ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ރެޑްހޯކްސް ސްޕޯޓްސް ކްލަބުން ހޯދި އިރު، ފިރިހެން ޑިވިޝަންގެ ތަށި ކްލަބް ޒެފްރޯލުން އުފުލާލައިފިއެވެ.
ގައުމީ ހޭންޑްބޯޅަ ކޯޓުގައި ރޭ ފައިނަލް މެޗުތައް ކުރިއަށް ގޮސްފައިވާ އިރު، ދެ ފައިނަލުވެސް ފެނުނީ ފޯރިގަދަކޮށެވެ. ފުރަތަމަ ފިރިހެން ޑިވިޝަން ފައިނަލް ކުޅެފައިވާ އިރު، ޒެފްރޯލުން މެޗު ކާމިޔާބު ކުރީ ދިވެހި ސިފައިންގެ ކްލަބް އަތުން 33-28 އިން މޮޅުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފައިވަނީ ޒެފްރޯލް ޓީމުގެ އަބްދުﷲ ޒިޔާއު އަށެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަންގެ މޮޅު ހަތް ކުޅުންތެރިންނަކީ ޒެފްރޯލްގެ ޒިޔާއުގެ އިތުރުން އަބްދުﷲ ޒަހުވާން އިމްތިޔާޒާއި މުހައްމަދު ފިރުނާޝް އަބްދުﷲ އަދި ގޯލްކީޕަރު މުހައްމަދު ރަމީޒާއި ދިވެހި ސިފައިންގެ ކްލަބްގެ އަހުމަދު ނަސީރު، މުހައްމަދު ޝަމާލް އަދި ވެލިދޫ ޔުނައިޓެޑްގެ މުހައްމަދު ޔަޝްމު އަހުމަދެވެ.
ރެޑްހޯކްސްއިން ރޭ ކުޅުނު އަންހެން ޑިވިޝަންގެ ފައިނަލުގައި ކީން ސްޕޯޓްސް ކްލަބް ބަލިކުރީ 28-22 ގެ ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބިފައިވަނީ ރެޑްހޯކްސް ޓީމުގެ ޔަޝްފާ އާދަމަށެވެ.
އަންހެން ޑިވިޝަންގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ރެޑްހޯކްސްގެ ގޯލްކީޕަރު އައިޝަތު އާލާ އަލީ އާއި ފާތިމަތު ޖުނާގެ އިތުރުން އޮރިކްސްގެ ފާތިމަތު އަރުޝާ އާއި ރަފާހާ އިބްރާހިމް، ކީންސްގެ ފާތިމަތު ރިޝްމާ އާއި ފާތިމަތު މާލް އިބްރާހިމް އަދި ތުޅާދޫ ޔަންގް އީގަަލްސް ސްޕޯޓްސްގެ މަރިޔަމް ހަމްނާއެވެ.
ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަންގައި 27 ޓީމު ބައިވެރިވި އިރު، ފިރިހެން ޑިވިޝަންގައި ވަނީ 10 ޓީމު ވާދަކޮށްފައެވެ.