ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

މަޖިލިސް އިންތިހާބަށް އެއްކޮށް ނުނުކުމެވުނޭ ކިޔާފައި ނާގަ ހަރުފައާ އެއްކޮށް ކޯލިޝަން ހަދާކަށް ނުޖެހޭ: ޖޭޕީގެ ރައީސް

1

މިއަދު ކޯލިޝަން ރޫޅިގެން ދާކަށް ނުޖެހޭ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެއްކޮށް ނުނުކުމެވުނޭ ކިޔާފައި، ނާގަ ހަރުފައާ އެއްކޮށް ކޯލިޝަން ހަދާކަށް ނުޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ނ. މަނަދޫގައި ބޭއްވި އެމްޑީޕީ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ 50 ގުނަ ހަތަރެއް ޖަހާ މީހުންނާ އެއްކޮށް ކޯލިޝަން ހެދީމާ، މާބޮޑަށް ޕާޓީގެ އަގުވެއްޓޭ ކަމަށެވެ.

އަލީ ވަހީދު އެހެން ވިދާޅުވެފައިވާ އިރު، ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އާ ގުޅިގެން މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ޖޭޕީން ވަނީ ނިންމައިފައެވެ.

"ދިވެހި ތާރީހުގައި އަޅުގަނޑުމެންނަށް މައާފު ނުކުރާނެ ރާއްޖޭގެ ރައްޔިތުން، އަޅުގަނޑުމެން ތަޅައިގަނެފިނަމަ. އަޅުގަނޑުމެންގެ އޮޑީގައި ކޮންމެވެސް ދިމާލަކުން މަޑުލެއް ނަމަވެސް ނެއްޓިފައި އިނީތޯއްޗެ، ކަނޑުފޭރޭ ބަޔަކު އަރައިގެން މިއުޅެނީ. ދެން މިވާހަކަ ދެއްކީމާ ބައެއް ބޭފުޅުން ވިދާޅުވޭ، ޕާޓީގެ އަގުވެއްޓެނީއޭ، އެހެންކަމެއްވަނީއޭ. ޕާޓީގެ އަގު މާބޮޑަށް ވެއްޓޭ 50 ގުނަ ހަތަރެއް ޖަހާ މީހުންނާ އެއްކޮށް ކޯލިޝަން ހަދާ ވައްތަރަށް ދިޔައީމާ. މާބޮޑަށް އަގުވެއްޓޭ. އަޅުގަނޑުމެން އެގޮތަށް އެއްކޮށް ނުނުކުމެވުނޭ ކިޔާފައި އަޅުގަނޑުމެން ނާގަ ހަރުފައާ އެއްކޮށް ދާކަށް ވެސް ނުޖެހޭ. ރައީސް ޔާމީންގެ ވެރިކަން ނިމިއްޖެ،" އޭނާ ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ޖޭޕީއަކީ އެމްޑީޕީ ފިޔަވައި، ދިވެހިރާއްޖޭގެ އެންމެ ކިޔަވައިގެން ތިބި، ދިވެހި ދައުލަތަށް ހިދުމަތްކޮށްފައި ތިއްބެވި ނައިބު ރައީސުންނާއި ވަޒީރުކަން ކުރި މީހުންނާއި މަޖިލިސް މެމްބަރުކަން ކުރި މީހުންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި ހުރިހާ ވައްތަރެއްގެ ފާސްތަކެއް އޮތް ޕާޓީއެއް ކަމަށާއި އެހެންވީމާ ޕާޓީގެ ވިސްނުން މިކަހަލަ ގޮތްގޮތަށް ދާއިރު ހައްގު ބަސް ނުބުނަންޏާ، އެއަށްވުރެ އަގުވެއްޓޭ އަދި ލަދުގަންނަ ކަމެއް ނެތް ކަމަށެވެ.

"މިއަދު އަޅުގަނޑުމެން އެންމެން ނުތަނަވަސްވެ، ހާސްކަމެއްގެ ތެރެއަށް އަންނަނީ، އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންގެ ވިސްނުމުގެ ތެރޭގައި ހުންނަ މައްސަލައެއް. މި ގައުމު ބަދަލުކުރީ މި މަނަދޫގެ ލޮބުވެތި ރައްޔިތުންނާއި ރާއްޖޭގެ ތުރާކުނުން އައްޑޫގައި ތިއްބެވި އިސްލާހުގެ ވިންދު ޖަހަޖަހާ ތިބި ރައްޔިތުން ކުރި ހެޔޮ ދުއާއާއި ބުރަ މަސައްކަތުން. އެހެންވީމާ މިއަދު އަޅުގަނޑުމެން އައިސް، ނެރުން ނުކުމެ، މާކަނޑަށް ނުނުކުމެވެނީސް އަޅުގަނޑުމެންގެ އޮޑީގައި ތަޅައިގަނެފިއްޔާ އަޅުގަނޑުމެންނަށް ވުރެ ބޮޑެތި މޮޔައިންނެއް ނުތިބޭނެ،" އޭނާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟