ރައްޔިތުންގެ މަޖިލިސް

ނަވާރަވަނަ މަޖިލީހުގެ ހުވާކުރުން އޮންނާނެ ދުވަހެއް އަދި ކަނޑައެއްނާޅަން: މަޖިލިސް

މަރިޔަމް ޝަހުދާ

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންނެވި މެންބަރުން ހުވާކުރުން ކުރިއަށް ގެންދާނެ ދުވަހެއް އަދި ކަނޑަނާޅާ ކަމަށް ރައްޔިތުން މަޖިލީހުން ބުނެފި އެވެ.

"ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑައިރެކްޓަރު، ހަސަން ޒިޔާއު ވިދާޅުވީ ބައެއް މީޑިއާ ތަކުގައި އަންނަ މެއި މަހު 28ގައި އާ މަޖިލީހުގެ މެންބަރުން ހުވާ ކުރައްވާނެ ކަމަށް ރިޕޯޓުކޮށްފައި ވީނަމަވެސް އެ ތާރީހަކީ އަދި ރަނގަޅު ތާރީހެއް ނޫންކަމަށެވެ. ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާ ކުރައްވާނެ ތާރީހެއް ރައްޔިތުންގެ މަޖިލީހުން ވަރަށް އަވަހަށް ރަސްމީކޮށް އިއުލާނު ކުރާނެކަމަށް ވެސް ޒިޔާއު ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ ގަވައިދުގެ 208 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވާ ގޮތުގައި މަޖިލީހުގެ މެންބަރުކަމަށް އިންތިހާބުވާ މެންބަރުން ގާނޫނު އަސާސީގެ 81 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ މެންބަރުކަމުގެ ގާނޫނީ ހުވާ ކުރުމުގެ އިންތިޒާމް ހަމަޖައްސަވަން ޖެހެނީ މަޖިލީހުގެ ރައީސް އެވެ. ގާނޫނު އަސާސީގެ 81 ވަނަ މާއްދާގައި ވާގޮތުގެ މަތިން މެންބަރެއްގެ މަގާމު އަދާކުރަން ފެށުމުގެ ކުރިން އުއްތަމަ ފަނޑިޔާރުގެ ކުރިފުޅުމަތީގައި ނުވަތަ އުއްތަމަ ފަނޑިޔާރު ކަނޑައަޅުއްވާ ފަނޑިޔާރެއްގެ ކުރިފުޅުމަތީގައި ގާނޫނު އަސާސީގެ ޖަދުވަލު 1 ގައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިކޮށް އެ ހުވާގެ އެގްރީމަންޓުގައި މެންބަރުން ސޮއި ކުރައްވަން ޖެހެއެވެ.

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަ ވާނީ އަންނަ މެއި މަހުގެ 28 ވަނަ ދުވަހު އެވެ.