ގާސިމް އިބްރާހިމް

ގާސިމް، އަލީ ވަހީދަށް: ޖޭޕީގެ ތެރޭގައި ކަނޑުފޭރޭ މީހުންނެއް ނޫޅޭނެ

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ތެރޭގައި ކަނޑުފޭރޭ މީހުންނެއް ނޫޅޭނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވީޓީވީ ފަސްމަންޒަރު ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ގާސިމް އެހެން ވިދާޅުވެފައިވަނީ ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފައިވާ ކަމަށް އެމްޑީޕީ ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޖޭޕީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވަނިކޮށެވެ.

"މިއަދު މިގޮތަށް ކަންތައް ދިމާވެގެންދާ އިރު، މިއަދު އަޅުގަނޑުމެންގެ ތެރޭގައި ބައެއް ބޭފުޅުން އެބަ ވިދާޅުވޭ ކަނޑުފޭރޭ މީހުން އުޅޭ ވާހަކަ، ޖުމްހޫރީ ޕާޓީގެ ތެރޭގައި. ކަނޑުފޭރޭ އެއްވެސް މީހަކު އަޅުގަނޑުމެންގެ ޕާޓީގެ ތެރެއަކަށް ނުވަދޭ،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ގާނޫނާއި ދީނާ ހިލާފު އަދި ގައުމިއްޔަތާ ހިލާފު ކަމެއް ކުރަން ޖޭޕީން ނޫޅޭ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމްގެ ކޯލިޝަނާ ގުޅެން ނިންމީ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅުންނާ މަޝްވަރާކޮށްގެން އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

"އަޅުގަނޑުމެން މިވަނީ އެބޭފުޅުން ވާދަނުކުރާ 32 ގޮނޑިއަށް ނުކުމެފައި. އަޅުގަނޑުމެން ވެސް ވާނީ އެބޭފުޅުން 32 ދާއިރާއެއް ދޫކޮށްލާފައި. ހަމައެހެންމެ އަޅުގަނޑުމެން ދެ ފަރާތުން ވެސް 14 ދާއިރާއަކަށް ވާދަކުރާނެ. ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުން ތިއްބަވާނެ 46 ދާއިރާގައި،" އޭނާ ވިދާޅުވިއެވެ.