މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު އަންނަ މެއި މަހުގެ 28 ވަނަ ދުވަހު ހަމަ ވާނެ އެވެ. ބެލެވޭ ގޮތުގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުވާ ކުރުން ވެސް އެމަހުގެ ފަހުކޮޅު އޮންނާނެ އެވެ.
އާ ރައްޔިތުންގެ މަޖިލީހާ އެެކު މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ކަމުގެ މަގާމަށް ވެސް ބޭފުޅުން ހަމަޖައްސަން ޖެހޭނެ އެވެ. މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ހުންނެވީ ޖުމުހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހީމް އެވެ. ނައިބު ރައީސް ކަމުގައި ހުންނެވީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ނުލައްވާ މެންބަރެއް ކަމަށްވާ މޫސާ މަނިކެވެ.
އާ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ގާތްގަނޑަކަށް މުޅީން ކަށަވަރުވެ، މަޖިލީހުގެ ސުޕަ މެޖޯރިޓީއާ އެކު ތާރީޚީ މޮޅެއް އެމްޑީޕީއަށް ލިބިފައިވާ އިރު، އެ މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީގެ މެންބަރަކު ގެނައުމުގެ ކެމްޕޭން ވަނީ ފަށައިފަ އެވެ. މީސްމީޑިއާ އަދި މެއިން ސްޓްރީމް މީޑިއާއިން އަދި ފެންނަނީ ދެ ބޭފުޅެއްގެ ނަމެވެ. އެއީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އިވާ އަބްދުﷲ އާއި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެވެ.
އަސްލަމް މަޖިލީހުގެ ރައީސް ކަމަށް ގެންނަން މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސްޕެޝިއަލް އެންވޯއީ އަދި 19 ވަނަ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވަނީ ވިދާޅުވެފަ އެވެ.
"ވަން އޮންލައިން"އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އަސްލަމް މިއަދު ވިދާޅުވީ ޕާޓީން އެފަދަ ނިންމުމެއް ނިންމައިފި ނަމަ އެ މަގާމު ގަބޫލުކުރައްވާނެ ކަމަށެވެ. ބައެއް ފަރާތްތަކުން އެ ކަމާ މަސައްކަތްކުރާކަން އެނގިވަޑައިގެންފައިވާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
އާ މަޖިލީހުގެ ރައީސާ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އިވާ އަބްދުﷲ އަށް ތާއީދު ކުރައްވާ ކަމަށް އެމްޑީޕީގެ މަޖިލިސް ކެމްޕޭން ސްޕޯކްސްޕާސަން އަފްޝަން ލަތީފު ވަނީ ވިދާޅުވެފަ އެވެ. އަފްޝަން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ރައީސާ ކަމުގެ މަގާމުގެ މަސްއޫލިއްޔަތު ޒިންމާދާރު ކަމާ އެކު އަދާކުރައްވާނެ ބޭފުޅަކަށް އީވާ ވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރައްވާ އެހެން ބޭފުޅަކު ނަން ނުޖެހުމަށް އެދިވަޑައިގެން ވިދާޅުވީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ ތުޅާދޫ ދާއިރާއަށް ހޮވިވަޑައިގެންނެވި ހިސާން ހުސެއިން އެވެ.
"މަޖިލިސް ރައީސް ފަދަ ގާނޫނީ ކަންކަމާ ވެސް ގުޅިފައި އޮންނަ މަސްއޫލިއްޔަތެއް އަދާކުރުމަށް ހިސާން މާ ރަނގަޅު ވާނެ ކަމަށް އަޅުގަނޑަށް ފެންނަނީ. އެކަން ވަނީ މާޒީން ވެސް ފެނިގެން ގޮސްފައި." ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.
އެމްޑީޕީން އާ މަޖިލީހުގެ ރައީސް ކަމަށް އެ ޕާޓީގެ މެންބަރަކު ގެނައުމުގެ ވާހަކަތައް ދައްކާ އިރު، ވެރިކަން ކުރާ ކޯލިޝަނުގެ ބައިވެރީންނާ އެކު އޭރުގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ، 12 ޖުލައި 2018 ވަނަ ދުވަހު ސޮއިކުރައްވާފައިވާ އެއްބަސްވުމުގައި ބުނެފައިވާ ގޮތުން ނަމަ، ކޯލިޝަން ވެރިކަން ދެމިއޮތްހާ ދުވަހަކު މަޖިލީހުގެ ރައީސް ކަމުގައި ހުންނާނީ ޖުމުހޫރީ ޕާޓީން ކަނޑައަޅާ އެޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރެކެވެ.
އެ އެއްބަސްވުމުގެ ތިން ވަނަ ނުކުތާގައި ބުނެފައި އޮންނަނީ "ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ކޯލިޝަނަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އޮތް ކޮންމެ ހިނދެއްގައި އެ މަޖިލީހުގެ ރައީސްކަން ކުރަން ވާނީ ޖުމުހޫރީ ޕާޓީން ކަނޑައަޅާ އެ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ކަމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ކުރާނީ ކުރީގެ ރައީސް، އަލް އުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ކަނޑައަޅުއްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް" ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި މިހާރު ހުންނެވި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ވެސް އިންތިޚާބުވެވަޑައިގެންފައިވާ ބޭފުޅެއް ކަމުން، އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އެ ޕާޓީގެ މެންބަރަކު ހަމަޖައްސަން މިހާރު ކުރާ މަސައްކަތަކީ ކޯލިޝަނަށް އަނެއްކާވެސް ބޮޑެތި ލޮޅުންތަކެއް އަރާނެ ކަމެކެވެ. އެހެން ނަމަވެސް އެ މަސައްކަތަކީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ގޮތަށް ބޭނުންފުޅު ވެގެން ނުވަތަ އެމަނިކުފާނަށް އެނގިވަޑައިގެން ކުރިޔަށް ގެންދާ ކަމެއް ކަމެއް ސާފެއް ނުވެ އެވެ.