އިބްރާހިމް ޒަކީ
ރައީސުލް ޖުމްހޫރިއްޔާ ވެ ވަޑައިގަންނަވާ ވައުދުތައް ފުއްދަން ވެރިކަން ހިންގާ ކޯލީޝަންގެ ވަކި ޕާޓީއެއްގެ ކެނޑިޑޭޓުން ހޮވަން ނުޖެހޭކަމަށް ވެރިކަން ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަމީން އިބްރާހިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސުލް ޖުމްހޫރިއްޔާ ވެ ވަޑައިގަންނަވާ ވައުދުފުޅަކީ ކޯލީޝަން ސަރުކާރުގެ ވައުދުފުޅެއް ކަމަށާއި، އެއީ ރައްޔިތުންގެ މަޖިލިސް އިންތިހާބާ ގުޅިގެން ވަކި ޕާޓީއަކުން ވާ ވައުދެއް ނޫން ކަމަށެވެ. އަދި އެ ވައުދުތައް ފުއްދުމަށް ކޯލީޝަންގެ ލީޑަރުން ދެމި ތިއްބަވާނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ.
"އެ ވައުދުތައް ފުއްދުމަށް ކޯލީޝަންގެ ލީޑަރުން ދެމި ތިއްބަވާނެ. ވީމާ ވައުދު ފުއްދާކަށް ކޯލީޝަންގެ ވަކި ޕާޓީއެއްގެ ކެނޑިޑޭޓުން ހޮވާކަށް ނުޖެހޭ،" އަމީން ވިދާޅުވިއެވެ.
އަމީން އިބްރާހިމް މިހެން ވިދާޅުވެފައިވާއިރު، އެމްޑީޕީން ކުރިއަށް ގެންދާ މަޖިލިސް އިންތިހާބުގައި ރައީސް އިބްރާހިމް ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް ވިދާޅުވެމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަން ޖެހޭނެ ކަމަށެވެ. އެހެންނޫންނަމަ ސަރުކާރު ހިންގަން އުނދަގޫވެ ސަރުކާރުން ރައްޔިތުންނަށް ވެ ވަޑައިގަންނަވަމުން ގެންދަވާ ވައުދުތައް ފުއްދަން އިންތިހާއަށް ދަތިވާނެ ކަމަށްވެސް އެބޭފުޅުން ވަނީ ވިދާޅުވެފައެވެ.