އަރަބި މާކެޓުގައި ދިވެހި ރާއްޖެ އިތުރަށް ޕްރޮމޯޓުކުރުމަށްޓަކައި "އަލް ޖުޒްރު"ގެ ނަމުގައި އަރަބި މެގަޒިނެއް ތަައާރަފުކޮށްފިއެވެ.
ޓުއަރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މެގަޒިންގެ ސޮފްޓް ލޯންޗުކުރައްވާފައިވަނީ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.
އެ މެގަޒިން ލޯންޗުކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އަރަބި މާކެޓަށް ފައިދާ ވާނެ އެ މެގަޒިންއަކީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ކޮމްފޯޓް ޓްރެވެލް އެންޑް ޓުއާސްގެ ފަރާތުން އެކުލަވާލާފައިވާ މެގަޒިނެއް ކަމަށެވެ.
ރާއްޖޭގައި އިސްލާމިކް ޓުއަރިޒަމް އިތުރަށް ފުޅާކުރުމުގައި އަރަބި އިސްލާމީ ގައުމުތަކުން ރާއްޖެއަށް އައުން މުހިއްމު ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަަދަދު ވަރަށް ބޮޑަށް އިތުރުކުރުމަށް ކަމަށެވެ.
"އަޅުގަނޑުމެން މި ދަނީ ކުރީން ރާއްޖެ ފަތުރުވެރިން އައި މަންޒިލުތަކަށްވުރެ ފޯކަސް ނުކުރެވި ހުރި ދިމަދިމާލަށް މަސައްކަތް ކުރަން ވިސްނައިގެން،" އޭނާ ވިދާޅުވިއެވެ.