އަލީ ހުސައިން

އަލީ ހުސެއިން ރައީސް ޔާމީނަށް: އިންސާފާ ކުރިމަތިލައްވަން ތައްޔާރުވެވަޑައިގަންނަވާ!

އިންސާފާ ކުރިމަތިލައްވަން ތައްޔާރުވެވަޑައިގަތުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ގާނޫނީ ވަކީލު އަލީ ހުސެއިން ގޮވައިލައްވައިފި އެވެ.

ރައީސް ޔާމީން މިއަދު ގައުމާ މުޚާތަބުކުރެއްވިތާ ކުޑަ އިރުކޮޅެއް ފަހުން ކުރެއްވި ޓްވީޓެއްގައި އަލީ ހުސެއިން ވަނީ، ރައީސް ޔާމީން ގައުމު ލޫޓުވާލައި ވައްކަމާއި ކޮރަޕްޝަން އެއީ އާދައިގެ ކަމެއް ކަމަށް ހައްދަވާފައިވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

"33 ފަހަރު ގައުމީ ސަލާމަތޭ، ގައުމުގެ އަމާންކަމޭ، ގައުމުގެ މަސްލަހަތޭ ވިދާޅުވިޔަސް ދިވެހީން ދެނެއް މަނިކުފާނު ބަލައެއް ނުގަންނާނެ." ޖޭޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ނައިބު ލީޑަރުކަން ވެސް ކުރައްވާ އަލީ ހުސެއިން ވިދާޅުވި އެވެ.

އަލީ ހުސެއިން މި ގޮތަށް ޓްވީޓު ކުރެއްވި އިރު ރައީސް ޔާމީން ގައުމު ދޫކުރައްވައި ފުރާވަޑައިގަންނަވަން އުޅުއްވާ ކަމުގެ އަޑުތައް ވެސް މީސްމީޑިއާގައި ވަނީ ގަދަވެފަ އެވެ. އެހެން ނަމަވެސް ރައީސް ޔާމީން މިއަދުގެ ތަގުރީރުގައި ވެސް ވަނީ ގައުމަށް ޚިދުމަތް ކުރުން މަތީ ދެމިހުންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.