މަގްބޫލު ހިންދީ ފިލްމެއްގެ ރީމޭކެއްގައި ބޮލީވުޑްގެ މިއުޒިކަލްއެއް ހިމަނައިގެން ފިލްމެއް ޑައިރެކްޓްކުރުމަށް ފަރާހް ތައްޔާރުވެއްޖެއެވެ.
ފިލްމު ޑައިރެކްޓަރު ރޯހިތު ޝެޓީ ވަނީ އެކަން އިއުލާންކޮށްފައެވެ. ރޯހިތު ބުނި ގޮތުގައި އޭނާ ޕްރޮޑިއުސް ކުރާ މިއުޒިކަލް ފިލްމު ޑައިރެކްޓް ކުރާނީ ފަރާހް އެވެ.
އަދި ފަރާހް ވެސް ވަނީ ރޯހިތުއާ އެކީ ކުރެވޭ އެ މަސައްކަތަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށް ބުނެފައެވެ. ފިލްމަކީ ރީމޭކެއް ކަމަށް ބުނަމުން ފަރާހް ބުނި ގޮތުގައި ފިލްމުގެ ސްޓައިލަކީ ވެސް އޭނާގެ އަމިއްލަ ސްޓައިލެއް ކެވެ. ފިލްމުގެ އެކްޝަން ބައިތައް ޑައިރެކްޓް ކުރާނީ ރޯހިތު ކަމަށް ފަރާހް ބުންޏެވެ.
އަޑުތައް ފެތުރިފައިވާ ގޮތުގައި ފަރާހް އަދި ރޯހިތު ހަދަން އުޅެނީ ކުރީގެ ފިލްމު "ސައްތޭ ޕޭ ސައްތާ" ގެ ރީމޭކެކެވެ. ނަމަވެސް އަދި ރަސްމީކޮށް އެކަމެއް ޔަގީންވެފައެއް ނުވެއެވެ.
ފަރާހް އިތުރަށް ބުނި ގޮތުގައި މިވަގުތު ކުރިއަށް ދަނީ ފިލްމުގެ ސްކްރިޕްޓް ފައިނަލް ކުރުމުގެ މަސައްކަތެވެ. މަސްދުވަސް ތެރޭގައި ފިލްމުގެ ކާސްޓުންވެސް އިއުލާން ކުރާނެ ކަމަށް ފަރާހް ބުންޏެވެ.