ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ދުވަހަކުވެސް ސިޔާސީ ވާހަކައެއް ނުދެއްކޭ ވަރަށް ފަހަތަށް ޖައްސައިލައްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީ ފަލަ ސުރުހީ ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ކަމުގައިވިޔަސް، އިޖުރާއަތްތައް ފުރިހަމަކޮށްގެން މިހާރުވެސް ފުލުހުންނަށް ރައީސް ޔާމީން ހައްޔަރުކުރެވޭނެ ކަމަށާއި މިރެއިން މިރެއަށް ވެސް ރައީސް ޔާމީން ހައްޔަރުކުރަން ދިވެހި ފުލުހުންނަށް ގޮވާލާ ކަމަށެވެ. އަދި އެމަނިކުފާނު ވަރަށް ބޮޑެތި ވައްކަންތަކާއި ބޮޑެތި ހިޔާނާތްތަކެއް ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ރައީސް ޔާމީން އެ ހުންނެވީ އެކަނިވެފަ. އިރާދަކުރެއްވިއްޔާ ރައީސް ޔާމީން ފަހަތަށް ޖައްސާލާނަން ދުވަހެއް ކޮޅުންވެސް ސިޔާސީ ވާހަކަ ދައްކަން ކެރިވަޑައިނުގަންނަވާ ވަރަށް. ވަރަށް ބޮޑެތި ވައްކަންތަކެއް ކޮށްފައި ހުރީ. ވަރަށް ބޮޑެތި ހިޔާނާތްތަކެއް ވެފައި ހުރީ. އަޅުގަނޑު ދިވެހި ފުލުހުންނަށް ދަންނަވަން މިރެއިން މިރެއަށް ވެސް ރައީސް ޔާމީން ހައްޔަރުކުރަން. އިޖުރާއަތްތައް ފުރިހަމަކޮށްގެން މިހާރުވެސް ފުލުހުންނަށް ރައީސް ޔާމީން ހައްޔަރުކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.
ހަސަން ލަތީފް ވިދާޅުވީ އިންތިހާބުގެ ކަންކަން ފުލުހުންނާއި ސިފައިން ތަހުގީގު ކުރާއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސުޕަވައިޒްކޮށްދިނުމަށް އެދުމަކީ ފަނޑިޔާރުންނަށް ބޭ އިހުރާތާމް ކުރުން ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަންޑިޔާރުންނަކީ މައްސަލަތައް ތަހުގީގު ކުރާއިރު ސުޕަވައިޒް ކުރަން ތިއްބަވާ ބޭފުޅުންނެއް ނޫން ކަމަށާއި އެމްއެންޑީއެފްއަކީ ތަހުގީގީ މުއައްސަސާއެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެބޭފުޅުންގެ މެންޑޭޓުގައި ހިމެނޭ ކަމެއް ނޫން، އަދި އެބޭފުޅުންނަށް ބައްދަލު ކަމެއްވެސް ނޫން އެއީކީ. އެމްއެންޑީއެފްއަކީ ތަހުގީގީ މުއައްސަސާއެއް ނޫން. އެއީ ދިވެހިރާއްޖޭގެ ދިފާއީ ބާރު. އެއީ ތަހުގީގު ކުރުމުގެ ބާރު ލިބިފައިނުވާ މުއައްސަސާއެއް. އެއީކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން. ކީއްވެގެންތޯ ވެމްކޯއާއި ސްޓެލްކޯއާއި އެސްޓީއޯއާއި އައިޖީއެމްއެޗް މެދުވެރިކޮށް ތަހުގީގުނުކުރާންވީ. ލެބޯޓަރީ ހުރޭ އައިޖީއެމްއެޗްގައި،" އޭނާ ވިދާޅުވިއެވެ.
ހަސަން ލަތީފް ވިދާޅުވީ ތަހުގީގުކުރެވޭނެ މުއައްސަސާތައް ގާނޫނުގައި ބަޔާންކޮށްފައި އޮންނަ ކަމަށާއި އެމްއެންޑީއެފް މެދުވެރިކޮށް ތަހުގީގުކުރަން އުޅުމަކީ ލަދުވެތިވާން ޖެހޭނެ ކަމެއް ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާތިލުކޮށް އަލުން އިންތިހާބު ބޭއްވުމުގެ އަމުރަކަށް އެދި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލައިފައެވެ. ދެން އޮތީ އެ މައްސަލައިގެ ހުކުމް އިއްވުމެވެ.