ދޫނިދޫ ޖަލުގެ ހާލަތާއި އެ ޖަލުގައި ހުރި ވޭނެއް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް އެނގިވަޑައިނުގަންނަވާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
"އެޖެންޑާ 19 – ކެމްޕޭން ނިންމާ ޖަލްސާ"ގައި މިރޭ ވާހަކަދައްކަވަމުން މާރިޔާ އެހެން ވިދާޅުވެފައިވާ އިރު، ޖަލު ބަންދުގައި ހުރުމަކީ ވަރަށް ވޭން ހުރި ކަމެއް ކަމަށް ދާދި ފަހުން ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
މަނީ ލޯންޑަރިންގެ ތުހުމަތުކޮށް ޝަރީއަތް ނިމެންދެން ހައްޔަރުކޮށްފައި ބެހެއްޓުމަށް މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ގުޅިގެން ރައީސް ޔާމީން މާފުށީ ޖަލު ބަންދަށް ގެންދެވުނެވެ. މިދިޔަ ބުރާސްފަތި ދުވަހު އެ އަމުރު ބާތިލުކުރުމަށް ފަހު، ރައީސް ޔާމީން މިނިވަންކޮށްދީފައިވަނީ ހައި ކޯޓުންނެވެ.
"ރައީސް ޔާމީން ވިދާޅުވެއްޖެ، ޖަލަށް ދިއުމަކީ ވޭން ހުރި ކަމެކޭ. ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާބާ، ދޫނިދޫގައި އެ ހުންނަ ސެލްތަކުގައި ހުންނަ ހޫނާއި އެ ވޭން. ރައީސް ޔާމީނަކަށް އެނގިވަޑައިނުގަންނަވާނެ. ރައީސް ޔާމީނަކަށް އެނގިވަޑައިނުގަންނަވާނެ އަޅުގަނޑުމެން ދޫނިދޫގެ އެ ސެލްތަކުގައި ބޮނީ ފާހާނާއިންކަން ފެން. ރައީސް ޔާމީނަކަށް އެނގިވަޑައިނުގަންނަވާނެ އެތާނގައި އަވި ދިއްލާފައި ހުންނަ އިރު، އަވިކަން ސެލްގައި ހުންނަނީ. އެ ގޮޅިތަކުގައި އެ ތޭރިތަކުގެ ތެރޭގައި އެ ހުންނަ ހޫނުތަކެއް ރައީސް ޔާމީނަކަށް އެނގިވަޑައިނުގަންނަވާނެ،" މާރިޔާ ވިދާޅުވިއެވެ.
ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވީ އެކަހެރިކޮށްލާފައި އެއާކޮންޑިޝަން ކޮޓަރީގައި ދެތިން ދުވަހަށް އިންނަވާފައި ނުކުމެވަޑައިގެން ރައީސް ޔާމީން މި ވިދާޅުވަނީ ޖަލުގައި އިންނެވުމަކީ ވަރަށް ވޭން ހުރި ކަމެއް ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ހުރިހާ ސިޔާސީ ލީޑަރުން އުޅުއްވީ ވަރަށް ހާލުގައި ކަމަށް މާރިޔާ ވިދާޅުވިއެވެ.
"ދަންނަވަންތޯ، އަޅުގަނޑުމެން އެބަ ހަނދާންކުރަންޖެހޭ ބައެއް ބޭފުޅުން ސިޔާސީ ވެރިންހެން ތިއްބެވި ކަމުގައިވިޔަސް، ގަރަހިތިތަކެއް ހެން ހަނދާން ނެތޭ އެބޭފުޅުން ތިއްބެވި ހާލު. އަޅުގަނޑުމެންގެ ހުރިހާ ސިޔާސީ ލީޑަރުން ތިބީ ޖަލަށް ލާފައި. އެކި ގޮތްގޮތަށް އަނިޔާވެރިވަމުން ގެންދިޔައީ. އަޅުގަނޑުމެން އެ ދުށް ސިޔާސީ ވާދަވެރި ނިޒާމު، ސުލްހަވެރި ސިޔާސީ ހަރަކާތް އަޅުގަނޑުމެންގެ ގައުމުގައި ހިނގާތަން ފެންނަން ބޭނުންވި ނިޒާމު ދިޔައީ މުޅިން ހަލާކުކޮށްލައިގެން އެންމެންނަށް އަނިޔާވެރިވަމުން،" މާރިޔާ ވިދާޅުވިއެވެ.
ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވީ ރިޔާސީ އިންތިހާބުގައި ކެމްޕޭން ކުރުމުގެ ބައްދަލުވުމެއް ވެސް ބޭއްވިފައި ނުވާ ކަމަށާއި މިހާރު އެ ދުވަސް މާޒީވެގެން ގޮސްފައިވާ ކަމަށެވެ. ނަމަވެސް އެދުވަހު އުޅެން ޖެހުނު ހާލު އެންމެން ވެސް ހަނދާން ކުރަންޖެހޭ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.