ވެސްޓް ހަމްގެ އިންގްލެންޑް މިޑްފީލްޑަރު ޑެކްލަން ރައިސް ހޯދުމަށް އާސެނަލާއި މެންޗެސްޓާ ސިޓީން "ބިޑިން ހަނގުރާމަ"އަކަށް ދާން ފަށައިފިއެވެ.
އުމުރުން 24 އަހަރުގެ ރައިސްއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ ޑިމާންޑް ބޮޑު އެއް މިޑްފީލްޑަރެވެ. އޭނާ ހޯދަން އިނގިރޭސި ބޮޑެތި ކްލަބުތައް ކަމަށްވާ އާސެނަލާއި ސިޓީން މިހާރު ރަސްމީކޮށް ބިޑް ކުރަމުންދާ އިރު، ވެސްޓް ހަމްއިން އަދި ދަނީ ދެ ކްލަބުގެ ބިޑުތަކަށްވެސް ނޫނެކޭ ބުނަމުންނެވެ.
ވެސްޓް ހަމްގެ ޔޫތު ސިސްޓަމް ތެރެއިން ސީނިއާ ޓީމަށް ނުކުތް ރައިސްއަކީ މިވަގުތު އިނގިރޭސި ލީގުގައި ހުރި އެންމެ މޮޅު އެއް މިޑްފީލްޑަރެވެ. މިހާތަނަށް ގައުމީ ޓީމަށްވެސް އޭނާ ވަނީ 41 މެޗު ކުޅެދީފައެވެ. މިދިޔަ ސީޒަނުގައި ރައިސް ވަނީ ކްލަބާއި ގައުމީ ޓީމަށް 62 މެޗު ކުޅެދީފައެވެ. މިދިޔަ ސީޒަނުގައި ވެސްޓް ހަމްއިން ޔޫއެފާ ކޮންފަރެންސް ލީގު ހޯދި އިރު، އެޓީމުގެ ތަރިއަކީވެސް ރައިސްއެވެ.
މިދިޔަ ސީޒަންގައި ޓްރެބަލް ކާމިޔާބުކުރި ސިޓީން ރައިސް ހޯދަން ފުރަތަމަ ކުރި ބިޑުގެ އަގަކީ 80 މިލިއަން ޕައުންޑް ކަމަށްވާ އިރު، އެ ބިޑަށް ވެސްޓް ހަމްއިން ނޫނެކޭ ބުނީ އެ ކްލަބުން 100 މިލިއަން ޕައުންޑް ރައިސްއަށް ބޭނުންވާތީއެވެ.
ރައިސްގެ ވެސްޓް ހަމް އެއްބަސްވުން 2024 ވަނަ އަހަރަށް ހަމަވާ އިރު، އެ އެއްބަސްވުމުގައި 2025 ވަނަ އަހަރާ ހަމައަށް ދިގު ދަންމާލުމަށް ވެސްޓް ހަމްއަށް ފުރުސަތު އޮވެއެވެ.
ރަނގަޅު އަގެއްގައި ވެސްޓް ހަމްއިން ރައިސް ވިއްކާލަން މަސައްކަތް ކުރަމުންދާ އިރު، އާސެނަލުން ކުރި ދެވަނަ ބިޑަކީ 75 މިލިއަން ޕައުންޑްގެ ބިޑެކެވެ. ވެސްޓް ހަމް ރުއްސުމަށް އެޑް އޮންސްގެ ގޮތުގައި އާސެނަލުން 15 މިލިއަން ޕައުންޑްވެސް ހުށަހެޅިއެވެ. އެހެން ނަމަވެސް އެ ބިޑަށްވެސް ވެސްޓް ހަމްއިން ނޫނެކޭ ބުނުން، އާސެނަލުން މިހާރު ތިންވަނަ ބިޑަކަށް ތައްޔާރުވެފައިވާ ކަމަށް ނޫސްތައް ބުނެއެވެ.