ކޯލިޝަން ވަނީ މާކުރީން ވެސް ރޫޅިފައި ކަމަށާއި މަޖިލިސް އިންތިޚާބުގެ ނަތީޖާއިން އެކަން އަދި މާބޮޑަށް ސާފުވެގެން ހިނގައްޖެ ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އިބްރާހީމް މުހައްމަދު ސޯލިހުގެ ސްޕެޝިއަލް އެންވޯއީ އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
މަޖިލިސް އިންތިޚާބުގައި އެމްޑީޕީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގަތުމުން އަމިއްލަ ގޮތުން ވާދަކުރައްވައި އެމްޑީޕީ ކެންޑިޑޭޓް ބަލިކުރައްވައި ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޖާބިރު "ވަން އޮންލައިން"އަށް މިއަދު ވިދާޅުވީ، ކޯލިޝަން ބައިވެރީންގެ ތެރޭގައި ހާލަތު މިހާރު އޮތް ގޮތަށް ބަލާ އިރުގައްޔާއި މި ފަހަރުގެ މަޖިލިސް އިންތިޚާބުގައި ރައްޔިތުން ވޯޓުދިން ގޮތަށް ބަލާ އިރު އެ ރައްޔިތުން ބޭނުންވަނީ ސަތޭކަ ޕަސެންޓް އެމްޑީޕީގެ ވެރިކަމެއްކަން ސާފު ކަމަށެވެ.
"ރައްޔިތުންގެ ބަސް ވަރަށް ސާފު ނޫންތޯ! ޖުމުހޫރީ ޕާޓީއެއް މައުމޫނެއް ޝެއިޚް އިމްރާނެއް ރައްޔިތުން ބޭނުމެއް ނުވޭ ނޫންތޯ! އެހެން ނޫންތޯ ރައްޔިތުން އެ ބުނަނީ. އެހެންވީމަ މިތާ އޮންނަން ޖެހޭނީ އެމްޑީޕީގެ ސަރުކާރެއް." ޖާބިރު ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވީ އެހެން ޕާޓީތަކުގެ ވަޒީރުން މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ އަރުވާނެ ކަމަށާއި މިހާރު ތިއްބެވި ކޯލިޝަނުގެ ވަޒީރުންނަށް އެ މަގާމުތަކުގައި އެ ގޮތަށް ތިއްބެވިގެން ނުވާނެ ކަމަށެވެ.
ޖާބިރު އިތުރަށް ވިދާޅުވީ އޭނާ އަކީ މިއަދުވެސް އެމްޑީޕީގެ މެންބަރެއް ކަމަށާއި ހުންނަވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅުގައި ކަމަށެވެ.
ކުރީން މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ގެންގުޅުއްވި ޖާބިރު ވިދާޅުވީ އި ވިސްނުންފުޅު މިހާރު ދޫކޮށްލައްވައިފި ކަމަށާއި މަޖިލީހުގެ ރައީސް ކަމަށް ގެންނަވަން ތާއީދު ކުރައްވަނީ އަސްލަމް ކަމަށެވެ.
"އަޅުގަނޑު މިހާރު ބޭނުންވަނީ ކާށިދޫއިން ސީދާ އައްޑޫއަށް މަޖިލީހުގެ ރައީސްކަން ދޭން. އެހެންވީމަ އަސްލަމަށް ސްޕީކަރުކަން ދިނީމަ އެއީ ޕާޓީއަށް ވެސް އެންމެ ރަނގަޅު ގޮތްކަމަށް ވާނެ. އެގޮތަށް މިހާރު ތާއީދުކުރަނީ." ޖާބިރު ވިދާޅުވި އެވެ.