ޓްރާންސްޕޭރެންސީ މޯލްޑިވްސް

ވޯޓުގެ ސިއްރުކަން ގެއްލިދާނެކަމަށް ފެންނަ މަރުކަޒުތައް ގާތުން އޮބްޒާވް ކުރަމުން ގެންދާނަން: ޓްރާންސްޕޭރެންސީ

މަރިޔަމް ޝަހުދާ

ވޯޓުލާ މަރުކަޒުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލިދާނެކަމަށް ފެންނަ މަރުކަޒުތައް ގާތުން އޮބްޒާވް ކުރަމުން ގެންދާނެ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.

ރައްޔިތުން މަޖިލީހުގެ އިންތިހާބު ކުރިއަށް ދާ ގޮތް އޮބްޒާވް ކުރަމުން އަންނަ ޓްރާންސްޕޭރެންސީން މިއަދު އާންމުކޮށްފައިވާ ބަޔާނެއްގައި ބުނިގޮތުގައި މުޅި ރާއްޖޭގެ އިންތިހާބީ މާހައުލުގައި ކަންކަން ހިނގާފައިވާ ގޮތުގެ މައްޗަށް އެޖަމިއްޔާއިން އަންނަނީ ބަލަމުންނެވެ. މިގޮތުން %99 ވޯޓުލާ މަރުކަޒުތައް މިއަދު ހެނދުނު 09:00އަށް ހުޅުވިފައިވާ ކަމަށާއި %76 މަރުކަޒުތައް ހެނދުނު 8:10ގެ ކުރިން ހުޅުވިފައިވާ ކަމަށް ވެސް ޓްރާންސްޕޭރެންސީން ބުނެ އެވެ.

ޖުމްލަކޮށް ހުރިހާ މަރުކަޒުތަކެއްގައި އޮފިޝަލުން ހަމަޔަށް ތިބިކަން ޓްރާންސްޕޭރެންސީން ވަނީ ފާހަގަ ކޮށްފައެވެ. އަދި ވޯޓުލާ މަރުކަޒުތަކުގައި ޕާޓީތަކުން އޮބްޒާވަރުން ހަރަކާތްތެރިވަނީ ކިހާ އަދަދެއްގެ ވޯޓުލާ މަރުކަޒުތަކުގައިކަން ޓްރާންސްޕޭރެންސީން ވަނީ ހާމަކޮށްފައެވެ. އެގޮތުން އެމްޑީޕީގެ އޮބްޒާވަރުން %78 ވޯޓުލާ މަރުކަޒު ތަކުގައި ހަރަކާތްތެރި ވާއިރު، ޕީޕީއެމްގެ އޮބްޒާވަރުން %33 ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ ކަމަށާއި އަދި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުން %24 ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ޓްރާންސްޕޭރެންސީން މައުލޫމާތު ދެއެވެ. އަދި %81 އިންސައްތަ ވޯޓުލާ މަރުކަޒުތަކުގެ ބޭރުގައި ފުލުހުން ހަރަކާތްތެރި ވާކަމަށް ވެސް ބުނެފައިވެ އެވެ.

ޓްރާންސްޕޭރެންސީން ހާމަކުރިގޮތުގައި ވޯޓުލުމަށް ބަހައްޓާފައިވާ ފޮށިތަކުގެ ތެރެއިން %99 ފޮށިތަކުގައި ވޯޓުގެ ސިއްރުކަން ކަށަވަރު ކުރުމަށް އެކަށީގެންވާ ހަރުދަނާ ފިޔަވަޅު އަޅައިފައިވީނަމަވެސް ވޯޓުގެ ސިއްރުކަން ގެއްލިދާނެކަމަށް ފެންނަ %1 މަރުކަޒުތައް ފާހަގަވެފައިވާ ކަމަށާއި އެ މަރުކަޒުތައް ގާތުން އޮބްޒާވް ކުރަމުން ގެންދާނެ ކަމަށް ޓްރާންސްޕޭރެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.