަދިވެސް އެބަހުއްޓެވެ. ތުވާލިވެސް ހަރުގައި އޮތީ އަޅުވާފައެވެ. ނާހިދުގެ ނޭފަތުގައި އައިސް ޖެހުނީ އަޒްކާގެ ހަށިގަނޑުގައި ހަރުލާފައި ހުންނަ ލުއިލުއި މީރުވަހެވެ. އަޒްކާ ބޯއަޅާ ބާލީހުގައި އަތުން ފިރުމާލަމުން އެނދު ކައިރީގައި ނާހިދު އިށީނެވެ.
"އަޒްކީ....!!! ވެއަރ އާރ ޔޫ...؟" ނާހިދުގެ ދެލޮލުން ކަރުނަ އޮހިގަތެވެ. ކުއްލިއަކަށް އޭނާގެ ކަންފަތުގައި އަޒްކާގެ ހުނުމުގެ އަޑު ޖެހުނުހެން ހީވިއެވެ. ފުންމައިގެން ތެދުވެ އޭނާ ހުރިހާ ދިމާ ބަލައިލިއެވެ. އޭނާ އިސްޖަހާލީ އަޒްކާ ދުވަހަކުވެސް ދެން ނާންނާނެއޭ ހިތަށް އެރުމުންނެވެ. ޑްރެސިންގް ޓޭބަލް ކައިރީގައި ހުއްޓުމަށްފަހު އަޒްކާ ރީތިވާން ބޭނުންކުރާ ބައެއް ސާމާނުތަކުގައިވެސް ނާހިދް އަތުން ފިރުމިއެވެ. ހަރުގައި އަޅުވާފައި އޮތް އަޒްކާގެ އޮރެންޖް ކުލައިގެ ތުވާލި ނަގާ އޭގައި ބޮސްދިނެވެ. އޭގައި ހަރުލާފައިވަނީ އަޒްކާގެ ހަށިގަނޑުން އޭނާގެ ހިތާއި ހަމައަށް ފޯރާފައިވާ ހިތްގައިމު މީރު ވަހެވެ. މަޑުމަޑުން ހިނގާލާފައި ގޮސް އޭނާ ހުއްޓުނީ އަޒްކާގެ ވޯޑްރޯބް ކައިރީގައެވެ. ހުޅުވާލުމާއެކު އޭނާއަށް ލިބުނީ ސިހުމެކެވެ. ހެދުންތައް އަޅުވާ ބައި ހުސްކޮށް އޮތުމުންނެވެ. މޯހަންދާސް ހޯދަދިން ފައިވާންތަކާއި، ބޫޓްތައް، އަތް ދަބަސްތައް އިތުރުން އަތުކުރީ އަޅާ ގަޑިތައް ބަރާބަރަށް ހުއްޓެވެ. މަދީ ހަމައެކަނި ހެދުންތަކެވެ. އަޒްކާ ގެއްލުނު ދުވަހު ހުރިހާ އެއްޗެއް ހަމައަށް ހުރިތޯ އޭނާ ޗެކް ވެސް ކުރިއެވެ.
"މީކާ.....!!!" ދެލޯ ފޮހެލަމުން އަޑަށް ބާރުލާފައި ނާހިދް ގޮވާލިއެވެ. ދުވެފައި އެކޮޓަރިއަށް އައިސް ވަނީ އިމްރާނެވެ.
"ސިއްސައިގެންނޭ ދިޔައީ... މަށަށް އޭރުވެސް އިނގުނު މިދުވަސްކޮޅު ކަލޭގެ ސިކުނޑި ރަނގަޅަށް މަސައްކަތް ނުކުރާނެކަން. އެހެންވެ އަހަރެން މިއައީ ކަލެއަށް ކޮމްޕެނީ ދޭންވެގެން... ކިހިނެއްވީ....؟؟" ނާހިދް އަޑަށް ބާރުލާފައި މީކާއަށް ގޮވާލި އަޑު އޭނާއަށް ރަނގަޅަށް އިވުނެވެ. މީކާ ވަދެގެން އައީ އިމްރާން ވަތްތާ ކުޑައިރުކޮޅެއް ފަހުންނެވެ.
"ލައްބަ..." އެތެރެއަށް ވަތް މީކާ އިސްޖަހާލިއެވެ. ވީ ކީތްކަން ކަހާލާފައި ހުރި ވޯޑްރޯބް ފެނުމުން މީކާއަށް ފަހުމްވިއެވެ.
"ކޮބާ އަޒްކީގެ ހުރިހާ ހެދުންތަކެއް. އުކާލީތަ....؟" ނާހިދު އަހާލިއެވެ.
"ނޫން... އަޒްކާކޮއްކޮ އަންނަނީ... އަހަރެން ދެނީ ހުރިހާ ހެދުމެއް ފޮށްޓަށް އަޅާފައި" މީކާ ޖަވާބުދިނެވެ. ނާހިދް ހިތުގައި އިންތިހާއަށް ރިއްސައިގަތެވެ. އަޒްކާ އައިއްސަވެސް ބައްދަލުކޮށްނުލާ ދިޔައީ ހެއްޔެވެ؟ މޫނު ދައްކާލަންވެސް ބޭނުންނުވީ ހެއްޔެވެ...؟
'ކޮ...ކޮންއިރަކު ހެދުންތައް ބަލާ އައީ.... މިގެއަށް... މިކޮޓަރިއަށް ވަތްތަ...؟" ނާހިދް އިތުރަށް އޮޅުންފިލުވަން ބޭނުންވިއެވެ.
"ނޫން. ބޭރުގަ ގޭޓް ކައިރީގަ ހުންނަނީ. އަހަރެން ފިހާރައަށް ދިޔަ ގަޑީގަ ފެންނަނީ. ދެން ހެދުން ގެންނަން ބުނީމަ އަހަރެން ގެންދަނީ" މީކާ ވާހަކަދެއްކިއެވެ. ސާހިބު މީހާއާއި ވާހަކަދައްކަން މީކާ ހުރީ އިސްއޮބާލައިގެންނެވެ.
"ކީއްވެ އަހަރެން ކައިރީގައި ނުބުނީ؟ އަހަރެން ހުރިތަ ގޭގައި އެގަޑީގަ..." ނާހިދު ސުވާލުކުރަމުން ދިޔައެވެ. އެކުވެރިޔާއަށް ވެފައިހުރި ވަރު ފެނުމުން އިމްރާން ހުރީ ބަސްހުއްޓިފައެވެ. ޙަޤީޤަތުގައިވެސް ފުރަތަމަ ލޯބި ބީވެދިޔުމުގެ ސަބަބުން ނާހިދްގެ ހިތަށް އެވަނީ ލައްކަ އަސަރުކޮށްފައެވެ.
"ގޭގައި އެކަކުވެސް ނެތީ... އަޒްކާކޮއްކޮ ބުނަނީ އެކަކު ކައިރީގަވެސް ނުބުނަން. ޓެކްސީގަ ދަނީ. އަހަރެން ނޭނގެނީ ދިޔަތަނެއް" މީކާ ކޮށި ދިވެހިބަހުން ވާހަކަދެއްކިއެވެ.
"މީކާ ދޭ..." އިމްރާން މީކާ އެކޮޓަރިން ފޮނުވާލިއެވެ. ބޮލުގައި ދެއަތުން ހިފަހައްޓާލައިގެން ހުރެ އެނދުގައި ނާހިދު އިށީނެވެ.
"ދެން އެފަކީރަށް ތިހާވަރު ކުރަންޖެހޭތަ. ބިރުން ފިތްކެނޑިފަވިއްޔާ މިތާ ހުރީ. ނޭނގޭ ގަޔާ ނުދެވޭކަމެއްވެސް..." އިމްރާން ވާހަކަދެއްކިއެވެ. ނާހިދް އިން ގޮތް ފެނި އިމްރާންގެ ހިތުގައި ރިއްސާލިއެވެ.
"މޮޔައެއްނު ތިވަނީ. މަށަކަށް ހިއެއްނުވޭ ތިއުޅެނީ ކޮންމެހެން އިނާއްތަމެން ހީކޮށްފާނެ އެއްޗަކަށް އަޒްކާ ހޯދަންހެން..." އިމްރާން ބުނެލިއެވެ. އޭނާ ނުވިސްނާ ހުއްޓާ ނާހިދު އޭނާގެ ގައިގައި ބައްދައިގަތެވެ. ކުޑަކުއްޖެއްހެން ރުއިމުގެ އަޑު ފަޅައިގެންދިޔައީ އޭނާގެ ހިތާއި ސިކުނޑިއަށް ކުރަމުންދިޔަ ޕްރެޝަރ ބޮޑުވެގެންނެވެ.
"އަޒް....އަޒްކީ ދިޔައީ... ކުރިން ނިކުތީ އަހަރެންގެ ހިތުން. މިހާރު އެދިޔައީ މުޅި އުމުރަށް މިގެއިންވެސް. ދެން ދުވަހަކުވެސް އަހަރެންނަށް އަޒްކީ ނުލިބޭނެ..." އިމްރާންގެ ހަށިގަނޑުގައި ބައްދައިގެން ހުރެ ނާހިދް ކިޔަމުން ދިޔައެވެ. އިމްރާން ހުރީ ކިޔާނެ ބަހެއް ނޭނގިފައެވެ. އޭނާގެ އެކުވެރިޔާ އެވަނީ އެލޯބީގައި ދީވާނާ ވާން ކައިރިވެފައެވެ. ލޯތްބަކީ ހަމަ އެހާ ބާރުގަދަ އެއްޗަކީ ހެއްޔެވެ؟ އަންހެންކުއްޖަކަށްޓަކައި އޭނާގެ ހިތުގައި އެފަދަ އިހުސާސެއް ނެތީ ހެއްޔެވެ....؟
******************************
ގަޑީގެ ކަށިތައް އެނބުރެމުންދާ ވަރަކަށް ހަލުވިކަމާއެކު ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ވަގުތާއި ހާލަތު ބަދަލުވަމުންދާ ވަރަކަށް އަޒްކާއަށްޓަކައި ނާހިދު ކުރަމުންދާ ހިތާމަތައް ފިލަމުން ދިޔައެވެ. އޭނާ ހިތް ބަދަލުވީކީނޫނެވެ. ކަރުނައެޅުން ހުއްޓާލީއެވެ. ކަރުނައަކީ އެހާ ބާރުގަދަ އެއްޗެއްނަމަ މިއަދު އަޒްކާ ހުންނާނީ އޭނާގެ އަތުގެ ތެރޭގައެވެ. ކަރުނަ ތިއްކަކުން ލޯބި އަނބުރާ ނުލިބޭނެކަން އޭނާއަށް އިހުސާސްވީއެވެ. އޭނާގެ ހިތާމަތައް ފަހަތަށް ދޫކޮށްފައި އަލުން ނޯމަލް ލައިފެއް އުޅެވޭތޯ މަސައްކަތް ކުރަން ފެށިއެވެ. ބަރާބަރަށް ވަޒީފާއަށް ދިޔުމާއި ހީލުމާއި ގަޑިން ގަޑިއަށް ކެއުން ކުރިއަށް ގެންދިޔުމަށް އޭނާ ސަމާލުކަން ދިނެވެ. ވޭތުވެމިދިޔަ ތިން މަސްދުވަހު ތެރޭގައި ނުކައި ނުބޮއި ނިދިން މަހުރޫމުވެ ހިތާމަކުރުމުގެ ސަބަބުން އޭނާގެ ހަށިގަނޑުން ވަނީ އެތައް ތަނެއް ލުއިވެފައެވެ. ކުރީގެ ނާހިދު އަނބުރާ މައިންބަފައިންނަށް ހަދިޔާކުރަން އޭނާ ނިންމިއެވެ. އޭނާއަށްޓަކައި މައިންބަފައިން ހިތާމަކުރާ މަންޒަރު ލައްކަ ދުވަހު އޭނާއަށް ފެނިއްޖެއެވެ.
އޮފީސް ނިންމާފައި ނާހިދް ގެއަށް އައީ އާދައިގެ ދުވެއްޔެއްގައި ސައިކަލުގައި ދުއްވާފައެވެ. އޭނާ ބޭނުންނުވިޔަސް މަގުގެ އެތައް މިތަން އޭނާއަށް ހޯދެނީ އަޒްކާގެ މޫނު ފެނޭތޯއެވެ. ގެ ހުންނަ މަގަށް އަޅުވާލުމަށް ގޯޅި އެޅި ވަގުތު ފެނުނު މަންޒަރަކުން އޭނާ ސައިކަލުގެ ބުރަކި ޖައްސާލިއެވެ. ފިރިހެނެއްގެ ފުރައްސާރައިން ޒުވާން އަންހެންކުއްޖަކު ސަލާމަތް ނުވެވިގެން ރޮވިފައި ހުއްޓާ ފެނުމުން ނާހިދް ސައިކަލް ޕާކިން ޒޯކުގައި ޕާކްކޮށްލާފައި ފޭބިއެވެ. އެދިމާލަށް އޭނާ އައީ ލައިގެން ހުރި ފަޓްލޫނުގެ ޖީބާށް ދެއަތް ޖަހައިގެން ހުރެ މަޑު ހިނގުމެއްގައެވެ.
"އެކްސްކިއުޒްމީ..." އެތަނާއި އަރާ ހަމަވެފައި ނާހިދް ބުނެލިއެވެ. އަންހެންކުއްޖާ އޭނާއަށް ބަލައިލީ ހިމާޔަތަށް އެދޭ ފަދައިންނެވެ.
"ކަލޭ ތިއީ ކާކުތަ...؟ ރައްކާވޭ މިތަނުން..." އަންހެންކުއްޖާ އަތުގައި ބާރަށް ހިފަހައްޓައިގެން ހުރި ފިރިހެންކުއްޖާގެ މޫނަށް އިސްއުފުލާ ނާހިދް ބަލައިލިއެވެ. އެމޫނަކީ އޭނާ ކޮންމެސް ތަނަކުން ދެކުނު މޫނެއްހެން ހީވިއެވެ. ހަނދާނެއް ނުވިއެވެ.
"ދޫކޮށްލާ އޭނަ އަތުން..." ހަމަޖެހިލާފައި ނާހިދް ބުނެލިއެވެ.
"އަޒް...." ފިހާރައަކުން ނިކުމެގެން އައި އެހެން އަންހެންކުއްޖެއް އައިސް ހުއްޓުނީ ހައްޔަރުވެފައި ހުރި އަންހެންކުއްޖާގެ އެއްފަރާތުގައެވެ. 'އަޒް' އެނަން އަޑު އިވުމާއެކު ނާހިދުގެ ދަތްކުނޑި ވިކުނެވެ. ވީގޮތެއް އޭނާއަށް ނޭނގުނެވެ. ފިރިހެންކުއްޖާ ލައިގެން ހުރި ޓީޝާޓްގެ ގިރުވާނުގައި ހިފާލުމަށްފަހު ފަހަތަށް ކޮށްޕާލިއެވެ. އެއާއެކު ދެ އަންހެންކުދިން ދުއްވައިގަތެވެ
.
"ކަލޭ....! ބިމުގައި ޖެހުމާއެކު ފުންމައިގެން އައިސް މާހިލް ހިފީ ނާހިދުގެ ކަރުގައެވެ. މާހިލްގެ ދެއަތުގައި ހިފާ ލުއްކެއް ޖަހާލުމަށްފަހު ނާހިދް ފަހަތަށް ޖެހިލިއެވެ. އަދި މާހިލް ނުވިސްނާ ހުއްޓާ މާހިލްގެ އެއް އަތް ލޮކްއަޅުވާލުމަށްފަހު ކައިރިއަށް ދަމާލިތަނާ އެ ގޯޅިން ޕެޓްރޯލް ކުރަމުންދިޔަ ދެފުލުހުންނަށް އެމަންޒަރު ފެނުނެވެ. ވަގުތުން ނާހިދާއި މާހިލް ދުރަށް ޖެހުނެވެ. ވެގެން އުޅޭ ގޮތް ފުލުހުންނަށް އޮޅުންފިލުވާދިނީ ނާހިދެވެ. މާހިލް އެކަމަށް އިންކާރު ކުރަމުން ދިޔައެވެ. ބައެއް މީހުންވެސް ދިޔައީ މަންޒަރު ބަލަމުންނެވެ. ނާހިދާއި މާހިލަށް ނަޞޭޙަތްދިނުމަށްފަހު ސަރަހައްދު ދޫކޮށްލުމަށް ބުނެފައި ފުލުހުން ސައިކަލުގައި ކުރިއަށް ދުއްވާލިއެވެ. ނާހިދު އޭނާގެ ސައިކަލާއި ދިމާލަށް ދާން އެނބުރިލި ވަގުތު ދެފައި ބިންމަތީގައި ތަތްލެވީ މާހިލް ބުނެލި އެއްޗަކުންނެވެ.
"ދެން ކަލެއަށް އަޒްކާ ލިބުނުކަމަށް ވޭތަ...؟ ދުވަހަކުވެސް ކަލޭ ކައިރިއަށް އަޒްކާއެއް ނުދާނެ..." ނާހިދު ސިހިފައި އެނބުރި ބަލައިލިއެވެ. އޭނާ ލޮލުގައި އަޅާފައިވާ އަވި އައިނު ނަގާ ކުރިމަތީގައި ހުރި މާހިލަށް ފުން ނަޒަރަކުން ބަލައިލިއެވެ. އޭނާ ހަނދާންވެއްޖެއެވެ. އެއީ ހަމަ އޭނައެވެ. އަޒްކާގެ ކުރީގެ ލޯބިވެރިޔާއެވެ.
"ކޯޗެއް ތިބަލަނީ.....؟ އަޒްކާއަކީ އަހަރެންގެ ލޯބިވެރިޔާ ކަލޭ އޭނައާއި އެއްކޮށް ނަހަމަ ގޮތުގައި ގުޅުން ހިންގި އިރުވެސް..." މާހިލް ވާހަކަދެއްކިއެވެ. ނާހިދު ދެބުމަ ގޮށްޖެހިފަ ހުރިއިރު އޭނާގެ ހިތުގައި ރިހުމެއް އުފެދެމުން ދިޔައެވެ.
"އަދި ކަލެއަށް މާއުފާވެރި ހަބަރެއްދެންތަ...؟ ނައު ޝީޒް މައި ވައިފް" ނާހިދުގެ ކަންފަތާއި ހަމައަށް ގާތްވެލުމަށް މާހިލް ބުނެލިއެވެ. ނުލަފާ ހިނިގަނޑެއް ޖަހާލަމުން އެތަނުން މާހިލް ދިޔައީ މާޒީވެ ގޮސްފައިވާ ހިތާމަވެރި ދުވަސްތައް ނާހިދުގެ ލޯމަތީގައި ޕްލޭކޮށްލާފައެވެ. އޭނާ އެ ހިތާމަތަކުން އަރައިގަތީވެސް އެތައް މަސައްކަތެއް ކުރިފަހުންނެވެ. މިއަދު މާހިލް އެދިޔައީ މާޒީގެ ތެރެއަށް އަލުން އޭނާ ކޮށްޕާ ވައްޓާލާފައެވެ. މާޒީއާއި މެދު ދެވަނަ ފަހަރަށް ވިސްނަން މަޖްބޫރުކޮށްފައެވެ. މަޑު ހިނގުމެއްގައި ސައިކަލާއި ދިމާލަށް އޭނާ ހިނގާފައި ދިޔައިރު ސިކުނޑީގައި ހަރުލާފައިވަނީ މާހިލް ދެއްކި ވާހަކަތަކެވެ. ހަމަ ރަނގަޅަށްވެސް އަޒްކާ މާހިލްއާއި ކައިވެނި ކުރީ ހެއްޔެވެ؟ ސައިކަލަށް އަރާފައި ދުއްވާލިއިރު ނާހިދުގެ ދެލޯ ވަނީ ކަރުނުން ފުރި ބާރުވެފައެވެ.
ބޭރު ގޯތީގައި ހަދާފައިވާ ހުސް ޖާގައިގާ އިނާޝާއާއި މޯހަންދާސް ކޮފީބޯން ތިއްބެވެ. ކުޑައިރުކޮޅަކުން މީކާ ދެ ތައްޓަށް ހެދިކާ އަޅައިގެން ގެނެސްދިނެވެ. ތަނުގައި ހިފާލާފައިވަނީ ރަހަމީރު ހެދިކާގެ ވަހެވެ. ގޭޓުން ވަދެގެން އިސްޖެހިފައި ހިނގާފައި އަންނަ ނާހިދު އެންމެފުރަތަމަ ފެނުނީ މޯހަންދާސްއަށެވެ. އެމީހުންގެ އެއްފަރާތުން އަޅާފައި ގޭތެރެއަށް ނާހިދު ވަދެގެން ދިޔައީ މޯހަންދާސް ދެފަހަރަކު ގޮވާލުމުންވެސް އަނގައިންވެސް ނުބުނެއެވެ. މޯހަންދާސް ހައިރާންކަމާއެކު އިނާޝާއަށް ބަލައިލިއެވެ. އެމޫނުމަތީގައިވާ އަސަރުތަކުން މޯހަންދާސް ހިތުގައިވާ އެއްޗެއް އިނާޝާ ދެނެގަތެވެ. އެހެނީ ކުރިން ނާހިދަކީ މައިންބަފައިންނަށް ނުކިޔަމަންތެރިކަން ދެއްކި ކުއްޖެއް ނޫނެވެ. މޯހަންދާސް ގޮވާލުމުން އެގޮތަށް ނާހިދު ދާނީ ޔަޤީނުންވެސް އެ ސިކުނޑީގައި ކަންތައްގަނޑެއް އެނބުރޭތީއެވެ. މޯހަންދާސް އަތުގައި ހިފާލުމަށްފަހު އިނާޝާ ގޭތެރެއަށް ވަދެގެން ދިޔައެވެ.
ތަޅުގައި ހިފާ އަނބުރާލުމާއެކު އެތެރެއަށް ދޮރު ހުޅުވިގެން ދިޔައެވެ. އެނދުގައި ހުރަހަށް އޮށޯވެގެން އޮތް ނާހިދުގެ ނަޒަރު ވަނީ އެއްދިމާލަކަށް ހުއްޓިފައެވެ. އިނާޝާ މަޑުމަޑުން ކައިރިއަށް ފިޔަވަޅު އަޅަން ފެށިއެވެ. ނާހިދާއި ދާދި ގާތުގައި މަޑުކޮށްލުމަށްފަހު އޭނާ ނާހިދުގެ މޫނަށް ބަލާލިއެވެ. ނިތްކުރިމަތިން ކުދިކުދި ދާތިކިތައް ވިދަމުންދާ މަންޒަރު ފެނުމުން އޭނާ އޭސީއަށް ބަލާލިއެވެ. އެންމެފުރަތަމަ ކަމަކަށް އޭނާ އޭސީ ޖެއްސުމަށްފަހު ފަންކާ އޮފްކޮށްލިއެވެ. އެއަށްފަހު ނާހިދުގެ މަގަތުން އިށީނުމަށްފަހު އަތުން ނާހިދުގެ ނިތްކުރިމަތި ފޮހެލިއެވެ. ނާހިދު އިނާޝާއަށް ބަލައިލިއެވެ. މީހަކު ކޮޓަރިއަށް ވަތްކަން ނާހިދަށް އިނގުނީ ކުރިމަތީގައި ހުރި އިނާޝާ ފެނުމުންނެވެ.
"ކިހިނެއްވީ...؟" ހިނިތުންވެލަމުން އަތުގެ އިޝާރާތުން އިނާޝާ އަހާލިއެވެ. ނާހިދު ތެދުވެލިއެވެ. އަދި އިނާޝާގެ އުނގުގައި ބޯއަޅައިލިއެވެ.
"ކަމެއްނުވޭ މަންމާ. ބޮލުގަ ރިއްސަނީ..." ނާހިދު ބުނެލިއެވެ. އޭނާ ވިސްނާކަން އެނގި އިނާޝާގެ ހިތް ހާސްކުރުވަން ބޭނުންނުވާތީ އޭނާ އިނާޝާއަށް ޙަޤީޤަތް ސިއްރުކުރިއެވެ. އަޒްކާގެ ހަނދާންތަކުން އޭނާގެ ހިތަށް އަސަރުކޮށްފައިވާކަން އަންގާ ދެވަނަ ފަހަރަށް އެމަންމަގެ ހިތް މާޔޫސްކޮށްލަން އޭނާ ބޭނުންނުވިއެވެ.
"ކީއްވެ ބޮލުގަ ރިއްސަނީ. އަޒްކާމަތިން ހަނދާންވަނީތަ...؟" ނާހިދުގެ އިސްތަށިގަނޑުގައި ފިރުމަން އިނދެ އިނާޝާ އަހާލިއެވެ. ނާހިދު އެނާގެ މަންމަ މޫނަށް ބަލައިލިއެވެ. ދަރިންނާއި މައިންގެ ހިތް ވަނީ ގުޅިލާމެހިފައޭ ބުނެވޭ ސަބަބަކީ މިއީއެވެ. ދަރިއެއްގެ ހިތުގައިއަޅާ ވޭނާއި އަސަރުތައް އެންމެ ފަސޭހައިން ދެނެގަންނާނީ މައެކެވެ. ދުލުން ބުނުމަކާ ނުލާ ނާހިދުގެ ހިތުގައިވާ ކަންތައް އިނާޝާ ހޯދައިފިއެވެ. ވަގުތުން ނާހިދުގެ ދެލޯ ފުރިގެންއައެވެ. އިސާހިތަކު ދެލޮލުގެ އަރިމަތިން ކަރުނައިގެ ރޮނގެއް ތިރިއަށް ދެމިގަތެވެ. ހަމަ އެހާ އަވަހަށް އިނާޝާ ނާހިދުގެ ދެލޮލުން ފޭބި ކަރުނަތައް ފޮހެލައިފިއެވެ. ނާހިދު ހިފެހެއްޓީ އިނާޝާގެ އަތްތިލައިގައެވެ.
"މަންމާ.....! އަޒްކީ މެރީކޮށްފި. އޭނާއަށް އޭނާގެ ލޯބި ހާޞިލްވެއްޖެ. ލޯބި ނުލިބުނީ އަޅުގަނޑަށް..." ކުރެހިފައިވާ އަޑަކުން ނާހިދު ބުނެލިއެވެ. އެހަބަރުން އިނާޝާގެ ހިތުގައިވެސް ރިއްސާލިއެވެ. އަޒްކާއަށްޓަކައި އެހިތުގައި އަދިވެސް ވަނީ މައިވަންތަ ލޯތްބެކެވެ. ފާޅުނުކުރި ކަމުގައި ވިޔަސް އޭނާ އެހިތާމަ އަބަދުވެސް ކުރެއެވެ.
"ދެރަނުވޭ ދަރިފުޅާ... އެއްވެސް އިންސާނަކަށް އެކަލާނގެ ދެރަގޮތެއް މިންވަރު ނުކުރައްވާނެ. އެމީހަކަށް ލިބެން ހުރި އެއްޗެއް ވެއްޖިއްޔާ ބިންގަނޑު ފަޅާފައިވެސް އެމީހަކަށް އެ އެއްޗެއް ލިބޭނެ.... އަޒްކާގެ ލޯބި ދަރިފުޅަށް ލިބެން ތަޤްދީރުގައި ވާނަމަ މިދުނިޔެމަތިން އެލޯބި ދަރިފުޅަށް ދެއްވާނެ. ހެއްދެވި ފަރާތަށް އިތުބާރުކުރަންވާނެ..." ވާހަކަދެއްކީ ވަދެގެން އައި މޯހަންދާސްއެވެ. އެދިމާލަށް އިނާޝާއާއި ނާހިދް ބަލައިލީ އެކުއެކީގައެވެ. ނާހިދު ތެދުވުމަށްފަހު ހެޑްބޯޑުގައި ލެގިލިއެވެ. މޯހަންދާސް ކުރިމަތީގައި އޭނާ ބޭޒާރުވެއްޖެކަން އިނގުމުން ލަދުގަތެވެ.
"ބައްޕައަށް ހުރިހާ އެއްޗެއް އިނގިއްޖެ. ދަރިފުޅު އެއްވެސް ކަމަކާ ހތާމަކުރާނެ ކަމެއްނެތް" ނާހިދުގެ ބޮލުގައި ފިރުމާލަމުން މޯހަންދާސް އެނދުގައި އިށީންނަމުން ބުނެލިއެވެ.
"ބައްޕާ...! އަޅުގަނޑަށް މަޢާފްކުރައްޗެ. އަޒްކީއާއި މެދު އަޅުގަނޑަށް ކޮއްކޮއެއްގެ ނަޒަރުން ނުދެކެވުނު. އަޅުގަނޑަށް އަޒްކީ ފެނުނު ފުރަތަމަ ދުވަހު އެކުއްޖާ އަޅުގަނޑަށް ހާއްސަވެއްޖެ" ނާހިދް އިސްޖަހާލައިގެން އިނދެ ބުނެލިއެވެ.
"ދެން ތިވާހަކަ ނުދައްކާ. ތިންމަސް ފާއިތުވެދިޔަ އިރު ދަރިފުޅު އަޒްކާއާއި ނުލާ އުޅެން ދަސްކޮށްފީމެއްނު. އަދިވެސް އުޅެވޭނެ. ހިތްދަތިވާ މަންޒަރުތަކާއި އަޑުތައް އިވިއިވި އަބަދުވެސް ހުންނާނީ. އެއީ ދުނިޔޭގެ އުސޫލް.." މޯހަންދާސް ބުނެލިއެވެ. ނާހިދު އިސްއުފުލާލަމުން ދެލޯ ކައިރި ފޮހެލިއެވެ. އަދި އަބަދުވެސް ހިނިތުންވެފައި ހުންނަ މަންމައާއި ބައްޕަގެ މޫނަށް ބަލައިލިއެވެ. އެދެމަފިރިންގެ މޫނުން މިހާރު ހިނިތުންވުން ނާހިދަށް ނުފެނެއެވެ. ސަބަބު އޭނާއަށް އިނގެއެވެ.
*****************************
ބަނޑަށް ހަތް މަސް ވިއިރު އަޒްކާގެ ބަނޑު ވަރަށް ބޮޑެވެ. ހީވަނީ ނުވަމަސް ފުރި ވިހަން ތައްޔާރުވެފައި އިން ހެންނެވެ. ކުރިއަށް ވުރެވެސް ހަށިގަނޑު ފަލަވެފައި ހުރިއިރު މޫނުމަތި ވީ އިތުރަށް ދޮނެވެ. ނަތާޝާ ދިން ދަޢުވަތަކަށް އަޒްކާ އެގެއަށް ދިޔައީ ޓެކްސީއެއްގައެވެ. ސިޓިންގރޫމުގައި މަޑުކޮށްގެން ތިބި ނަތާޝާގެ މައިންބަފައިން އަޒްކާއަށް މަރުޙަބާ ކިއިއެވެ.
"ރަނގަޅުތަ ހުރިހާކަމެއްވެސް" އަޒްކާގެ ބޮލުގައި ފިރުމާލަމުން ނުޝައިބާ އަހާލިއެވެ. އަޒްކާ ހިނިތުންވުމަކާއެކު ބޯޖަހާލިއެވެ. ހަވީރުގެ ސަޔަށް ކާމޭޒު ކައިރިއަށް ދިޔުމާއެކު މޭޒު ކައިރީގައި އިން އަމީޒާގެ ސަމާލުކަން އަޒްކާއަށް ހުއްޓުނެވެ. އަޒްކާ ބަލައިލުމާއެކު އަމީޒާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ފާއިތުވެ މިދިޔަ ދުވަސްތަކުގައި އަމީޒާގެ ބައްޔަށް ވަނީ ވަރަށް ބޮޑުތަން ކުރިއެރުން ލިބިފައެވެ. ކުރިން ހީލަން ހަނދާންނެތިފައި ހުރި އަމީޒާ މިހާރު ހީލާހަދައެވެ. އަމީޒާ ބަލަން ފެށި ގޮތަށް ހުއްޓާ ނުލުމުން އަޒްކާ ވާހަކަދެއްކިއެވެ.
"ދައްތަ ރަނގަޅުތަ...؟" އަޒްކާ އަހާލިއެވެ. އަޒްކާ މަޑުމަޑުން އަމީޒާގެ އަތް މަތީގައި އަތް ބާއްވާލިއެވެ. އަމީޒާއަށް ކުރެވިގެން ދިޔަ ތަފާތު އިހުސާސާއެކު ވަގުތުން ދެލޯ ފުރިގެން އައެވެ.
"އަމީ...! ކީއްވެތަ ރޮވެނީ. މިއީ އަހަރެމެންގެ ނަތާގެ އެންމެ ގާތް އެކުވެރިޔާ. ރީތި ކުއްޖެއްދޯ..." އަމީޒާގެ ލޯ ކައިރި ފޮހެދެމުން ފަރީޝާ ވާހަކަދެއްކިއެވެ. އަމީޒާ ސައި ބޮމުން ދިޔައިރުވެސް ދޭތެރެއަކުން އަޒްކާގެ މޫނަށް ނަޒަރެއް އެއްލައެވެ.
"އިނގޭތަ އަޒްކާގެ ތިއޮތް ކަހަލަ ވަރުގަދަ ދިގު ބުޅި އިސްތަށިގަނޑެއް އަމީގެވެސް އޮންނަނީ. އެހެންވެ ކަންނޭނގެ އެވަރަށް އަތް އެހާކަނީ..." އަމީޒާ އަޒްކާގެ އިސްތަށިގަނޑުގައި އަތް ހާކާތަން ފެނުމުން ފަރީޝާ ބުނެލިއެވެ. އަޒްކާ ހީލިއެވެ. އަދި ވަރަށް ފުން ނަޒަރަކުން އަމީޒާގެ މޫނަށް ބަލައިލިއެވެ. އަމީޒާގެ އަތުގައި ހިފާލުމަށްފަހު އަތް ތިލައިގާ ބޮސްދެވުނީ ކީކޭ ހިތަށް އަރައިގެންކަމެއް އަޒްކާއަށް ނޭނގުނެވެ.
"ދޮންދައްތާ... އަމީގެ ޑޮކްޓަރ ދުރުވާ ގަޑި ލަސްވެއްޖޭ ބުނީމެއްނު. ކިހާ އިރަކު ދުރުވަނީ...؟" ނުޝައިބާ އަހާލިއެވެ.
"އާނ... އަދި ހަނދާންވެސް ނެތި މި ހުންނަނީ.. ޑރ. ނާހިދު ގުޅުއްވާފަ ބުނި ކުޑައިރުކޮޅަކުން ގާތްކުރަނީއޭ... އަދި އަމީގެ ހެދުންވެސް ބަދަލުކޮށްލަން ޖެހޭނެ... އަވަސްކޮށްލާ އަމީ..." ފަރީޝާ ބުނެލިއެވެ. އަޒްކާއަށް ކުއްލި ޝޮކެއް ލިބިގެން ދިޔައެވެ. ނާހިދުގެ ނަން އިވުމާއެކު އޭނާއަށް ތެޅިގަނެވުނެވެ. އޭނާ އެގޭގައި އިންދާ ނާހިދަށް ފެންނަން ބޭނުމެއްނޫނެވެ. އޭނާ ފެނިއްޖެނަމަ އަނބުރާ ގެންދަންވެސް ނާހިދު ފަހެއް ނުޖެހޭނެއެވެ.
"ނަތާ...! މިދަނީ ދާން އިނގޭ ދެން..." އަވަސް އަވަހަށް އަޒްކާ ބުނެލިއެވެ. އަޒްކާއަށް އައި ބަދަލު ނަތާޝާއަށް އިނގުނެވެ.
"ހާދަ އަވަހަކަށް. އަދި ރަނގަޅަށް ސައި ވެސް ނުބޮވެއެއްނު. ހަމަޖެހިގެންދޭބަލަ...." ނުޝައިބާ ވާހަކަދެއްކިއެވެ. އިތުރަށް އެއްޗެއް ބުނަން ނުކެރުމުން އަޒްކާ އަލުން ގޮނޑީގައި އިށީނެވެ. އޭނާ ނަތާޝާގެ މޫނަށް ބަލައިލީ ކޮންމެސް ގޮތެއް ހަދާށޭ ބުނާ ފަދައިންނެވެ. އޭރު އަމީޒާ ގޮވައިގެން ފަރީޝާ އެތަނުން ހިނގައްޖެއެވެ.
"ވަރަށް ހީސްލަވާ އެބަ. ހިނގާބަ ކޮޓަރިއަށް" އަޒްކާ ބުނެލިއެވެ. ނުޝައިބާ އެއްޗެއް ބުނެފާނެ ކަމަށް މިފަހަރު އަޒްކާ ވާހަކަދެއްކީ ކުރިމަތީގައި ހުރި ކިރުތަށި އެއްފަހަރާ ދަމާލަމުންނެވެ.
"ނަތާ ކީއްވެ ނުބުނީ އަމީދައްތަގެ ޑޮކްޓަރ އަކީ ނާހިދޭ... ނަސީބެއްނު އިނގުނުކަން" ކޮޓަރިއަށް ވަދެވުމާއެކު އަޒްކާ ވާހަކަދެއްކިއެވެ.
"ހަމަ ހުވާކޮށްފަ މިބުނީ ނަތާއަކަށް ނޭނގޭ. ދެންމެގަ މަންމަ އެހެން ބުނީމަ މިއެނގުނީ" ނަތާޝާ އަވަހަށް ބުނެލިއެވެ.
"ދެން ކިހިނެއްދާނީ ވެސް... އަހަރެން ބޭނުމެއްނޫން މިގެއިން ނާހިދަށް އަހަރެން ފެންނާކަށް" އެނދުގައި އިށީންނަމުން އަޒްކާ ބުނެލިއެވެ.
"ދެން އަބަދަކު ތިހެނެއް ނޫޅެވޭނެއްނު. ކޮންމެސް އެއްދުވަހަކުން އޭނަގެ ކުރިމައްޗަށް އަރަންޖެހޭނެއްނު. އަބަދު ފިލައިގެން އުޅެވޭތަ...؟" ނަތާޝާ ވާހަކަދެއްކިއެވެ.
"އިނގޭ ނޫޅެވޭނެކަން. އެކަމަކު މަސައްކަތް ކުރެވިދާނެއްނު...." އަޒްކާ ބުނެލިއެވެ. އޭނާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ.
"ތިގޮތަށް އުޅޭއިރު މާލްއަށް ފޯލް ނުވޭތަ...؟" ނަތާޝާ އަހާލިއެވެ.
"ނުވޭ.. ދުވަހަކުވެސް ނުވާނެ.. ނާހިދުގެ ނަން މިހިތަކުން ދުވަހަކުވެސް ފިލައިގެން ނުދާނެ. އިނގޭ ދުވަހަކުވެސް އެ ލޯތްބެއް ދެން ނުލިބޭނެކަން" ލޯ ކައިރި ފޮހެލަމުން އަޒްކާ ވާހަކަދެއްކިއެވެ.
"ދެން ތިވާހަކަތައް ދައްކައިގެން ރޯން އުޅޭނެކަމެއް ނެތް. ކޮންއިރަކުންތަ ދެން ސްކޭން އިނީ..؟" ނަތާޝާ ބޭނުންވީ ވާހަކައިގެ މިސްރާބު އެހެން ދިމާލަކަށް ބަދަލުކޮށްލާށެވެ.
"މާދަން ނޫން އަނެއްދުވަހު. ނަތާ.....! ކުޑަ ފޭވަރއެއް ކޮށްދީބަލަ... ޕްލީޒް..." ނަތާޝާއާއި ދިމާލަށް އެނބުރިލަމުން އަޒްކާ ވާހަކަދެއްކިއެވެ.
"އަވަހަށްބުނޭ... އަޒްކީ ބުނެފިއްޔާ ޖާނާއި މާލާއި ނަތާގެ ރާދު ވެސް ދީފާނަން...." ކޮޅަށް ތެދުވެ ހަށިގަނޑަށް ހަރަކާތެއް ގެންނަމުން ނަތާޝާ ބުނެލިއެވެ. އޭނާ ބޭނުންވީ އަޒްކާގެ ތުންފަތަށް ހިނިތުންވުމެއް ގެންނާށެވެ. ވީވެސް އެހެންނެވެ. އަޒްކާއަށް ހެވުނެވެ.
"މަށެއް ނޫޅެން ނަތާގެ ރާއިދު ބޭނުންވެގެނެއް. މަށަށް ކަމެއް ކޮށްދެންޏާ އެންމެފަހަރަކު މަށަށް ނާހިދު ފެންނަގޮތް ހަދާދީބަލަ. ވަރަށް ދެކިލާހިތްވޭ... ދުރުން ނަމަވެސް....." އަޒްކާ ބުނެލިއެވެ. ނަތާޝާ އަޒްކާއަށް ބަލައިލިއެވެ. އަޒްކާގެ ދެލޮލުގައި ވަނީ އާދޭހެވެ.
"ޕްލީޒް.... ވަން ލާސްޓް ޓައިމް. ޕްލީޒް ނަތާ... ސޭ ޔެސް..." ނަތާޝާގެ އަތުގައި ހިފާ ތަޅުވާލަމުން އަޒްކާ ވާހަކަދެއްކިއެވެ.
"ވިލް ޓްރައި..." ނަތާޝާ ބުނެލިއެވެ. ވަގުތުން އަޒްކާ ނަތާޝާގެ ގައިގައި ބައްދާލިއެވެ. އިރުކޮޅަކުން ނަތާޝާ އަޒްކާ ކައިރީގައި ކަންތައް ކުރަންވީ ގޮތް ކިޔާދިނެވެ. އޭނާ ކޮޓަރިން ނިކުތުމާއެކު އަޒްކާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެހާއިރުން ފެށިގެން އޭނާ އިންތިޒާރުގެ ވަގުތުތައް ގުނަން ފެށިއެވެ.
އެއްގަޑީރުގެ ސެޝަނަކަށްފަހު ނާހިދު ނިންމާލާފައި ތެދުވިއެވެ. ފަރީޝާއާއި ނުޝައިބާ ނާހިދާއި ސަލާންކޮށްލިއެވެ. ނާހިދު އަތް ދިއްކޮށްލުމުން އަޅާނުލާ އިރުކޮޅަކު އިނުމަށްފަހު އަމީޒާ ސަލާންކޮށްލިއެވެ.
"ސެޝަން ނިންމާލީތަ...؟" ކުއްލިއަކަށް އައިސް ހުއްޓުނު ނަތާޝާ އަހާލިއެވެ. ނާހިދުގެ ނަޒަރު ނަތާޝާއަށް ހުއްޓުނެވެ.
"ނަތާއަށް އަދި ކިރިޔާ މިއިނގުނީ އަމީދައްތަގެ ޑޮކްޓަރަކީ ޑރ.ނާހިދުކަން. މިރޭ ގެއަށް ދާންވާނީ ކޮފީ ބޮއެގެން. ދުރުވޭ ނަތާއާއެކު..." ނަތާޝާ ބުނެލިއެވެ. ނާހިދު ދެކޮޅަށް އެއްޗެއް ބުނަން އުޅުނު ވަގުތު ނަތާޝާގެ ވާހަކަތަކަށް ބާރުލާ ނުޝައިބާ ވާހަކަދެއްކުމުން އެއްޗެއް ބުނަން ނުކެރުނެވެ.
"ދެން ހިނގާ. ގިނަގިނަ ފަހަރަކު މިކަހަލަ ފުރުޞަތެއް ނުލިބޭނެ..." ދެމާނަ އެކުލެވޭ ޖުމްލައެއް ނަތާޝާ ބުނެލިއެވެ. އެހެންގޮތެއް ނެތުމުން ނަތާޝާގެ ފަހަތުން ނާހިދް ހިނގައިގަތެވެ.
މޭޒު ކައިރީގައި އިށީނުމަށްފަހު ނާހިދު ފޯނާއި ކުޅެންފެށިއެވެ. ކޮފީތަށި ހަދައިގެން ގެނެސް ނާހިދު ކުރިމަތީގައި ބަހައްޓަމުން ނަތާޝާ ނާހިދާއި ދިމާލުން މޭޒުގެ އަނެއްފަރާތުގައި އިށީނެވެ. އެއަށްފަހު އަޒްކާ ފޯނުން މެސެޖެއް ލިޔެލާފައި އަޒްކާގެ ނަންބަރަށް ފޮނުވާލިއެވެ.
"ނާހިދް ރަނގަޅުތަ....؟" ނާހިދު ބަސްނުކިޔާ ކޮފީ ބޯން ފެށުމުން ނަތާޝާ ވާހަކަދެއްކިއެވެ.
"އަލްހަމްދުލިއްލާހް.... ވަރަށް ރަނގަޅު" ނާހިދު ދިނީ ކުރު ޖަވާބެކެވެ. ބަދިގެބަޔާއި މައްޗަށް އަރަން ހުރި ސިޑިއާއި ދެމެދުގައިވާ ތަނބެއްގެ ފުރަގަހުގައި ހުރި އަޒްކާއަށް ނަތާޝާ ކަޅިއެއް އެއްލިއެވެ. އަޒްކާ ނާހިދުގެ މޫނަށް ބަލަހައްޓައިގެން ހުރީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ. ލޮލުގައިވީ ކަރުނަތައް އެހިސާބުންވެސް ނަތާޝާއަށް ސިއްރެއް ނުވިއެވެ.
"ނާހިދު ނޫޅެންތަ މެރީކުރާކަށް. މިބުނީ އަޒްކީއަށް ވެއިޓްކުރަނީހޭ އަދިވެސް" އަހަން ނާހަން އިނދެފައިވެސް ނަތާޝާ އަހާލިއެވެ. ނާހިދު ނަތާޝާއަށް ނަޒަރެއްދިނެވެ.
"ތިއީ މީހަކު ބުނެގެން މަށާ ކުރި ސުވާލެއްތަ...؟" ނާހިދު އަހާލިއެވެ.
"ނޫން... ހަމަ ހިތަށް އެރީމަ އަހާލީ" ނަތާޝާ ބުނެލިއެވެ.
"އެހެންވިއްޔާ ބުނެފާނަން. އަހަރެންގެ އެދުވަސްތައް މާޒީއާއި އެކުވެގެން ގޮއްސި. ވަގުތާއި ހާލަތު ބަދަލުވަމުން ދިޔަވަރަކަށް ދިޔައީ އަހަރެންގެ ހިތް ވެސް ބަދަލުވަމުން. މާނައަކީ އަހަރެން އަޒްކާއަށް އިންތިޒާރެއް ނުކުރަމޭ. އެހެންނޫނަސް އަހަރެންނަކީ މީހެއްގެ އަންބެއްގެ ފަހަތުން ދުވާނެ މީހެއްނޫން. ނަތާއާއި އަޒްކާ ދިމާވެގެން އަހަރެންގެ ވާހަކައެއް އަހައިފިއްޔާ ބުނެދޭތި އަހަރެން މިބުނިގޮތަށް.... ވަގުތު ޖެހުނީމަ ﷲ އިރާދަކުރެއްވިއްޔާ އަހަރެންވެސް ދިރިއުޅުމެއް ފަށާނަން" ފެންތަށިން ކޯވަރެއް ބޯލަމުން ނާހިދް ތެދުވެ ދާން ހިނގައިގަތެވެ.
"ނަތާ....! ތޭންކްސް ފޯރ ދަ ކޮފީ..." ނަތާޝާއާއި ވާހަކަދެއްކުނީ ހަރުކަށި ކޮށްކަން އިނގުމުން ނާހިދު އެނބުރިލާފައި ބުނެލިއެވެ. އޭނާ ނިކުމެގެން ދިޔައީ ފިލާހުރި އަޒްކާގެ ކުރިމަތިން އަޅާފައެވެ. ނާހިދު ނިކުތްކަން ޔަޤީންވުމާއެކު ނަތާޝާ ދުވެފައި ގޮސް ހުއްޓުނީ އަޒްކާގެ ކުރިމަތީގައެވެ. ރޮވިފައި ހުރި އަޒްކާ ފެނުމުން ނަތާޝާ ހިތުގައި ރިއްސާލިއެވެ.
"އަހަންނަށް ހުރިހާ އެއްޗެއް އަޑުއިވިއްޖެ" ނަތާޝާގެ ކޮނޑުގައި ބޯއަޅާލަމުން އަޒްކާ ބުނެލިއެވެ. އޭނާއަށް ރޮވެމުން ދިޔައިރު ނަތާޝާ ހުރީ އަޒްކާގެ ބުރަކަށީގައި ފިރުމާލަ ފިރުމާލައެވެ.
(ނުނިމޭ)