އިބްރާހިމް ޒަކީ
މި އާޓިކަލްގައި މި ބަލައިލަނީ މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާ ތަކަށް ބަލާ އިރު އެންމެ މަތީ އަޣުލަބިއްޔަތަކުން މަޖިލީހުގެ ގޮނޑިތައް ކާމިޔާބުކުރެއްވި ފަސް ކެންޑިޑޭޓުންނަށެވެ. މި މައުލޫމާތަށް ބައެއް ބަދަލުތައް ފަހުން އައުމަކީ އެކަށީގެންވާ ކަމެކެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު، އެންމެ މަތީ ޕަސެންޓުގެ ވޯޓުން ކާމިޔާބު ކުރެއްވި މެންބަރަކީ ހިތަދޫ ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަ ކުރެއްވި އިބްރާހިމް ނާޒިލްއެވެ.
ނާޒިލް އަކީ އެމްޑީޕީގެ ކެންޑިޑޭޓެކެވެ.
އަމިއްލަ ގޮތުން އެ ދާއިރާގައި ވާދަކުރެއްވި ތިން ކެންޑިޑޭޓުން ކަމަށްވާ ޑރ. އަހުމަދު އަދީލް ނަސީރު އާއި އަހުމަދު ލަތީފްގެ އިތުރުން މުހައްމަދު ރަޝީދާ ވާދަ ކުރައްވައި، ނާޒިލް އެ ގޮނޑި ކާމިޔާބު ކުރެއްވީ 1670 އަށްވުރެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ. އެއީ ވޯޓުގެ 69.85 ޕަސެންޓަށްވުރެ މަތީ އަދަދެކެވެ.
ދެވަނައަށް އެންމެ މަތީ ޕަސެންޓޭޖަކުން އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ، ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ދިފާއު ކުރެއްވި އެމްޑީޕީގެ އީވާ އަބުދުﷲ އެވެ. އީވާ އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ، 1200 އަށްވުރެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ. އެއީ ވޯޓުގެ 69.07 ޕަސެނެޓަށްވުރެ މަތީ އަދަދެކެވެ. އީވާ ގޮނޑި ދިފާއު ކުރެއްވީ ހަތަރު ކެންޑިޑޭޓަކާ ވާދަ ކުރައްވައިގެންނެވެ.
ބޮޑު ކާމިޔާބެއް އެމްޑީޕީން ހޯދި މި އިންތިހާބުގައި ތިންވަނައަށް އެންމެ މަތީ ޕަސެންޓުގެ ވޯޓު ކާމިޔާބު ކުރެއްވީ، މާފަންނު އުތުރު ދާއިރާގެ ގޮނޑި ދިފާއު ކުރެއްވި އެމްޑީޕީގެ އިމްތިޔާޒު ފަހުމީއެވެ. އިންތި ގޮނޑި ދިފާއު ކުރައްވާފައިވަނީ، އެގާރަސަތޭކައަށްވުރެ ގިިނަ ވޯޓު ހޯއްދަވައިގެންނެވެ. އެއީ ވޯޓުގެ 65.21 ޕަސެންޓަށްވުރެ މަތީ އަދަދެކެވެ.
އިންތި ވަނީ ދެ ކެންޑިޑޭޓަކާ އެދާއިރާއިން ވާދަ ކުރައްވައިފައެވެ.
މި އިންތިހާބުގައި މީދޫ ދާއިރާގެ ގޮނޑި ދިފާއު ކުރެއްވި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ހިމެނި ވަޑައިގަންނަވަނީ ވެސް އެންމެ ބޮޑު ޕަސެންޓަކުން އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންގެ ތެރޭގައެވެ.
އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ނިޒާމާ ވާދަ ކުރައްވައި ސިޔާމު އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ، ތޭރަސަތޭކައްށްވުރެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ. އެއީ ވޯޓުގެ 63.87 ޕަސެންޓަށްވުރެ މަތީ އަދަދެކެވެ.
މިފަހަރު އަލަށް ރައްޔިތުންގެ މަޖިލީހަށް ހޮވި ވަޑައިގެންނެވި ތުޅާދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ހިސާން ހުސައިން އަކީވެސް ވޯޓުގެ ބޮޑު ޕަސެންޓަކުން އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
މިފަހަރުގެ މަޖިލީހުގައި ތިއްބަވާނެ ހަތަރު އަންހެން މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ހިސާން އިންތިހާބު ކާމިޔާބު ކުރެއްވީ ހާހަކަށްވުރެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ. ޕަސެންޓޭޖަށް ބަލާއިރު އެއީ 62.77އަށްވުގެ މަތީ އަދަދެކެވެ.
އިންތިހާބުގައި ހިސާން ވަނީ ތިން ކެނޑިޑޭޓަކާ ވާދަ ކުރައްވައިފައެވެ.
މި އިންތިހާބުގައި އެންމެ މަތީ ޕަސެންޓުގެ ވޯޓުން ހިތަދޫ ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އިބްރާހިމް ނާޒިލް އަކީ ހިސާން ހުސައިންގެ ފިރިކަލުންނެވެ.