ވިޔަފާރި

ދިރާގާއި ސްޕާކްހަބް ގުޅިގެން ދުނިޔޭގެ އެންމެ ވަރުގަދަ ސްޓާޓްއަޕް ވޯކްޝޮޕް ރާއްޖޭގައި ފަށަނީ

އަހުމަދު ޖައިޝަން

ދިރާގާއި ސްޕާކްހަބް ގުޅިގެން ދުނިޔޭގެ އެންމެ ވަރުގަދަ އެއް ސްޓާޓްއަޕް ވޯކްޝޮޕް ކަމަށްވާ "ދަ ލީން ސްޓާޓްއަޕް މެޝީން" ރާއްޖޭގައި ފެށުމަށް ނިންމައިފި އެވެ.

ލީން ސްޓާޓްއަޕް މެޝީން އަކީ ޕްރޮޑަކްޓާއި ކަސްޓަމަރު އަދި ވިޔަފާރީގެ މޮޑެލް ތަރައްގީކުރުމަށް ކުރިއަށްގެންދާ ތިން ދުވަހުގެ ވަރުގަދަ ވޯކްޝޮޕެކެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ސްޓާޓްއަޕް ވޯކްޝޮޕްގެ ގޮތުގައި މަގުބޫލުވެފައިވާ އެ ވޯކްޝޮޕް ދުނިޔޭގެ 50 އަށްވުރެ ގިނަ ސިޓީތަކުގައި ކުރިއަށް ގެންދެއެވެ.

އެ ވޯކްޝޮޕްގެ މުހިއްމު ކަމަކީ އަލަށް ވިޔަފާރިއެއް ފެށުމުގެ ކުރީން އެ ވިޔަފާރީގެ ހިޔާލާ މެދު ވިސްނައި އެކަމަށް ތައްޔާރުވާނެ ގޮތްތައް ދެނެގަތުމެވެ. އަދި ވިޔަފާރިއާ ކަސްޓަމަރުންނާ އޮތް ގުޅުން ދެނެގަނެ ވިޔަފާރި ރަނގަޅު މަގަކުން ތަރައްގީކުރުމުގެ މަސައްކަތްވެސް އެ ވޯކްޝޮޕުން ދަސްކޮށްދޭނެއެވެ.

ލީން ސްޓާޓްއަޕް މެޝީންގެ އެހީގައި އަލަށް ފަށާ ވިޔަފާރިތަކުގެ ތެރެއިން އެންމެ ރަނގަޅު ކަމަށް ބެލެވޭ ވިޔަފާރިތަކުގެ ހިޔާލުތައް ހޮވާނެއެވެ.

އެ ވޯކްޝޮޕްގެ ބައިވެރިންނަށް ވިޔަފާރީގެ އެކި ހިޔާލުތަކާއި ކޮންސެޕްޓްތައް ޓެސްޓު ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

އެ ވޯކްޝޮޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 އިން 21 އަށެވެ.