ވިޔަފާރި

އެމްފައިސާއިން އެފްއެސްއެމަށް ފައިސާ ދެއްކި ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް ސައިކަލް ހަވާލުކޮށްފި

އުރީދޫ މޯލްޑިވްސްގެ އެމް-ފައިސާ މެދުވެރިކޮށް މާލެ އަދި ހުޅުމާލޭގައި ހުންނަ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޕެޓްރޯލް ޝެޑްތަކަށް ފައިސާ ދެއްކި ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ އެމް-ފައިސާ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަށް ހޮންޑާ ސްކޫޕީ ކްލަބް 12 ސައިކަލު މިއަދު ހަވާލުކޮށްފިއެވެ.

އުރީދޫން ބުރިޖުވިއު ޕްލެޓްފޯމުގައި މިއަދު ބޭއްވި ހަރަކާތުގައި ނަސީބުވެރި ފަރާތަށް ސައިކަލް ހަވާލުކޮށްދެއްވީ އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ އާއި އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމްގެ އިތުރުން ކިންގްސްޓަން މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު ހަސަންއެވެ.

ޕެޓްރޯލް ޝެޑުތަކަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭގޮތަށް ހަމަޖެހިގެން ދިޔުމުން އެފްއެސްއެމްގެ ކަސްޓަމަރުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދިޔަކަމަށް އުރީދޫން ބުންޏެވެ. އެގޮތުން ޕެޓްރޯލް ޝެޑުގައި ހުންނަ އެމް ފައިސާގެ ކިއުއާރު ކޯޑް ސްކޭންކޮށްގެން ސިކުންތު ކޮޅެއްގެ ތެރޭގައި ފައިސާ ދައްކާލެވޭ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ އެމް-ފައިސާ މެދުވެރިކޮށް ޕެޓްރޯލް ޝެޑަށް ފައިސާ ދައްކަމުންދާ ކަސްޓަމަރުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އެފްއެސްއެމްއާ އެކު އުރީދޫންވެފައިވާ އެއްބަސްވުމުގެ ސަބަބުން ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް މުޖުތަމައު ބާރުވެރިކުރުވުމުގެ އިތުރުން ޑިޖިޓަލް ފައިނޭންޝަލް ހިދުމަތްތައް ރާއްޖޭގައި ބޭނުން ކުރުމަށް މަގުފަހިކޮށްދިނުމަށްވެސް އެހީތެރިވެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރިއަށް އޮތްތަނުގައިވެސް ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކޮށް، ރާއްޖޭގެ ޑިޖިޓަލް އިގުތިސޯދު ކުރިއެރުވުމަށް މަސައްކަތް ކުރާ ކުންފުންޏެއްގެ ގޮތުގައި އުރީދޫ ދެމި އޮންނާނެކަމުގެ ޔަގީންކަން އަރުވަން. މި ފުރުސަތުގައި އަޅުގަނޑުމެންގެ މި ވިސްނުމާ އެއްގޮތައް އެމް-ފައިސާ ހިދުމަތް އެފްއެސްއެމްގައި ގާއިމުކޮށްދެއްވި ކަމަށްޓަކައި ފިއުލް ސަޕްލައިސް މޯލްޑިވްސް އަށް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" ހާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

ގަސަމް ވިދާޅުވީ، އެފްއެސްއެމުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އަވަސް ހިދުމަތްތަކެއް ފޯރުކޮށް ދިނުމަށް ކަމަށެވެ. އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިގެން ދިޔުމުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަވުމުގެ އިތުރުން، އެފްއެސްއެމްގެ މުވައްޒަފުންނަށް ޕޭމަންޓް މޮނީޓާކޮށް ބެލެހެއްޓުމުގެ ލުއިފަސޭހަކަން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތްތަނުގައި އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު އެހެން ސަރަހައްދުތަކަށް ފުޅާކުރާނެ ކަމަށް ގަސަމް ވިދާޅުވިއެވެ.

އެމް-ފައިސާއިން، ޔޫޓިލިޓީ ބިލް ދެއްކުމާއި ފައިސާ ޓްރާންސްފާ ކުރުމާއި ރާއްޖޭގެ އެންމެ މަގުބޫލު ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓް ތަކަށް ފައިސާ ދެއްކޭނެއެވެ.