ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

ގޮނޑި ގެއްލުނު 12 މެންބަރުންގެ ތެރެއިން މަޖިލީހަށް ހޮވުނީ ސައުދު އެކަނި

މަރިޔަމް ޝަހުދާ

2017 ވަނަ އަހަރު ގޮނޑި ގެއްލުނުކަމަށް ބުނެ މަޖިލީހުން ވަކި ކުރި 12 މެމްބަރުންގެ ތެރެއިން 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ގޮޑި ދިފާއު ކުރެއްވި ބޭފުޅަކަށް ގއ. ވިލިނގިލި ދާއިރާއަށް ހޮވިވަޑައިގެންނެވި ސައުދު ހުސައިން ވެވަޑައިގެންފިއެވެ.

މިހާރު ވެސް ވިލިނގިލީ ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވާ ސައުދު ގޮނޑި ދިފާއު ކުރައްވާފައި ވަނީ އިތުރު ފަސް ކެނޑިޑޭޓުންނާ ވާދަކުރައްވައިގެންނެވެ. އެއީ އެމްޑީޕީ ކެންޑިޑޭޓް ހާރޫން ރަޝީދު، އެމްޓީޑީ ކެންޑިޑޭޓު މުހައްމަދު އިކްލީލު އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ޝަހީބް އިބްރާހީމް، ޝަހީބް އަބްދުލް އަޒީޒް އަދި މުސްއަދު ސައީދެވެ. ސައުދު ވެސް މި ފަހަރު މަޖިލީހަށް ކުރިމަތިލައްވާފައި ވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައެވެ.

12 މެމްބަރުންގެ ތެރެއިން އިހަވަންދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ބައިވެރިވެވަޑައިގެންނެވި މުހައްމަދު އަބްދުﷲ (މުހައްމާ) ވަނީ ޕްރައިމަރީން ބަލިވެފަ އެވެ. ޕްރައިމަރީން ނާކާމިޔާބު ވުމުން މަޖިީހުގެ އިވަހަންދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކޮށް މުހައްމާއާ ނާކަމިޔާބާއި ކުރިމަތިވި އިރު އެދާއިރާ ކާމިޔާބުކޮށްފައި ވަނީ އެމްޑީޕީ ޕްރައިމަރީގައި ވެސް މުހައްމާ ބަލި ކުރި މުހައްމަދު ޝިފާއުއެވެ.

ޕީޕީއެމް ޓިކެޓުގައި ވާދަކޮށް 18 ވަނަ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަލީ ފަޒާދަށްވެސް މިފަހަރުގެ އިންތިހާބުގައި ވަނީ ނާކާމިޔާބާއި ކުރިމަތިލައްވަން ޖެހިވަޑައިގެންފަ އެވެ. ސަރުކާރުން ގާނޫނީ އިމުން ބޭރުވި ކަމަށް ވިދާޅުވެ އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތް ފަޒާދު ފުވައްމުލަކު ދެކުނު ދާއިރާއަށް ކުރިމަތިލައްވާފައި ވަނީ އަމިއްލަ ގޮތުންނެވެ. އޭނާގެ އިތުރުން މި އިންތިހާބުގައި ފުވައްމުލަކު ދެކުނު ދާއިރާއަށް އިތުރު ދެ ކެންޑިޑޭޓަކު ވާދަކުރެއްވި އިރު، އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާފައި ވަނީ އެމްޑީޕީ ކެންޑިޑޭޓު މުހައްމަދު މުމްތާޒެވެ.

މިހާރު ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރުކަން ކުރައްވަމުން ގެންދަވާ އަލީ ޝާހުވެސް މަޖިލީހު އިންތިހާބަށް ނިކުންނެވީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައެވެ. އޭނާއަށް ގޮނޑި ގެއްލިފައި ވަނީ އެމްޑީޕީން އެ ދާއިރާއަށް ކުރިމަތިލެއްވި ކެންޑިޑޭޓު މުހައްމަދު ރަޝީދު އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެނެވެ.

މަޖިލީހުގެ މައްޗަން ގޮޅި އުތުރު ދާއިރާގެ މިހާރުގެ މެންބަރު ޝިނާން ވެސް މި ފަހަރު މަޖިލީހަށް ކުރިމަތިލެއްވީ އަމިއްލަގޮތުންނެވެ. އެހެން ނަމަވެސް އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ހައިތަމް އެވެ.

ތިނަދޫ އުތުރު ދާއިރާއަށް ކުރީގެ ރައީސް މައުމޫން ގެ ތާއީދާއެކު ވާދަކުރެއްވި ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނަށް ޖޭޕީގެ ފަރާތުން ވާދަކުރެއްވި އަބްދުﷲ އަހުމަދު (އަބުޅޯ) އަށް ވެސް ވަނީ ނާކާމިޔާބާ ކުރިމަތިވެފައެވެ. މިދެ ދާއިރާގެ ގޮނޑި ވެސް ކާމިޔާބުކުރެއްވީ އެމްޑިޕީގެ ކެންޑިޑޭޓުންނެވެ. އެ ގޮތުން ތިނަދޫ ދެކުނު ދާއިރާ އެމްޑީޕީ ކެންޑިޑޭޓު އަބްދުﷲ ސަނީފް ކާމިޔާބުކުރިއިރު ތިނަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވާފައި ވަނީ އަބްދުﷲ މުޣުނީ އެވެ.

މަޑުއްވަރީ ދާއިރާއިން މުހައްމަދު އަމީތަށް ނާކާމިޔާބާ ކުރިމަތި ވެފައި ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާ ވާދަކުރައްވައިގެންނެވެ. އެގޮތުން އަމީތް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލީހަށް ނިކުންނެވި އިރު އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އާދަމް ޝަރީފު ކުރިމަތިލައްވާފައި ވަނީ ޕީއެންސީ ޓިކެޓުގައެވެ.

މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ)އަކީ 12 މެންބަރުންގެ މައްސަލަ ވަކި ކޮޅެއްގައި ޖެހެންދެން އެތައް މަސައްކަތް ތަކެއް ކުރެއްވި ބޭފުޅެކެވެ. ކުރީގެ ރައީސް މައުމޫންގެ ތާއީދާއެކު ތުލުސްދޫ ދާއިރާއަށް ވައްޑޭ ކުރިމަތިލެއްވިއިރު އޭނާއަށް ނާކާމިޔާބާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވީ އަމިއްލަ ގޮތުން ވާދަކުރެއްވި އިބްރަހީމް ނަސީމް އެ ގޮނޑި ކަމިޔާބު ކުރެއްވުމާ ގުޅިގެނެވެ.

ޖޭޕީގެ ފަރާތުން މަޖިލީހުގެ ހަނިމާދޫ ދާއިރާއަށް ކުރިމަތިލެއްވި ހުސައިން ޝަހުދީވެސް ކުރިމަތިލެއްވީ އޭނާގެ ގޮނޑި ދިފާއުކުރެއްވުމަށެވެ. އިދިކޮޅު ތިން ކެނޑިޑޭޓުން އެ ދާއިރާއަށް ވާދަކުރި އިރު އޭނާއަށް އިންތިހާބުން ނާކާމިޔާބާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވީ އެމްޑީޕީން އެ ދާއިރާއަށް ވާދަކުރެއްވި އަބްދުލް ގަފޫރު މޫސާ އެ ގޮނޑި ކާމިޔާބު ކުރެއްވުމާ ގުޅިގެނެވެ.

ދިއްދޫ ދާއިރާގެ މިހާރުގެ މަޖިލިސް މެންބަރު އަބްދުލް ލަތީފް މުހައްމަދަށްވެސް ވަނީ މިފަހަރުގެ އިންތިހާބުގައި ނާކާމިޔާބާ ކުރިމަތިވެވަޑައިގެންފަ އެވެ. އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ އެމްޑީޕީގެ ފަރާތުން ކުރިމަތިލެއްވި ކެންޑިޑޭޓު މުހައްމަދު ހަސަން އެވެ.

ގޮނޑި ގެއްލުނު 12 މެންބަރުންގެ ތެރެއިން ގިނަ ބަޔަކަށް ހައިރާންކަން ލިބުނު އެއް ދާއިރާއަކީ ތިމަރަފުށީ ދާއިރާ އެވެ. އެދާއިރާގެ މުހައްމަދު މުސްތަފާގެ މައްޗަށް ކުރިހޯއްދަވައިގެން އެ ގޮނޑި ކާމިޔާބުކުރެއްވީ ޖޭޕީގެ ކެންޑިޑޭޓް އަބްދުﷲ ރިޔާޒް އެވެ.