ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަކީ ގައުމު ދޫކުރައްވައި ފިއްލަވާނެ ބޭފުޅެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ލ. ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ. އަދުރޭ މިހެން މި ވިދާޅުވީ ރައީސް ޔާމީން ގައުމު ދޫކުރައްވައި ފުރާވަޑައިގަންނަވަން އުޅުއްވާ ކަމުގެ އަޑުތަކެއް ފެތުރެމުންދާ ދަނޑިވަޅެއްގަ އެެވެ.
އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން އަބަދުވެސް މަސައްކަތް ކުރައްވާނީ އުސޫލު ތަކުގެ ތެރެއިން ގައުމާއި ރައްޔިތުންގެ ހައްގުގައި ކަމަށާއި ގާނޫނީ އިމުން ބޭރަށް ވަޑައިނުގަންނަވާނެ ކަމަށެވެ.
"އިސްކުރައްވާނީ ދީނާ ގައުމިއްޔަތު. ހުންނަވާނީ ރައްޔިތުންނާ އެކު." އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ކުރެއްވި ދެވަނަ ޓްވީޓެއްގައި ވިދާޅުވީ ދިވެހި ތާރީޚު ދުށް އެންމެ ޚިދުމަތްތެރި ރައީސަކީ ރައީސް ޔާމީން ކަމަށެވެ. ގާނޫނު ނަގަހައްޓައި ދެމެހެއްޓުމާ އެކު އަމިއްލަ ވަންތަ ސިފަތަކެއް ހުރި ގައުމެއް ބިނާކުރެއްވުމަށް ދެއްވި އިސްކަން ފާހަގަކުރެއްވޭ ކަމަށް ވެސް އަދުރޭ ވަނީ ވިދާޅުވެފަ އެވެ.
"ގައުމު ދެމި އޮތްހާ ހިނދަކު އެމަނިކުފާނުގެ ޚިދުމަތަށް ފަނޑުކަމެއް ނާންނާނެ." އަދުރޭގެ ދެވަނަ ޓްވީޓް ނިންމަވައިލައްވަމުން ވިދާޅުވެފައިވެ އެވެ.