މުޙައްމަދު އަސްލަމް

ސަރުކާރު ހިންގަން މަދުވެގެން މަޖިލީހުގެ 50 އިންސައްތަ ބޭނުންވޭ: އަސްލަމް

ޝަހީދާ އަބްދުﷲ ސައީދު

ކޯލިޝަން ސަރުކާރު ހިންގުމަށް މަދުވެގެން ރައްޔިތުންގެ މަޖިލީހުގެ 50 އިންސައްތަ ގޮނޑި ބޭނުންވާކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިއަދު ހިންނަވަރުގައި ބޭއްވި އެޕާޓީގެ ކެންޑިޑޭޓު ޖީހާން މަހަމޫދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ނިމިގެން ދިޔައީވެސް 2014 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް މެޖޯރިޓީ ނުލިބުމުން ކަމަށެވެ.

އަދި މިހާރު ކޯލިޝަނަކުން ވެރިކަމަށް އައިނަމަވެސް ސަރުކާރު ހިންގުމަށް ހުރަސްތަކެއް އެބަހުރި ކަމަށާއި މިފަހަރު ބާއްވާ މަޖިލިސް އިންތިހާބު ކާމިޔާބު ނުވެއްޖެނަމަ އަނެއްކާވެސް ސަރުކާރު ހިންގުމަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލުމުން ނިމިދިޔަ ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރިވެފައިވާ ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ބޮޑުބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމާއި ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ފާރިސް މައުމޫންގެ އިތުރުން ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލާފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ކޯލިޝަނަކުން ވެރިކަމަށް އައިނަމަވެސް ކޯލިޝަންގެ މާބޮޑު އެއްބާރުލުމެއް ނުފެންނަ ކަމަށެވެ.

މީގެއިތުރުން މިޖަލްސާގައި އަސްލަމް ވަނީ ކުރިއަށް އޮތް ފަސްއަހަރު ދުވަހުގެ ތެރޭގައި ހިންނަވަރުގައި ގިނަ މަޝްރޫއުތަކެއް ހިންގާނެ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ހިންނަވަރުގެ ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމާއި ބަނދަރުގެ ތޮށިގަނޑު އިތުރަށް ހެދުމާއި ޓީޖެޓީއެއް ހެދުމުގެ އިތުރުން އެރަށުގައި ކުރިން ބޭނުންކުރި ބަނދަރުވެސް ހަދައިދިނުމަށް ރައްޔިތުން އެދިފައިވާތީ އެކަންވެސް ކޮށްދެއްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ނަމަވެސް ކަންކަން ވާނީ ވަގުތު ދިނުމުން ކަމަށާއި މަސައްކަތްތައް ތަރުތީބުކުރެވިފައިވާ އުސޫލުން ހުރިހާ ކަމެއްވެސް ކޮށްދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.