ސަލަފިއްޔާއަކީ އެއް ޖިންސުން ގުޅުން ހިންގުން ފަދަ ނުތާހިރު އަމަލު ހިންގާ ތަނެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމުގެ ފޭސްބުކް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނ. ކުޑަފަރީއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުތައް ކުށްވެރިކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ކެމްޕޭން ދަތުރުފުޅެއްގައި ކުޑަފަރީއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު މިއަދު ވިދާޅުވީ ސަލަފިއްޔާއަށް ގޮސްފައި، އެތަނުގައި އެއް ޖިންސުން ގުޅުން ހިންގަން އުޅެފައި، ރާއްޖަ އައިސް މާ ދީނީ ބޭފުޅެކޭ ކިޔައިގެން ވާހަކަދައްކައި، ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެއްދުން ނޫން ކަމެއް ނުކުރައްވާ ކަމަށެވެ.
އެ ވާހަކަފުޅުތައް ކުށްވެރިކުރައްވަމުން ޝަހީމް ވިދާޅުވީ ސަލަފިއްޔާއަކީ ރާއްޖޭގެ ވަރަށް ބޮޑެތި އިލްމުވެރިން އިލްމު އުނގެނުނު ތަނެއް ކަމަށާއި އޭގެ ތެރޭގައި އިސްލާމީ ވަޒީރުކަން ކުރެއްވި ބޭފުޅުންނާއި ނައިބު ރައީސްކަން ކުރެއްވި ބޭފުޅުން ވެސް ހިމެނޭ ކަމަށެވެ.
"އަހަރެން މިވާހަކަ ދެއްކުމުން ނަޝީދަށް ހީވެދާނެ އަހަރެން ވެސް މިއީ ސަލަފިއްޔާއިން ކިޔެވި މީހެއްކަމަށް. ނަމަވެސް ހަގީގަތަކީ އަހަރެން އެތަނުން ދުވަހަކު ވެސް ނުކިޔަވަން. އަހަރެން ނަޝީދުގެ ވާހަކަތައް ކުށްވެރިކުރަން. އެހެނީ އެތަނަކީ އެފަދަ ނުތާހިރު އަމަލު ހިންގާ ތަނެއް ނޫން،" އޭނާ ވިދާޅުވިއެވެ.
ޝަހީމް ވަނީ ނަޝީދުގެ އެ ވާހަކަފުޅުތަކާ ގުޅިގެން ގިނަ ސުވާލުތަކެއް އުފައްދަވައިފައެވެ. އޭގެ ތެރޭގައި ރައީސް ނަޝީދުގެ ގާނޫނީ ވަކީލު ހިސާން ހުސައިން ބައްޕައާއި ބޮޑުބޭބެމެން ކިޔެވީ ކޮންތާކުންތޯ އާއި އެމަނިކުފާނު ޞަޙީޙު މުސްލިމު ނެރެންދާ ޖަލްސާގައި އެ ނެރޭ ފޮތް ތަރުޖަމާ ކުރައްވާ އިލްމުވެރިޔާ ކިޔެވީ ކޮންތާކުންތޯ އާއި އެމަނިކުފާނުގެ ވެރިކަމުގެ އިސްލާމިކް މިނިސްޓަރު ކިޔެވީ ކޮންތާކުންތޯ، ޝަހީމް ސުވާލު އުފެއްދެވިއެވެ.
"މަނިކުފާނަށް ނަސްރުދޭ އިލްމުވެރިންގެ ތެރޭގައި ސަލަފިއްޔާއިން ކިޔެވި މީހުން އެބަ ތިއްބެވިއެވެ. މިއެންމެންނަކީ އެއް ޖިންސުންގުޅުން ހިންގާ މީހުން ހެއްޔެވެ؟. ސިޔާސީ ސަބަބުތަކާ ހުރެ ސަލަފިއްޔާއިން ކިޔެވި ބައެއް މީހުން އެމްޑީޕީއަށް ތާއީދު ކުރެއެވެ. ދީނީ އިލްމުވެރިންގެ އަގު ވައްޓާލަން ހިންގަމުންދާ ޖަރީމާތަކުގެ ކުރިމަތީގައި ރާއްޖޭގެ އިސްލާމީ ޕާޓީ ކުޑަ ކަކޫ ޖަހާފައިވަނީ ކޮން ފަދަ އުޒުރެއް މެދުވެރިވެގެން ހެއްޔެވެ؟،" ޝަހީމް ވިދާޅުވިއެވެ.
ޝަހީމު ވަނީ ވަގުތު ފާއިތުވުމުގެ ކުރީން ޝެއިޙް އިލްޔާސް ހުސައިންއާއި ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ، އެފަދަ އަމަލުތަކުން ބަރީއަވުމަށް އިލްތިމާސްކުރައްވައިފައެވެ.