ހިޔާ މަޝްއޫއުގެ ފުލެޓުތަކަށް ހޮވިފައިވާ ފަރާތްތަކުގެ އަތުން ފައިސާ ހޯދަން ހައުސިން މިނިސްޓްރީން ނުގުޅާނެ ކަމަށް އެމިނިސްޓްރީ އިން ބުނެފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިނިސްޓްރީގެ ފަރާތުން ރަސްމީ ލިއުމެއް ފްލެޓް ލިބިފައިވާ ފަރާތްތަކަށް ހަވާލު ކުރުމާއި ފްލެޓް ލިބުނު ކަމުގެ އެއްބަސްވުމެއްގައި ސޮއި ކުރެވޭ ހިސާބުން ނޫނީ ފައިސާގެ އެއްވެސް މުއާމަލާތެއް އެ މިނިސްޓްރީގެ ފަރާތުން ނުކުރާނެ ކަމަށެވެ. އަދި މިވަގުތު ފައިސާ ބަލައިގަތުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގެންދިޔުމަށް ނިންމާފައި ނުވާނެ ކަމަށް ވެސް ވަނީ ފާހަގަ ކޮށްފައެވެ.
އޮޅުވާލައިގެން މިނިސްޓްރީގެ ނަމުގައި ފޯން ކޯލު ތަކާއި، އެސްއެމްއެސް އަދި އީމެއިލް ތައް ފައިސާ ހޯދުމަށް ކުރަމުން ދާތީ މިކަަމަށް ސަމާލުވުމަށް އެ މިނިސްޓްރީއިން ވަނީ އެދިފައެވެ. އަދި އެފަދަ އަމަލުތަކަކީ ޒިންމާދާރުކަން ކުޑަ ދަށުދަރަޖައިގެ އަމަލުތަކެއްކަންވެސް ވަނީ ފާހަގަ ކޮށްފައެވެ.