ބްރޯޑްކާސްޓިން ކޮމިޝަން

އީސީގެ މެމްބަރުން ހުށަހެޅި މައްސަލަތަކަށް ޖަވާބުދާރީވާން ޗެނަލް 13އަށް ބްރޯޑްކޮމް އިން އަންގައިފި

މުހައްމަދު އައުޒަމް

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއި އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފްގެ އަބުރަށް ހުތުރުވާ ގޮތަށް ޗެނަލް 13 އިން ކޮންޓެންޓް ފޮނުވި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތަކަށް ޖަވާބުދާރީވުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ޗެނަލް 13 އަށް އަންގައިފިއެވެ.

ބްރޯޑްކޮމް އިން ޗެނަލް 13 އަށް އަންގާފައިވަނީ އެ މައްސަލަތަކަށް މިމަހުގެ 28 ވަނަ ދުވަހުގެ ކުރިން ޖަވާބު ދިނުމަށެވެ.

އަބުރަށް ހުތުރުވާގޮތަށް ޗެނަލް 13 އިން ކޮންޓެންޓް ފޮނުވި ކަމަށް ބުނެ ހުށަހަޅާފައިވަނީ ހަތް މައްސަލައެކެވެ. އެއީ އިލެކްޝަންސް ކޮމިޝަނުން ފޮނުވި މައްސަލައަކާއި އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން އެ ކޮމިޝަންގެ ރައީސް ޝަރީފް ފޮނުއްވި ހަ މައްސަލައެކެވެ.

އޭގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުން ހުށަހަޅާފައިވާ މައްސަލައަކީ ފިލާފައިވާ ކަމަށް ތުހުމަތުކުރެވޭ ތިން މެމްބަރުން ކަމަށް ބުނެ ޗެނަލް 13ގެ ސްކްރީންގެ ކަނަކަށް ކޮމިޝަންގެ މެމްބަރުންގެ ފޮޓޯ އެރުވުމެވެ.

އިލެކްޝަންސް ކޮމިޝަނުން ދާއިމީ ނަތީޖާތައް އިއުލާންކުރި ހިސާބުން އޮޅުވާލި ވޯޓުގެ ނަމުގައި ޕީޕީއެމްއިން ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންދެއެވެ. އެ މުޒާހަރާގެ ތެރެއިން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ވެސް ޝަރީފްގެ އަބުރަށް ހުތުރުވާ ގޮތަށް ވާހަކަދައްކަވަމުންދާ ކަން ފާހަގަކޮށްލެވެއެވެ.