މުޙައްމަދު އަސްލަމް

"ދަތުރުދާއިރު ރިސޯޓުގެ ވަސީލަތްތައް ބޭނުންކުރެވޭނެ، ފެމެލީ ރޫމުތައް ލިބޭނެ"

ޝަހީދާ އަބްދުﷲ ސައީދު

1

މާލޭގެ ރައްޔިތުން ހަފްތާ ބަންދުގައި ދަތުރު ދިއުމަށް، އެނބޫދޫ ފަޅުން ކަނޑައެޅި ރަށުގައި ބޭނުންވެއްޖެނަމަ ރިސޯޓުގެ ވަސީލަތްތައްވެސް ބޭނުންކުރެވޭނެ ކަމަށާއި އަދި ތުއްތުކުދިން ގޮވައިގެން ދާ އާއިލާތަކަށް ފެމެލީ ރޫމްތައް ލިބޭނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ތައިލެންޑްގެ ސިންހާ އެސްޓޭޓު ކުންފުނިން އެނބޫދޫގައި ރިސޯޓު ތަރައްގީ ކުރަން ހިއްކާފައި އޮތް ރަށްތަކުގެ ތެރެއިން ރަށެއް ޕިކްނިކް ގޮސް އުޅުމަށް ސަރުކާރަށް ވަނީ ދީފައެވެ.

އެރަށް ސަރުކާރަށް ދިނުމާމެ ދު އެކުންފުންޏާއި ދިވެހި ސަރުކާރާ ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ސޮއިކުރުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަސްލަމު ވިދާޅުވީ ދަތުރު ދިއުމަށް ދީފައިވަނީ 333000 އަކަފޫޓުގެ ބޮޑު ސަރަހައްދެއް ކަމަށެވެ.

އަދި އެ ސަރަހައްދާއި ރިސޯޓާއި ވަކިވެފައި އޮންނާނީ ޕްލޭނަށް ގެންނަ ބަދަލެއްގެ ތެރެއިން ކަމަށާއި ދަތުރުދާ ފަރާތްތަކަށް ރިސޯޓުގެ ވަސީލަތްތައް ބޭނުން ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

އެގޮތުން އިންޓަނޭޝަނަލް ފެންވަރުގެ ރެސްޓޯރެންޓްތަކާއި ތުއްތު ކުދިން ގޮވައިގެންދާ އާއިލާތަކަށް ފެމެލީ ރޫމުތަކާއި ބާބަކިޔު ހަދާނެ ތަންތަނާއި ކުޅިވަރު ކުޅެ މަޖާކޮށްލާނެ ތަންތަންވެސް ހުންނާނެ ކަމަށާއި އެތަންތަން ބޭނުންވެއްޖެ ނަމަ ލިބޭނެ ކަމަށް ރިސޯޓު ހިންގާ ސިންހާ އެސްޓޭޓު ކުންފުނިން ބުނެފައިވާކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ މިހާރު ވަނީ ބިން ކަނޑައަޅައި ނިމިފައި ކަމަށާއި މިހާރު ކުރިއަށްދަނީ ޑިޒައިން ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ކުރިއަށް އޮތް ހަތް މަސްތެރޭގައި އަމަލީ މަސައްކަތް ނިންމައި ސަރުކާރަށް އެއް އަހަރުވާއިރު ދަތުރުދާ ރަށުގެ ބޭނުން ހިފޭނެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟