މުހައްމަދު އައުޒަމް
އެމެރިކާ އާއި ޗައިނާ ފަހަތަށް ޖައްސައިލުމަށްފަހު ދެކުނު ކޮރެއާއިން 5ޖީ ބޭނުންކުރަން ފަށައިފިއެވެ.
ދެކުނު ކޮރެއާއިން 5ޖީގެ ހިދުމަތް ބޭނުންކުރަން ފަށާފައި ވަނީ ދާދިފަހުން ސެމްސަންގ އިން އެގައުމުގައި ތާރަފްކުރި 5ޖީ ބޭނުންކުރެވޭ ސެމްސަންގ އެސް10ގެ ފޯނުތަކާއެކުގައެވެ.
ދެކުނު ކޮރެއާއިން 5ޖީ ގެ ޓެކްނޮލޮޖީ ބޭނުންކުރަން ފެށުން ވެގެންދާނީ ވާދަވެރި އެމެރިކާ، އަދި ޗައިނާ އަށް ވުރެ ޓެކްނުލޮޖީގެ ރޮނގުން މާބޮޑަށްވެސް ކުރިއަރައިފައިވާ ގައުމެއްގެ ގޮތުގައެވެ.
ކޮރެއާގެ އެންމެ މަޝްހޫރު ޓެލެކޮމް އޮޕަރޭޓަރ، އެސް ކޭ ޓެލެކޮމްއިން ފުރަތަމަ 5ޖީގެ ހިދުމަތްދޭން ފަށާފައިވާއިރު، މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް އެންމެ މަތީ ސްޓޭންޑަޑްގެ ހިދުމަތް ލިބި ފުރިހަމަވެގެން ދާނެ ކަމެއްކަމަށް އެސް ކޭ ޓެލެކޮމްއިން ވަނީ ފާހަގަކޮށްފައެވެ.
އެސް ކޭ ޓެލެކޮމްއިން ދޭ 5ޖީ ހިދުމަތުގެ ސަބަބުން އިންޓަނެޓް ބޭނުންކުރާ ސްޕީޑް 4ޖީ އަށްވުރެން 20 ގުނަ އަވަސް ވާނެކަމަށް ވަނީ ބުނެފައެވެ. މިކަމުގެ ސަބަބުން ގޭމްކުޅުމާއި ލައިވް ވީޑިއޯ އެއްވެސް ޑިލޭއެއް ނެތި ބެލޭނެކަމަށް އެސް ކޭ ޓެލެކޮމްއިން ވަނީ ބުނެފައެވެ.
އެސް ކޭ ޓެލެކޮމް ބޭނުންކުރާ 27 މިލިޔަން ކަސްޓަމަރުން ތިބޭއިރު މިއަހަރު ނިމުމުގެ ކުރިން 5ޖީ ބޭނުން ކުރާ ކަސްޓަމަރުންގެ އަދަދު 1 މިލިޔަނަށް އަރާނެކަމަށް ވަނީ ލަފާކޮށްފައެވެ.