ދީން

އެކާވީސްވަނަ ސައްތައިގެ އިޖުތިމާޢީ ވަބާތަކުގެ ތެރެއިން: ކާވެނީގެ ބޭރުން ޖިންސީގުޅުން ހިންގުން 4

އަބްދުﷲ ފާރޫގް ހަސަން

(14 ޖުލައިގެ އަދަދާ ގުޅޭ)

މި ނުރައްކައުތެރި އިޖުތިމާޢީ ރަވައްޔާ ހުއްދަކުރައްވަން ވަކާލާތުކުރައްވާ ފަރާތްތަކުން އެންމެބާރަށް ދައްކަވާ ވާހަކައަކީ ކާވެނީގެ ކުރީން އެކުގައި އުޅުމުން އެކަކު އަނެކަކު ދެނެގަތުމަށާއި ވިސްނައިގަތުމަށް އެހީލިބޭ ވާހަކައެވެ. ދުވަސްކޮޅަކު އެކުގައި އުޅެލައިފައި ކާވެނިކުރުމުން ކާވެނީގެ ގުޅުން ބަދަހިވެ ހަރުދަނާކަމާއެކު ގިނަދުވަހަށް ދެމިހުންނަ ކަމުގައެވެ. ނަމަވެސް މިއީވެސް ޙަޤީޤަތާ ވަރަށްދުރު ވާހަކައެކެވެ. އެމެރިކާގެ ނޭޝަނަލް ސެންޓަރ ފޮރ ހެލްތު ސްޓެޓިސްޓިކްސް އިން ވަނީ މިކަމާބެހޭގޮތުން 12571 މީހުންގެ ދިރާސާއެއް ކޮށްފައެވެ. އެ ދިރާސާއިން އެނގޭގޮތުގައި މުސްތަޤްބަލުގައި ކާވެނިކުރުމުގެ ބޭނުމުގައި އެކުގައި އުޅޭމީހުންނާއި ކާވެނިކުރާން ހަމަޖެހުމަށްފަހު ކާވެނިކުރުމުގެ ކުރީން ތަޖްރިބާކޮށްލަން އެކުގައި އުޅޭމީހުންނާއި ކާވެނީގެ ކުރީން އެކުގައި ނުއުޅޭމީހުންގެވެސް "ޖޯޑު ރޫޅުމުގެ" އެކަށޭނަކަން އޮންނަނީ އެއްވަރަކަށެވެ.

Jayson, Sharon, "Report: Cohabiting has little effect on marriage Success", USA Today, October 14, 2010.

އިސްލާމްދީނުގެ ނަޒަރުގައި

އިސްލާމީ ނިޒާމަކީ ޢާއިލީ ދިރިއުޅުމަށް ތާއީދުކުރާ ނިޒާމެކެވެ. އެހެންކަމުން އިސްލާމީ ނިޒާމުގައިވަނީ ޢާއިލީ ގުޅުން ހަރުދަނާކުރުމުގެ އެކިއެކި ތަދުބީރުތައް ޚިޔާރުކޮށްފައެވެ. ޢާއިލީ ގުޅުން ބަލިކަށިވާ ހުރިހައި ސަބަބުތަކެއް ނައްތައިލަން ވަރުގަދަޔަށް މަސައްކަތް ކޮށްފައެވެ. އަންނަނިވި ފޮޅުވަތްތަކުގައި އެވަނީ މި މުހިންމު މައްސަލައިގައި އިސްލާމްދީން ދެކޭގޮތް ކޮންމެވެސްވަރަކަށް ޞަރީޙުކުރަން މަސައްކަތް ކޮށްފައެވެ.

ޢާއިލާއަކީ މާތް اللّـــه ގެ ނިޢުމަތެކެވެ.

އިސްލާމްދީން ޢާއިލާއާމެދު ދެކެނީ ހުސްއެކަނި އިޖުތިމާޢީ މުހުތާދެއް ކަމުގައެއް ނޫނެވެ. އަދި ކީއްތޯއެވެ؟ ޢާއިލީ ނިޒާމުގެ ވާހަކަ އިސްލާމީ ނިޒާމުގައި ގެންނަވައިފައިވަނީ ދީން ބާރުއަޅާ އަދި ދީން ލާޒިމުކުރާ ކަމެއްގެ ގޮތުގައެވެ. މާތް اللّـــه ގެ ނަބިއްޔުން ދިރިއުޅުއްވައިފައިވަނީ ޢާއިލީ ނިޒާމެއްގެ ތެރޭގައެވެ. ޢާއިލީ ގުޅުން ފުރިހަމަކުރައްވަމުންނެވެ. އަރަހުށި މާތް اللّـــه ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.

"ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރީން ތިމަންރަސްކަލާނގެ ރަސޫލުން ފޮނުއްވީމެވެ. އަދި އެބޭކަލުންނަށް އަނބީންނާއި ދަރީން ދެއްވީމެވެ." (الــــرّعــــد: 38)

އަނބިދަރީންނާ ބެހޭގޮތުން ވަޙީކުރައްވައިފައިވަނީ އިންސާނުންގެ ލޯތަކަށް ފިނިކަންލިބޭ ކަމެއްކަމުގައެވެ. އެހެންކަމުން ހެޔޮލަފާ މީހުން އަންނަނިވި މޭރުމުން ދުޢާކުރާން ވަނީ އިރުޝާދު ދެއްވައިފައެވެ.

"އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަނބީންގެ ކިބައިންނާއި، އަޅަމެންގެ ދަރީންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ތަޤްވާވެރީންނަށް އިމާމުންކަމުގައި އަޅަމެއް ލައްވާނދޭވެ!" (الــفــــرقــان: 74)

ފުރިހަމަވެފައިވާ ޢާއިލާތަކަކީ ދެމަފިރީންނާއި އަންހެން ދަރީންނާއި ފިރިހެން ދަރީންނާއި ދެޖިންސުގެ ކާފަދަރީންނާއި އަންހެން ދަރީންގެ ދެޖިންސުގެ ދަރީންނާއި އެހެނިހެން ގާތްތިމާގެ މީހުންގެ މައްޗަށް އެކުލެވިގެންވާ ޢާއިލާތަކެވެ. އިންސާނާއަށް އެބައިމީހުންގެ ތެރޭގައި އުޅުމުން އުފަލާއި ހިތްހަމަޖެހުމާއި ހިތްގައިމުކަން ލިބެއެވެ. އެއީ އަރަހުށި މާތް اللّـــه ގެ ވަރަށްބޮޑު ނިޢުމަތެކެވެ. އެކަމަށްޓަކައި އެކަލާނގެ ރަސްކަންފުޅަށް ކިތަންމެ ވަރަކަށް ޝުކުރު އަދާކުރިކަމުގައިވިޔަސް ޝުކުރު އަދާކުރެވޭލެއް ކުޑައެވެ.

ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައިވެއެވެ.

"އަދި اللّــه ތިޔަބައިމީހުންގެ ތެރެއިން، ތިޔަބައިމީހުންނަށްޓަކައި އަނބީންލައްވައި، އަދި ތިޔަބައިމީހުންގެ އަނބީންގެ ކިބައިން، ދަރީންނާއި ދަރީންގެ ދަރީން ދެއްވައި، އަދި ރަނގަޅު ޙަލާލު ތަކެތީން، ތިޔަބައިމީހުންނަށް ރިޒުޤު ދެއްވިއެވެ." (الـنّـحـــل: 72)

ޖިންސީގުޅުމުގެ ހުއްދަ ޒަރީޢާއަކީ ހަމައެކަނި ކާވެނި

އިސްލާމްދީން އަންހެނުންނާއި ފިރިހެނުންގެ ހުއްދަ ގުޅުމަށްޓަކައިވަނީ ކާވެނި ލާޒިމުކޮށްފައެވެ. އިސްލާމްދީނަކީ ރުހުބާނިއްޔަތަށް ތާއީދުކުރާ ދީނެއް ނޫނެވެ. ބާރުދޭ ދީނެއްވެސް ނޫނެވެ. ހިތުހުރިގޮތަކަށް ޖިންސީ "ކެހެނިއެރުން ފިލުވަން" ދޫކޮށްލާ ދީނެއްވެސް ނޫނެވެ. އިސްލާމްދީން ބާރުއަޅަނީ ކާވެނީގެ ޒަރީޢާއިން ބަދަހި ޢާއިލާއެއް އުފެއްދުމަށެވެ. އެދީން ޢާއިލާގެ ހުރިހައި މެމްބަރުންގެ ކިބައިގައި ޒިންމާދާރުކަމުގެ އިޙްސާސު އުފައްދަނީ ކޮންމެ މެމްބަރަކުވެސް ތިމާގެ ވާޖިބު އަދާކުރުމަށެވެ. އަނެކުންގެ ޙައްޤުތަކާމެދު ޣާފިލު ނުވުމަށެވެ. އެގޮތުން އިސްލާމްދީން ކާވެނިކުރަން އިންތިހާއަށް ބާރުއަޅައެވެ. އަފްރާދުންނަށާއި ޢާއިލާއަށާއި މުޖުތަމަޢަށް ޞަރީޙު ޢިބާރަތުން އެކަމަށް އިރްޝާދު ދެއެވެ. ކީރިތި ޤުރްއާނުގެ އާޔަތެއްގެ މާނައިގައިވެއެވެ.

"އަދި ތިޔަބައިމީހުންގެ ތެރެއިން މީހުނާ ނުއިނދެ ތިބޭމީހުން، ތިޔަބައިމީހުން (މީހުނާ) ދެވާށެވެ." (الـنّـــور: 32)

މީގެތެރޭގައި އެއްގޮތަކަށްވެސް މީހުނާ ނުއިންނަ މީހުންނާއި ހުވަފަތުންނާއި އަނބީން މަރުވެފައިވާ ފިރިހެނުންނާއި މިފަދަ އެންމެންވެސް ހިމެނެއެވެ.

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ވަރަށްބޮޑަށް ބާރުއަޅުއްވައި ތަންބީހުގެގޮތުން ޙަދީޘު ކުރެއްވިއެވެ.

"ކާވެނިކުރާން ކުޅަދާނަވެގެންވާ އެންމެން ކާވެނި ކުރާހުށިކަމެވެ. ކުޅަދާނަކަން ލިބިހުރުމާއެކު ކާވެނި ނުކޮށްފި މީހަކީ އަހުރެމެންގެ ތެރެއިންވާ މީހެއްނޫނެވެ." (ސުނަނު ދާރާމީ، ކިތާބުއްނިކާޙި)

އިސްލާމްދީން ޖިންސީއެދުން ފުއްދުމާ ގުޅުވައިފައިވާ ވަސީލަތަކީ ކާވެންޏެވެ. ކާވެނީގެ ބޭރުން އެއްވެސް ސިފައެއްގައި އެގުޅުން ހިންގުންވަނީ ވަރުގަދަޔަކަށް މަނާކޮށްފައެވެ. އަންހެނުންނާއި ފިރިހެނުންގެ މައްޗަށްވެސްވަނީ ކާވެނީގެ ތެރެއިން ޖިންސީގުޅުން ހިންގުން ލާޒިމުކުރައްވައިފައެވެ. ކީރިތި ޤުރްއާނުގެ އާޔަތެއްގެ މާނައިގައިވެއެވެ.

"ކާވެނީގެ ޢިއްފަތްތެރިކަން ހޯދާބަޔެއްގެ ގޮތުގައެވެ. ޒިނޭކުރާ ބަޔެއްގެ ގޮތުގައެއް ނޫނެވެ. ސިއްރުން ޒިނޭކުރާ އެކުވެރި އަންހެނުން ގެންގުޅޭ ބަޔެއްގެ ގޮތުގައެއްވެސް ނޫނެވެ." (المــــائــــدة: 5)

އަދި އެހެން އާޔަތެއްގެ މާނައިގައިވެއެވެ.

"ކާވެނީގެ ރައްކައުތެރިކަންލިބި އެކަނބަލުން ޢިއްފަތްތެރިވެގެންވާ ގޮތުގައެވެ. ޒިނޭކުރާ ގޮތުގައެއް ނޫނެވެ. އަދި ވަންހަނާގޮތުގައި ޒިނޭކުރާ އެކުވެރީން ގެންގުޅޭ ގޮތުގައެއްވެސް ނޫނެވެ." (الـنّسـاء: 25)

އިސްވެ މާނަ ބަޔާންކުރި އާޔަތްތަކުގެ މަތުނުގައިވާ ތިންލަފުޒަކާމެދު ޚާއްޞަގޮތެއްގައި ވިސްނައިލާންޖެހެއެވެ. އެންމެފުރަތަމަ حَـصُــن މިލަފުޒެވެ. މާނައަކީ ރައްކައުތެރިވުމެވެ. حِـصُــن އަކީ ކިއްލާއެވެ. ކިއްލާއަކީ ދުސްމިނުންގެ ކިބައިން ރައްކައުތެރިވުމުގެ ވަސީލަތެކެވެ. اِحُـصَــان އައިސްފައިވަނީ ޢިއްފަތްތެރި ގޮތުގައި ތިބުމާއި ޒިނޭކުރުމުން ރައްކައުތެރިވުމުގެ މާނައިގައެވެ. މިގޮތުން ބަލާއިރު ކާވެންޏަކީ ރައްކައުތެރިވެވޭ ގަދަފަދަ ކިއްލާއެއްފަދައެވެ. އެކިއްލާގެ ޙިޞާރުގައި އިންސާނުންނަށް ޝައިޠާނާގެ ޙަމަލަތަކުން ސަލާމަތްވެވެއެވެ. މިދެންނެވި މާނައިގައި ފިރިހެނުންނަށް "مُحصـنـيـن" އަންހެނުންނަށް "مُحـُصَـنَــات" ބޭނުންކުރެވެއެވެ. "مُسَــافَـحَــة" ބޭނުންކުރެވެނީ ކާވެންޏާ ނުލައި އަންހެނަކާއި ފިރިހެނަކު އެކުގައި އުޅުމަށެވެ. "أخــدان" ނުއިނދެ އެކުގައިއުޅޭ އެކުވެރީންނަށެވެ. مُسَــافِحِـيـن / مُسَــافِحَـــات އަކީ ފާޅުގައި ޒިނޭކުރާ އަންހެނުންނާއި ފިރިހެނުންނެވެ. مَـتَّــخِــذِى اَخْــدَان / مُـتَّـخِــذَاتِ اَخْــدَان އަކީ ސިއްރު އެކުވެރީންނާއެކު ހަމަ އެގުޅުން ހިންގާ މީހުންނެވެ. މިދެބާވަތުގެ މީހުންގެ ވާހަކަ ވަނީ ބަޔާންކުރައްވައިފައެވެ.

ޖާހިލިއްޔަ ޒަމާނުގައި މިދެބާވަތުގެ މީހުން ފަރަގުކުރެއެވެ. ގިނަފިރިހެނުންތަކަކާއެކު ނާޖާއިޒު ގުޅުން ހިންގާ އަންހެނުންނަށް ކިޔަނީ "ޒާނިޔާ" އެވެ. އެކަމަކު ކަނޑައެޅޭ އެއްފިރިހެނަކާއެކު ނަހަމަ ޖިންސީގުޅުން ހިންގާ މީހުންނަކަށެއް "ޒާނިޔާ" އެކޭ ނުކިޔައެވެ. މިތަފާތަކީ ޖާހިލިއްޔަ ޒަމާނުގައި ޢާންމުކޮށް އެނގިފައިވާ ތަފާތެކެވެ. އެހެންކަމުން އަރަހުށި މާތް اللّـــه سبحـــانــــه وتــعــــالــــى ވަނީ ޒިނޭގެ މިދެބާވަތުގެ ވާހަކަ ބަޔާންކުރެއްވުމަށްފަހު މިދެބާވަތުގެ ޒިނޭވެސް ޙަރާމްކަމުގައި ކަނޑައަޅުއްވައިފައެވެ. (ޤުރްޠުބީ އަލްޖާމިޢު ލި އަޙްކާމިލްޤުރްއާނި: 5/94)

ޒިނޭ ޙަރާމްކުރެއްވުން

އިނސާނީ ނަސްލު ސިލްސިލާވަމުން ދެމިގެން އައުމަށާއި އިންސާނީ ތަމައްދުނާއި ތަރައްޤީއަށްޓަކައި އަންހެނުންނާއި ފިރިހެނުންގެ ޖިންސީގުޅުން ޤާނޫނުގެ ދާއިރާގައި އިތުބާރުކުރެވޭ ގުޅުމެއްގެތެރެއިން ހިނގަމުން އައުމަކީ ކޮންމެހެން ބޭނުންކަމެކެވެ. އެހެންކަމުން އިސްލާމްދީން ޒިނޭއާމެދު ދެކެނީ އެކަމުގެ މިނިވަންކަންދީ ހުއްދަކޮށްފިކަމުގައިވާނަމަ އެއްކޮޅުން އިންސާނީ ނަސްލު ދެމިގެން އައުމަށް ހުރަސްއެޅޭނެ ކަމެއްކަމުގައެވެ. އަނެއްކޮޅުން އިންސާނީ ތަމައްދުނުގެ މޫތައް ކޮށި ބުރިބުރިވެގެން ހިނގައިދާނެ ކަމެއްކަމުގައެވެ. އެހެންކަމުން އިސްލާމްދީނުގައި ކަނޑައަޅުއްވައިފައިވަނީ ޒިނޭއަކީ ވަރަށްނުބައި ފާފަވެރި ހުތުރު ކަމެއްކަމުގައެވެ. އިސްލާމްދީނުގައިވަނީ އެކަމުން ދުރުހެލިވާން ވަރަށްބޮޑަށް ބާރުއަޅުއްވައިފައެވެ. މާތް اللّـــه ވަޙީކުރައްވައިފައިވެއެވެ.

"އަދި ތިޔަބައިމީހުން ޒިނޭއާ ކައިރިނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ. އަދި މަގެއްގެގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ." (ألإســـــراء: 32)

މި އާޔަތުގައި އަންގަވައިފައިވަނީ ޒިނޭއާ ކައިރިވެސް ނުވުމަށެވެ. މިއީ ވަރަށްވެސް ބަލާޣަތްތެރި ބަސްފުޅެކެވެ. ޒިނޭ ނުކުރާށޭ އެންގެވުމާއެކު އެކަމަށް ހިތްޖައްސާ ހުރިހައިކަމަކުންވެސް ދުރުވެގަތުމަށް އަމުރުކުރައްވާފަދައެވެ. (ޤުރްޠުބީ، އަލްޖާމިޢު ލިއަޙްކާމިލް ޤުރްއާނި: 10/165)

އިސްލާމްދީނުގައި ކަނޑައަޅައިފައިވަނީ ޒިނޭކުރުމަކީ ވަރަށްބޮޑު އިޖުތިމާޢީ ޖަރީމާއެއް ކަމުގައެވެ. އެ ޖަރީމާއަށް އަރައިގަންނަ މީހުންނަށްދޭން ކަނޑައަޅައިފައިވަނީ ވަރަށް ހަރުކަށި އަދަބެކެވެ. ވަޙީކުރައްވައިފައިވެއެވެ.

"ޒިނޭކުރާ އަންހެނާއާއި، ޒިނޭކުރާ ފިރިހެނާއާ ދެމީހުންކުރެ ކޮންމެ މީހަކުގެ ގައިގައި، ސަތޭކަ އެތިފަހަރުން (حـــدّ) ޖަހާށެވެ! އަދި اللّـــه އާއި އާޚިރަތްދުވަހަށް ތިޔަބައިމީހުން އީމާންވާކަމުގައި ވަނީނަމަ، اللّـــه ގެ ދީނުގައި އެދެމީހުންނާމެދު އޯގާވެރިކަމެއް ތިޔަބައިމީހުން ނުބަހައްޓާހުރިކަމެވެ!" (الـنّـــور: 2)

ދެމީހެއްގެ ރުހުމުގައިވެސް ކާވެނީގެ ބޭރުން ޖިންސީގުޅުމެއް ނުހިންގޭނެއެވެ.

މިހާރަކަށްއައިސް ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކަކުން ބަލައިގަންނަމުންދަނީ ހުޅަނގުގެ ޤާނޫނުތަކެވެ. ބައިނަލްއަޤްވާމީ ޢާންމު ރައުޔުވެސްވަނީ އެގޮތާ ގާތްގަނޑަކަށް އިއްތިފާޤުވެފައެވެ. ހުޅަނގުގެ އުސޫލުތަކުގައިވާގޮތުން ދެފަރާތުގެ ރުހުމާއެކު ޖިންސީގުޅުމެއް ހިންގުމަކީ އަދަބުދެވޭނެ ކުށެއްނޫނެވެ. ޖިންސީގުޅުން ހިންގުމެއް ކުށަކަށްވަނީ ގަދަކަމުން ގުޅުން ހިންގުމުންނެވެ.

އިންޑިޔާގެ ވެރިރަށް ދިއްލީގައި 2012 ވަނަ އަހަރުގެ ފަހުކޮޅު ގިނަބަޔަކުވެގެން ޠާލިބާއެއްގެ ޢިއްފަތަށް އަރައިގަތުމުގެ ހާދިސާއެއް ހިނގިއެވެ. އެކަމާގުޅިގެން މުޅި އިންޑިޔާގައި ވަރަށް ވަރުގަދަޔަށް އިޙްތިޖާޖު ކުރިއެވެ. މުޖުތަމަޢުގެ ހުރިހައި ފަންތިތަކަކުން އެކަން ވަރަށްބޮޑަށް ކުށްވެރި ކުރިއެވެ. އަންހެނުންގެ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާއި ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގެ ސްޓޫޑެންޓްސް ޔޫނިއަންތަކުން އުޑު ބޯމައްޗަށްލައިގެން ތެދުވިއެވެ. އެދުވަސްވަރު ޢާންމުކޮށް އިންޑިޔާގެ ފުރާވަރުގެ އަންހެންކުދީން ޕްލޭކާޑުތަކެއް ގެންގުޅުނެވެ. އެކާޑުތަކުގައި ލިޔެފައިވެއެވެ. "ތިބާއަށް އަހަރެންގެ ރުހުމާނުލައި އަހަރެންގެ ގައިގައި އިނގިލިކުރިވެސް ޖައްސައެއް ނުލެވޭނެއެވެ." އެކާޑުތަކުން މާނަކޮށްދޭގޮތުގައި ކުށަކަށްވަނީ އަންހެންކުއްޖަކާ ގަދަކަމުން ބެހުމެވެ. ގަދަކަމުން ޖިންސީގުޅުމެއް ހިންގުމެވެ. ކޮންމެހެން ހުއްދަ ގުޅުމަކާނުލައި ޖިންސީ ޢަމަލެއް ހިންގުމެއް ނޫނެވެ.

އިސްލާމްދީނުގައި ޒިނޭކުރުމަކީ ވަރަށްބޮޑު ޖަރީމާއެކެވެ. ގަދަކަމުން ޒިނޭކުރުމަކީވެސް އެފަދަ ޖަރީމާއެކެވެ. ކާވެނީގެ ބޭރުން ޖިންސީގުޅުން ހިންގުމަކީ ފިޠުރަތުގެ ޤާނޫނުތަކަށް ކުރާ ފުރައްސާރައެކެވެ. ގޮންޖެހުމެކެވެ. އިންސާނީ ތަމައްދުނުގެ ޢިމާރާތް ތަޅައި މުގުރައި ސުންނާފަތިކުރުމެކެވެ. އެހެންކަމުން އެކަންކުރާ ބަޔަކީ ހަރުކަށި އަދަބުލިބުން ޙައްޤު ބަޔެކެވެ.

ޢާއިލާ ބަދަހިކުރެއްވުމުގެ އެހެނިހެން ތަދުބީރުތައް

އިސްލާމްދީންވަނީ ޢާއިލާ ބަދަހިކުރަން ވަރަށްގިނަ ތަދުބީރުތަކެއް ޚިޔާރުކޮށްފައެވެ. އޭގެތެރޭގައި ހިމެނޭ ބައެއްކަންކަމުގެ ވާހަކަ އިސްވެދިޔަތާނގައި އެވަނީ ބަޔާންކޮށްފައެވެ. މިއީ އަލުން އެވާހަކަތައް ތަކުރާރުކުރުމުގެ ވަގުތެއް ނޫނެވެ. އިސްލާމްދީނުގައި ވަނީ ދެމަފިރީންނާއި ދަރީންނާއި މައިންބަފައިންނާއި އެހެނިހެން ގާތްތިމާގެ މީހުންގެ ޙައްޤުތައް ތަފްސީލުކޮށް ބަޔާންވެފައެވެ. އެންމެންވެސް އެ ޙައްޤުތައް އަދާކުރާން ބާރުއަޅައިފައެވެ. ޒިނޭކުރުމާއި ލަދުހުތުރު ކަންކަމާއި ފާޙިޝް ކަންކަމާއި މުންކަރާތްތަކަށް އަދަބުދެވޭނެ ތަޢުޒީރީ ގަވާއިދުތައް ބަޔާންކޮށްފައެވެ. އިސްލާމްދީނުގައިވާ މިދެންނެވި އުނގަންނައިދިނުންތަކަށް ޢަމަލުކުރެވޭކަމުގައިވާނަމަ ޢާއިލާތައް ބަދަހިވާނެކަމީ ކަށަވަރު ކަމެކެވެ. ޞާލިޙު މުޖުތަމަޢަކާއި ރީތި ތަމައްދުނެއް އާރާސްތުކުރުމަށްޓަކައި ކޮންމެ މީހަކަށްވެސް އެމީހެއްގެ ދައުރު އަދާކުރާން ޖެހޭނެކަމީ ކަށަވަރު ކަމެކެވެ.

(ނިމުނީ)