ހުތުބާ

މާތްﷲ އާއި އާހިރަތް ދުވަހުގެ މަތިން ހަނދާން ނައްތާލައި، ދުނިޔެއަށް ދަހިވެތިވުމަކީ އީމާންކަން ބަލިކަށިވާ ކަމެއް: ހުތުބާ

މާތް ﷲގެ މަތިންނާއި އާހިރަތް ދުވަހުގެ މަތިން ހަނދާން ނައްތާލައި، ދުނިޔެއަށް ދަހިވެތިވުމަކީ އީމާންކަން ބަލިކަށިވާ ކަމެއް ކަމަށް ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ ދުނިޔެއާއި ދުނިޔޭގެ ފިތުނަތަކަކީ އީމާންކަން ބަލިކަށިވުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއްކަން ކަމަށެވެ. އަދި އީމާންކަމަކީ ހަމައެކަނި ހިތުން ތެދުކުރުމެއް ނޫން ކަމަށާއި އީމާންކަން ފުރިހަމަ ވަނީ އަމަލު ކުރުމުން ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

"މާތްﷲގެ މަތިންނާއި އާހިރަތް ދުވަހުގެ މަތިން ހަނދާން ނައްތާލައި، ދުނިޔެއަށް ދަހިވެތިވުމަކީ އީމާންކަން ބަލިކަށިވާ ކަމެކެވެ. އީމާންކަމަކީ މުއުމިނުންގެ އަމަލުތަކުގެ ސަބަބުން އުނި އިތުރުވާ އެއްޗެކެވެ. އީމާންކަން ބަލިކަށިވުމުގެ ވަރަށް ގިނަ ސަބަބުތައް އިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ޖާހިލުކަން ހިމެނެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ އަގީދާއާއި ދީނުގެ ކަންތައްތައް ރަނގަޅު މަސްދަރުތަކުން ނުހޯދުމުގެ ސަބަބުން އިސްލާމީ އަގީދާއާ ތައާރުޟުވާ އަމަލުތައް ކުރަމުންދާ ކަމަށާއި އޭގެ ތެރޭގައި ގަބުރަށް އަޅުކަން ކުރުން ފަދަ އަމަލުތައް ކުރާ ކަމަށެވެ.

"އީމާންކަން ބަލިކަށިވުމުގެ ސަބަބުތަކުގެ ތެރޭގައި ޣާފިލުވުން ހިމެނެއެވެ. މާތްﷲއަށް އަޅުކަންކުރުން ދޫކޮށް، ދުންޔަވީ އެކި ކަންކަމުގައި މަސްއޫލުވެގެން އުޅުމެވެ. އީމާންކަން ބަލިކަށިވުމުގެ ސަބަބުތަކުގެ ތެރޭގައި ނުބައި ކަންތައްތަކަށް ގޮވާލުން ހިމެނެއެވެ. އިންސާނާގެ ނަފުސުގެ ތިން ބާވަތެއް ވެއެވެ. މީގެ ތެރެއިން އެއް ބާވަތަކީ އިންސާނާއަށް ނުބައި ކަންތައްތަކަށް ގޮވާލައި، މާތްﷲ ހަރާމް ކުރައްވާފައިވާ ކަންތައްތަކާވީ ފަރާތަށް އިންސާނާ ގެންދާ ނަފުސެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ އިންސާނާގެ އީމާންކަން އިތުރުވެ، ވަރުގަދަވުމުގެ ވަރަށް ގިނަ ސަބަބުތަކެއްވާ ކަމަށާއި އޭގެ ތެރެއިން އެންމެ މުހިންމު އެއް ސަބަބަކީ ކީރިތި ގުރުއާން ކިޔަވައި، އޭގެ އާޔަތްތަކާ މެދު ވިސްނާ ފިކުރު ކުރުން ކަމަށެވެ.