ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ޝެއިޚް އިމްރާން އަބްދުﷲ ގެ އަދާލަތު ޕާޓީގެ ސިޔާސީ އެއްވެސް ބުރަދަނެއް ރައްޔިތުންގެ ކުރިމަތީގައި ނެތްކަން ނިމިގެން މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުން ވަރަށް ބޮޑަށް ސާފުވެގެން ހިނގައްޖެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސްޕެޝިއަލް އެންވޯއީ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ މަޖިލިސް ޕްރައިމަރީން ބަލިވެވަޑައިގަތުމުން އަމިއްލަ ގޮތުން ވާދަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ކާށީދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވީ 30 އަހަރު ވެރިކަން ކުރެއްވި ބޭފުޅަކު ތާއީދު ދެއްވައިގެން ގިނަ އަދަދެއްގެ ކެންޑިޑޭޓުންތަކެއް ނެރެ އޭގެން އެއްވެސް ކެންޑިޑޭޓަކު މަޖިލީހަށް ނުހޮވުމުން އެބޭފުޅާ ސިޔާސީ މައިދާނުގައި ރައްޔިތުން ބަލައިނުގަންނަކަން އަމިއްލަފުޅަށް ވެސް ގަބޫލުކުރަން ޖެހޭނެ ކަމަށެވެ.
"މައުމޫން މިއަދު އަމިއްލަފުޅަށް ވެސް ގަބޫލުފުޅުކުރައްވަން އެބަ ޖެހޭ ތިމާގެ ސިޔާސީ އެއްވެސް ބުރަދަނެއް ނެތްކަން. އެބޭފުޅާގެ ބަހަށް ވަކި މީހަކަށް ވޯޓުދޭނެ މީހަކު މިރާއްޖޭގައި ނެތްކަން ގަބޫލުފުޅުކުރައްވަން އެބަޖެހޭ. އަދި ގަބޫލުފުޅު ނުކުރެއްވިޔަސް ހަގީގަތަކީ މީ ނޫންތޯ! އެއޮތީ ފެންނަން ނޫންތޯ! އެހެން ނޫން ނަމަ އެންމެ ގޮނޑިއެއް ނަމަވެސް ނެގެން ވީ ނޫންތޯ!" ޖާބިރު ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވީ މައުމޫނަށް އެންމެ ރަނގަޅު ގޮތަކީ ދެން ސިޔާސީ މައިދާނުން ވެސް ފެއަށް ޖެހިވަޑައިގަތުން ކަމަށެވެ. މައުމޫނުގެ ސިޔާސީ ސަޕޯޓެއް ނެތް ކަމަށް ރައްޔިތުން ނިންމުމުން އެބޭފުޅާ ކެބިނެޓަށް ލާފައި ތިބި ވަޒީރުން ވެސް ވަކިކުރައްވަން އެބަ ޖެހޭ ކަމަށް ޖާބިރު ވިދާޅުވި އެވެ.
ޖާބިރު އިތުރަށް ވިދާޅުވީ ޝެއިޚް އިމްރާންގެ އަދާލަތު ޕާޓީގައި ވެސް ސިޔާސީ ބުރަދަނެއް ނެތްކަން އެނގިއްޖެ ކަމަށާއި އެކަން މިނާން ޖެހޭ މިންގަނޑަކީ އިންތިޚާބުތައް ކަމަށެވެ.
ޖާބިރު އިއްޔެ ވިދާޅުވީ ކެބިނެޓުގައި ވެސް ދެން ތިބެން ޖެހޭނީ ހަމައެކަނި އެމްޑީޕީގެ ވަޒީރުން ކަމަށާއި ކޯލިޝަނެއް މިހާރު ނެތް ކަމަށެވެ.