ގާސިމް އިބްރާހިމް

މަގާމާއި ބާރު ލިބުމުން ހަނދާން ނެތުނީ ކާކުތޯ؟ ހަތަރު ލީޑަރުންނާ މިހާރުގެ ރައީސް ވީ އެއްބަސްވުން ކޮބައިތޯ؟

4

މަގާމާއި އާރާއި ބާރު ލިބުމުން އެކަންކަން މެދުވެރިވި ސަބަބު ހަނދާން ނެތުނީ ކާކުތޯ އާއި ހަަތަރު ލީޑަރުންނާ އެކު މިހާރުގެ ރައީސް އޭރުގެ ރިޔާސީ ކެންޑިޑޭޓު ވެވަޑައިގެންނެވި އެއްބަސްވުން ކޮބައިތޯ ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ސުވާލު އުފައްދަވައިފި އެވެ.

ގާސިމް އިބްރާހީމް މި ސުވާލުކުރައްވައިފައި ވަނީ އޭނާ މިއަދު ބައެއް ފަރާތްތަކަށް ފޮނުއްވި މެސެޖެއްގަ އެވެ.

އެ މެސެޖުގައި ގާސިމް ވަނީ މަސްދުވަސް ނުވަނީސް އަނިޔާވެރިވީ ކޮން ބައެއްތޯ؟ ސުވާލު ކުރައްވައިފައެވެ.

ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލުމަށާއި، މަޝްވަރާކޮށްގެން ނިންމަންހުރި ކަންކަން މަޝްވަރާ ނުކޮށް ކުރަމުން ގެންދިއުމާއި އިސްލާމް ދީނުގައި ކަނޑައެޅިގެން ބޮޑު ފާފައިގެ ގޮތުގައި ހިމެނޭ ހަރާމް ކަންކަން ކުރުމަށް ހިތްވަރުލިބޭ ގޮތަށް އެކި އެކި ވާހަކަ ދައްކަމުން ދިއުމާއި ސަލާން ޖަހަން ގެންގުޅުނު ނާށިގަނޑު މަތިން ހަނދާން ނެތުމާއި ބާރާއި އާރު އަދި މަގާމް ލިބުމުން އެކަންކަން ލިބެން މެދުވެރިވި ސަބަބު ހަނދާން ނެތުމާއި ގާނޫނުއަސާސސީއާ ހިލާފަށް ގާނޫނުހަދައިގެން ބާރު ހޯދަން މިއުޅެވެނީ ކާކަށް ކޮން ބަޔަކަށްތޯ ވެސް ވަނީ ސުވާލު ކުރައްވައިފައެވެ.

އަދި ގާނޫނުތައް ހަދައިގެން އަނިޔާވެރިވާން އުޅެނީ ކާކަށް ކޮން ބަޔަކަށްތޯ އާއި، ގާނޫނުއަސާސީއާ ހިލާފަށް ބާރުތައް ބަނޑުދަށު ނުލެވިގެން މިއުޅެނީ ކޮންބައެއްތޯވެސް އެ މެސެޖުގައި ގާސިމް ވަނީ ސުވާލު ކުރައްވައިފައެވެ.

"ކާކުތޯ ޗާޓުން ބޭރުން ކަންކޮޮށްލާނަމޭ ބުނީ. ކާކުތޯ ފަނޑިޔާރުން ގާނޫނު އަސާސީއާ ހިލާފަށް، ގާނޫނާ ހިލާފަށް އަދި ގަވާއިދާ ހިލާފަށް ހައްޔަރުކުރީ. އެކަން އަނެެއްކާވެސް ނުކުރެވިގެން މިއުޅެނީ ކޮން ބައެއްތޯ؟ ވަކި ބަޔަކަށް މަޖިލިސް އިންތިހާބުގައި މުޅި މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތު ލިބެންޖެހޭނީ އެމްޑީޕީއަށޭ ބުނަމުންދަނީ ކޮންބައެއްތޯ،" ގާސިމްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ގާސިމްގެ މެސެޖުގައި ހަތަރު ލީޑަރުންވީ އެއްބަސްވުން ކޮބައިތޯ އާއި މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ، އޭރުގެ ރިޔާސީ ކެންޑިޑޭޓާއި އެމްޑީޕީން ވީ އެއްބަސްވުން ކޮބައިތޯވެސް ވަނީ ސުވާލުކުރައްވައިފައެވެ.

މެސެޖުގައި ގާސިމް ވިދާޅުވެފައިވަނީ، މަޖިލިސް ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފު އަދި ގަވާއިދާ ހިލާފު އެއްވެސްކަމެއް ކިތަންމެ ރުޅި ގަދަވިޔަސް ނުހިންގޭނެ ކަމަށާއި ނުވެސް ހިންގަވާނެ ކަމަށެވެ.

"އިންތިހާބުގައި މުޅި މަޖިލީހުގެ ބޮޑު އަގުލައްބިއްޔަތު ލިބެންޖެހޭނީ އެމްޑީޕީއަށޭ ބުނަމުންދަނީ ކޮންބައެއްތޯ؟ ކޮބައިތޯ 4 ވެރިިން ވީ އެއްބަސްވުން. ކޮބައިތޯ އެމްޑީޕީ އާއި ރިޔާސީ ކެންޑިޑޭޓްވީ އެއްބަސްވުން. އެމްޑީޕީން ހަނދާން އެބަހުރިތޯ؟ އެއްބަސްވުންތަކާއި ވީ ވައުދާއި އަހުދާ އެއްގޮތަށްތޯ ހުރިހާ ކަމެއް މިދަނީ. ގާސިމް މަޖިލިސް ރައީސަކަށްހުރެ، ގާނޫނުއަސާސީ އާއި ގާނުނާ ހިލާފު، ގަވާއިދާ ހިލާފަށް އެއްވެސްކަމެއް ކިތަންމެ ރުޅި ގަދަވިޔަސް ނުހިންގޭނެ، ނުހިންގާނަން،" އެ މެސެޖުގައި ގާސިމް ވިދާޅުވެފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟