ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019

ހުރިހާ ކެންޑިޑޭޓުން އެއްކޮޅަކަށް އަޅާލިޔަސް، ޑރ. ޖަމީލްގެ ހުރި ކެޕޭސިޓީއެއް ނުހުންނާނެ: އަލީ ވަހީދު

1

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވިލިމާލޭ ދާއިރާއަށް ކުރިމަތިލައްވާފައިވާ ހުރިހާ ކެންޑިޑޭޓުން އެއްކޮޅަކަށް އަޅާލިޔަސް، ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ނުކުންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ ކެޕޭސިޓީއެއް ނުހުންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަދި ޖޭޕީގެ ރައީސް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ޑރ. ޖަމީލްގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ވިލިމާލޭ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓާއި އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހްމަދު އުޝާމަކީ ވެސް ގާތް އެކުވެރިން ކަމަށާއި ނަމަވެސް ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރުމުގައި ވަކި ޕާޓީއަކަށް، ވަކި ލޯގޯއަކަށް ނުބަލައި، އެންމެ ގާބިލު ކެންޑިޑޭޓަށް ވޯޓު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ވިލިމާލޭ ދާއިރާއަށް އެންމެ ގާބިލު ކެންޑިޑޭޓަކީ ޑރ. ޖަމީލު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެން ހުރިހާ ކެންޑިޑޭޓުން އެއްކޮޅަކަށް އަޅާލިޔަސް، ޑރ. ޖަމީލްގެ ހުރި ކެޕޭސިޓީއެއް ނުހުންނާނެ. މިއީ ހަގީގަތް. އަޅުގަނޑުމެން މިއުޅެނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކަށް މީހަކު ހޮވަން. އަޅުގަނޑުމެން މިއުޅެނީ ކްލަބު ޖަމިއްޔާއެއް ހިންގާކަށް ނޫން. އަޅުގަނޑުމެން މިއުޅެނީ ސައި ހޮޓަލެއް ހިންގާކަށެއް ނޫން،" މިނިސްޓަރު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ދިވެހިރާއްޖޭގައި ދިހަ އަހަރު މިކުރި ތަޖުރިބާއިން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ވަރުގަދަ، ދޫހެލޭ، ހިންގުންތެރި، ތައުލީމީ، ގާބިލު، އަދި ކޮންމެ މައްސަލައެއް އޭގެ ވަށާ ޖެހިގެން ބަހުސް ކުރެވޭ، ރައްޔިތުންނަށްޓަކައި އެންމެ ފައިދާހުރި ގޮތުގައި ނިންމޭނެ މެމްބަރުން މަޖިލީހަށް އިންތިހާބުކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ މި އުފެދިފައި އޮތް ސަރުކާރު ހިންގާ ކޯލިޝަންގެ ހުރިހާ ޕާޓީއަކަށް އަޅުގަނޑުމެންގެ ފުރިހަމަ އިހުތިރާމު އެބައޮތް. އެހެންނަމަވެސް ކޮންމެ ޕާޓީއަކުން ކުރިމަތިލީ ކަމުގައިވިޔަސް، ރައްޔިތުންގެ މަޖިލީހަށް ރާއްޖޭގެ ރައްޔިތުން އިންތިހާބުކުރަންވީ އެ ރައްޔިތަކު ގަބޫލުކުރާ އެންމެ ގާބިލު ކެންޑިޑޭޓު،" މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟