ވިޔަފާރި

ޗައިނާ މާކެޓަށް އަމާޒުކޮށް ދަތުރެއްކޮށް، ރާއްޖެ އިސްތިހާރުކޮށްފި

މުހައްމަދު އިޝާން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އާއި ސިންގަޕޯ އެއާލައިންގެ ގުޅިގެން ޗާއިނާއަށް ދަތުރެއްކޮށް، ޗައިނާގައި ރާއްޖެ އިޝްތިހާރުކޮށްފިއެވެ.

އެމްއެމްޕީއާރްސީން އިއްޔެ ބުނީ ފެމިލިއަރައިޒޭޝަން ދަތުރުތައް ބާއްވާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ފެށިގެން މިމަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެ ދަތުރުގެ މަގުސަދަކީ ރާއްޖޭގެ ހޮސްޕިޓަލިޓީ، ތަޖުރިބާތައް އަދި އަގުހެޔޮ ލަގްޒަރީ އޮޕްޝަންތަކާއި ދެމެހެއްޓެނިވި ދިރިއުޅުމުގެ ވައްޓަފާޅިއާއި ތަފާތު ތަޖުރިބާތައް ދައްކާލުންކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

ފެމިލިއަރައިޒޭޝަން ދަތުރުތައް ފަށާފައިވަނީ ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލާސް ކޮންފަރެންސް 2023 އަށް ފަހުކަމަށް އެމްއެމްޕީއާރްސީން ބުންނެވެ. ޗައިނާގެ އެކި ޕަބްލިކޭޝަންތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ މަންދޫބުން ބައިވެރިވި އެ ދަތުރުގައި ރާއްޖޭގެ ހާއްސަ ގުދުރަތީ ސިފަތަކާއި "ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓް ދައްކާލައިފައިވާކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

"މި ދަތުރުގައި ބައިވެރިވާ ޓްރެވަލް ޕްލަސް ލެއިޒާ، ސިޓީ ޓްރެވަލާ، ކޮންޑޭ ނާސްޓް ޓްރެވަލާ، ވޮޔޭޖް، އަދި ފްލައިއާ ޓީ ފަދަ މަޝްހޫރު ޕަބްލިކޭޝަންތަކާއި ޕްލެޓްފޯމްތަކުން ފުޅާ ދާއިރާއެއްގައި ކަވަރޭޖް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވުމާއެކު، މި ހަރަކާތުގެ ޖުމުލަ ރީޗް 1،270،000 އަށް އަރާނެ ކަމަށް ބެލެވެއެވެ." އެމްއެމްޕީއާރްސީން ބުންޏެވެ.

ފެމިލިއަރައިޒޭޝަން ދަތުރުގެ އަމާޒަކީ ރާއްޖެއަކީ ޗައިނާގެ ދަތުރުވެރިންނަށް ރައްކާތެރި އަދި ޝައުގުވެރި މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރުން ކަމަށްވެސް އެމްއެމްޕީއާރްސީން ބުންޏެވެ.

ކޮވިޑް-19އިގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ޓޮޕް 10 ގައި އަބަދުވެސް ޗައިނާ ހިމެނެއެވެ. ކޮވިޑުގެ ސަބަބުން ޗައިނާއިން އަަންނަ ޓޫރިސްޓުންގެ އަދަދު ވަނީ މަދުވެފައެވެ. ނަމަވެސް ޗައިނާގައި ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އުވާލުމާއެކު އެގައުމުން އަންނަ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވާން ފަށައިފައެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓާގައި ޗައިނާއިން ވަނީ 17،691 ޓޫރިސްޓުން ރާއްޖެ އައިސްފައެވެ.