ގައުމީ ޓީމާ ދޭތެރޭ ގިނަ ބައެއްގެ ކަންބޮޑުވުންތަކެއް މިވަގުތަށް ހުރި ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެކަންކަމާ ގުޅޭގޮތުން ސުވާލުތަކަށް ޖަވާބުދެއްވުމަށް މީޑިއާއާ ބައްދަލުކުރައްވާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.
ރާއްޖެއިން މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު ފުރަތަމަ މެޗުގައި ބޫޓާން ކައިރިން 2-0 އިން މޮޅުވި ނަމަވެސް، އެންމެފަހުން ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައި 3-1 އިން ބަލިވުމާއެކު ދެން ސެމީ ފައިނަލަށް އޮތީ ހަނި ފުރުސަތެކެވެ. އެއީ މާދަމާގެ މެޗުގައި ލުބުނާން ބަލިކުރުމުގެ އިތުރުން، ބަންގްލަދޭޝް މެޗުގެ ނަތީޖާއަށްވެސް އިންތިޒާރުކޮށްގެން އޮތް ފުރުސަތެކެވެ. ބަންގްލަދޭޝް މެޗަށްފަހު ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު، ފްރެންޗެސްކޯ މޮރިއޭރޯ ނޫސްވެރިންނަށް ބަޔާނެއް ދީ ނޫސްވެރިންގެ ބައްދަލުވުން ދޫކޮށްލާފައިވާ އިރު، އެފްއޭއެމުން ދަނީ އޭނާއަށް ފިޔަވަޅު އެޅުމަށްވެސް މަޝަވްރާތައް ކުރަމުންނެވެ.
އެ މެޗުގައި ކޯޗުގެ ކަންކަން ބަލާނީ މާދަމާ ލުބުނާނު މެޗަށް ފަހުގައި ކަމަށް އެފްއޭއެމުން ބުނެފައިވާ އިރު، އެފްއޭއެމަށް އޮތީ މީޑިއާގެ ޕްރެޝަރު ބޮޑުވެފައެވެ. އެ ޕްރެޝަރާއެކު ނޫސްވެރިންގެ ގިނަ ސުވާލުތަކެއް އެފްއޭއެމަށް ކުރިމަތިވެފައި އޮތުމުން، މިއަދު ބައްސާމް ވަނީ މީޑިއާއަށް ހާއްސަ މެސެޖެއް ދެއްވައިފައެވެ. ބައްސާމް ވިދާޅުވީ މުބާރާތަށްފަހު ޖުލައި މަހުގެ 15 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ. އަދި މާޔޫސްވެފައިވާ ކަންތައްތަކަށް ޖަވާބުދެއްވާނެ ކަމަށެވެ.
އޭގެ އިތުރުން ބައްސާމް ވިދާޅުވީ ގައުމީ ޓީމުގެ ކުޅުމާއި، ސާފް ޗެމްޕިއަންޝިޕްގެ ނަތީޖާތަކަށް ކަންބޮޑުވުންތަކެއް ހުރެދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެއީ ގޯހެއްވެސް ނޫން ކަމަށެވެ. އަދި ބައްސާމް ވިދާޅުވީ މިވަގުތު ގައުމީ ޓީމަށް ހެޔޮ އެދި ދުއާކޮށްދޭން އެދޭ ކަމަށާއި، ޓީމަށް ހެޔޮ ނިޔަތެއްގައި އެންމެންވެސް ތިބުމަށް އެދޭ ކަމަށެވެ. އަދި ނޫސްވެރިން ގައުމީ ޓީމަށް ދޭ އެއްބާރުލުމަށްވެސް ބައްސާމް ޝުކުރު އަދާކުރައްވާފައިވެއެވެ.
ބައްސާމް ވިދާޅުވީ ކަންކަން ރަނގަޅު ކުރުމަށް ނޫސްވެރިންނާއެކު މަޝްވަރާކޮށް ހައްލުތަކެއް ހޯއްދަވަން ވިސްނަވާނެ ކަމަށެވެ.