ޑރ. މުހައްމަދު ޖަމީލް އަހްމަދު

ވިލިމާލެއާ މެދު ސަރުކާރުން ގެންގުޅޭ ވިސްނުން ބަދަލުކުރަން ޖެހޭ: ޑރ. ޖަމީލް

ވިލިމާލެއާ މެދު ސަރުކާރުން ގެންގުޅޭ ވިސްނުން ބަދަލުކުރަން ޖެހޭ ކަމަށާއި ވިލިމާލެއަކީ ދޮން ދަރިއެއް ކަމަށް ދެކިގެން ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވިލިމާލެ ދާއިރާއަށް ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ޑރ. ޖަމީލްގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ވިލިމާލޭގައި މި ދިރިއުޅެނީ ހަގީގީ މާނައިގައި މާލޭގެ ރައްޔިތުން ކަމަށް ސަރުކާރުން ދެކެން ޖެހޭ ކަމަށާއި މި ސަރުކާރުގެ ތެރެއިން އެކަން ފުއްދަވައިދެއްވާނެ ކަމާ މެދު ޝައްކެއް ނުކުރާ ކަމަށެވެ.

"އަޅުގަނޑު ދެކެން ބޭނުންވަނީ އުފާފާގަތިކަން. އަޅުގަނޑު ދެކެން ބޭނުންވަނީ ފެހި ދިރިއުޅުމެއް. އަޅުގަނޑު ދެކެން ބޭނުންވަނީ ޗާލު ދިރިއުޅުމެއް. އެކަންތައްތައް ވާން އޮތީ އިއްޒަތްތެރި މިނިސްޓަރު އޮނަރަބަލް އަލީ ވަހީދު، ތިބޭފުޅުންގެ ޕޮލިސީތައް ބަދަލުކުރައްވައިގެން. ސަރުކާރުގެ ވިސްނުން، ވިލިމާލެއަކީ ދޮން ދަރިއެއް ނޫން ކަމަށް ދެކިގެން. ސަރުކާރުގެ ވިސްނުމުގައި އެބަ ދެކެން ޖެހޭ މި ވިލިމާލޭގައި މި ދިރިއުޅެނީ ހަގީގީ މާނައިގައި މާލޭގެ ރައްޔިތުން ކަމަށް،" އެމަނިކުފާނު ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ ވިލިމާލޭގެ މަގުމަތީގައި ދިރިއުޅޭ ޒުވާނުންގެ ހިތުގައި ސުވާލެއް އޮންނަ ކަމަށާއި ވިލިމާލޭގެ ގެތަކުގައި ދިރިއުޅެމުންދާ އިސް ރަށްވެހިން އިހުސާސްކުރާ ތަދެއް އޮންނަ ކަމަށެވެ. އަދި ވިލިމާލޭގެ މަގުމަތީގައި ކުޅެން އުޅޭ ތުއްތު ކުއްޖާގެ ލޮލުން ކަރުނަ ފައިބާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ވިލިމާލެއަކީ ވަރަށް ހާލުގައި އޮތް ތަނެއް. ވިލިމާލޭގެ ޒުވާނުންނަށް ވަޒީފާއެއް ނެތް. ކޮންމެ މީހަކު އެ ޒުވާނާ ބަދުނާމު ކުރަނީ. ވިލިމާލޭގެ ގެތަކުގައި ދިރިއުޅޭ އަންހެން ބޭކަނބަލުންނަށް އެކަށީގެންވާ ސިއްހީ ފަރުވާއެއް ދޭ ނިޒާމެއް މިރަށަކު ނެތް. އެބޭކަނބަލުން ހިތްދަތިކަމުގައި ދިރިއުޅެމުން ދަނީ. ވިލިމާލޭގެ ގެތަކުގައި ދިރިއުޅޭ އިސް ރަށްވެހިން ވޭނާއި ކެކުޅުމާއި އިހުސާސްތަކުގެ ތެރޭގައި ދިރިއުޅޭތާ މިރަށަށް މިވީހާ ދުވަސް ވެއްޖެ. މި ރަށުގައި ވަރަށް ހުނަރުވެރި ރައްޔިތުންތަކެއް ދިރިއުޅޭ. އަޅުގަނޑު މި ރަށަށް އައިސް، މިކުރި ދަތުރުގައި ވަރަށް ގިނަ ގޭގެއަށް އަޅުގަނޑު ޒިޔާރަތްކުރިން،" އެމަނިކުފާނު ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ ކޮންމެ މީހަކު ވެސް އެމީހަކީ ފުދުންތެރި މީހަކަށް ވާން ބޭނުންވާ ކަމަށާއި ވިލިމާލޭގެ ޒުވާނުން ބޭނުންވަނީ ވަޒީފާ އާއި ވިލިމާލޭގައި އޮތް ސިނާއީ ސަރަހައްދު މިރަށުގެ ރައްޔިތުންގެ ތަނަކަށް ހެދުމަށް ކަމަށެވެ.

"މިނިސްޓަރު އޮނަރަބަލް އަލީ ވަހީދުގެ ކިބައިން އަދަބުވެރިކަމާއެކު އެދެނީ މިރަށުގެ ރައްޔިތުންނަށްޓަކައި މިރަށުގެ މި ސުވޭނިއާ ސްޓްރީޓު ގާއިމުކޮށް، މިރަށުގައި މިއޮތް ސިނާއީ ސަރަހައްދަކީ މިރަށުގެ ރައްޔިތުންގެ މިލްކެއް ކަމަށް ހައްދަވައިދެއްވާށޭ. މިރަށުގެ ގޮނޑިއަށް އަޅުގަނޑު އިންތިހާބު ކޮށްދެއްވައިފި ކަމުގައިވާ ނަމަ، އަޅުގަނޑު ދެވަނަ ދެނޭވާއެއް ނުލާނަން މިކަންތައްތައް ފުރިހަމަކޮށްފައި ނޫނިއްޔާ،" ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް އިތުރަށް ވިދާޅުވީ ވިލިމާލޭ ދާއިރާގެ ގޮނޑިއަށް އެމަނިކުފާނު ހޮއްވަވައިދެއްވައިފި ނަމަ، ވިލިމާލޭގައި ދިރިއުޅޭ ކޮންމެ ރައްޔިތެއްގެ ހާލަތު ބަދަލުވުމަށް ދާންދެން ހިމޭނުން ނުހުންނަވާނެ ކަމަށެވެ.