ބޮލީވުޑް

ސަލްމާން ބިރުވެރި ފިލްމެއް އުފައްދަނީ

ސަލްމާން ޚާންގެ ޕްރޮޑަކްޝަން ހައުސް އިން ވަނީ ގިނަ ފިލްމުތަކެއް ރިލީސްކޮށްފައެވެ. އެންމެ ފަހުން އެ ކުންފުނިން ކުރަމުންދާ މަސައްކަތަކީ ފިލްމު "ނޯޓް ބުކް" ގެ މަސައްކަތެވެ. އެއީ އާ ދެތަރިން ކަމަށްވާ ޒަހީރު އިގްބާލް އަދި ޕްރަނުތަން ބާލްގެ ޑެބިއު ފިލްމެކެވެ.

ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ސަލްމާން މިހާރު ގެންދަނީ ބިރުވެރި ފިލްމެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. މިއީ މީގެ ކުރިން ސަލްމާން ޕްރޮޑިއުސްކޮށްފައިވާ ޒާތުގެ ފިލްމެއްނޫނެވެ. އަޑުއަރާފައިވާ ގޮތުގައި ފިލްމުގެ ނަމަކަށް ވާނީ "އާދަމްކޯރް" އެވެ.

ފިލްމުގައި ސަލްމާން ފެންނާނެތޯ ނުވަތަ ނޫންތޯ އަދި އެނގިފައެއް ނުވެއެވެ. މީގެ ކުރިން ސަލްމާން ކުޅެފައިވަނީ އެންމެ ބިރުވެރި ފިލްމެކެވެ. އެއީ ސޫރްޔަވަންޝީ އެވެ.

މި ދުވަސްވަރު ސަލްމާން ގެ ފިލްމަކަށް އެންމެ އަވަހަށް ރިލީސްކުރަން ހަމަޖެހިފައިވަނީ ކެޓްރީނާ ކައިފްއާއެކު ކުޅެފައިވާ ބާރަތްއެވެ. ސަލްމާން ވަނީ ސަންޖޭ ލީލާ ބަންސާލީ އާއެކުވެސް "އިންޝާ އަﷲ" ނަމަކަށް ކިޔާ ފިލްމަކަށް ސޮއިކޮށްފައެވެ. އެ ފިލްމުގެ ލީޑް ރޯލުން ސަލްމާން އާއެކު ފެނިގެން ދާނީ އާލިޔާ ބަޓްއެވެ. ހަމަ އެއާއެކު ސަލްމާން މިދުވަސްވަރު ގެންދަނީ ފިލްމު "ޑަބަންގް" ގެ ތިން ވަނަ އިންޓޯލްމަންޓް ޝޫޓް ކުރަމުންނެވެ.