ސުޕަރ ސްޓާރ ކާޖޮލް ވަނީ މީގެ ދުވަސްކޮޅެއް ކުރިން ނޭހާ ދޯޕިއާގެ ޝޯ "ނޯ ފިލްޓަރ ނޭހާ" އަށް ގެސްޓެއްގެ ގޮތުގައި އަރާފައެވެ. މި ޝޯގައި ގިނަ ވާހަކަ ތަކެއް ހިއްސާކުރި އިރު އޭގެ ތެރޭގައި ކާޖޮލްގެ ދަރިން އޭނާގެ ފިލްމްތައް ދެކެ ލައިކް ނުވާ ކަމާއި، ކަރަން ޖޯހަރް އާއި އޭނާ އާއި މެދު ޖެހުނު މައްސަލަ ކާޖޮލް ވަނީ ހިއްސާކޮށްފައެވެ.
އެންމެ ފާހަގަ ކޮށްލެވޭ ވާހަކަ އަކީ ކާޖޮލް އާއި އަޖޭ ކައިވެންޏަށް އެންމެން ނުގަބޫލުކަމަށް ކާޖޮލް ބުނި ވާހަކަ އެވެ. އޭގެ ތެރޭގައި އޭނާގެ ބައްޕަވެސް ހިމެނެއެވެ.
ކާޖޮލް އާއި އަޖޭ އަކީވެސް ޒާތީ ވާހަކަތައް މާ ބޮޑަށް މީޑިއާގައި ހިއްސާ ކުރާ ބައެއް ނޫނެވެ. ޝޯގައި ކާޖޮލް ބުނިގޮތުގައި އެއްވެސް ބަޔަކު އެދެމީހުންގެ ކައިވެންޏަށް ގަބޫލެއް ނޫނެވެ. ކާޖޮލްގެ ބައްޕަ އޭނާ މީހަކާ އިންނަ ވާހަކަ ބުނުމުން އެއް ހަފްތާ ވަންދެން އޭނާއާ ވަހަކަ ނުދައްކާ ކަމަށްވެސް ކާޖޮލް ވަނީ ބުނެފައެވެ. އޭނާގެ ބައްޕަ ވަނީ، ކާޖޮލް އަދި ކުޑަ ކަމަށާއި ކެރިއާ އަށް ފޯކަސް ކުރުމަށް ބާރު އަޅާފައެވެ. އަދި ހާއްސަކޮށް އަޖޭ އާއި ކާޖޮލްގެ މިޒާޖު ތަފާތު ވުމުން ގިނަ ބަޔަކު ދެކެނީ އެކައިވެނި ގިނަ ދުވަހަށް ދެމިނޯންނާނެ ކަމަށެވެ.
ކާޖޮލް އިތުރަށް ބުނީ އެދެމީހުން އެކީގައި ގިނަ ބަޔަކަށް ފެނިފައި ނުމުވުން ދެމީހުންގެ ދޭތެރޭ އޮންނަ ގުޅުން ގިނަ ބަޔަކަށް ނޭނގޭ ކަމަށާއި އޭރުވެސް އެހާ ސޯޝަލް ނޫން ކަމަށެވެ. އަދި އެދެމީހުންގެ ގުޅުން ދެމެހެއްޓުނީ ދެމީހުންވެސް އެކީގައި ކައިވެނި ދަމަހައްޓަން މަސައްކަތް ކުރުމުން ކަމަށް ކާޖޮލް ވަނީ ފާހަގަ ކޮށްފައެވެ.
24 ފެބްރުއަރީ 1999 ގައި ކައިވެނި ކުރި ކާޖޮލް އާއި އަޖޭ އަކީ ބޮލީވުޑްގައި އާންމުކޮށް ނުފެންނަ ކަހަލަ ކަޕަލްއެއްގެ ގޮތުގައި ލޭބަލް ވެފައިވާ ދެތަރިންނެެވެ. އަޖޭއަކީ މަޑުމައިތިރި ހިމޭން މީހަކަށް ވާއިރު ކާޖޮލްއަކީ އައުޓްގޮއިން މަޖާ ސަކަ މީހެކެވެ. ދެމީހުންގެ ކައިވެންޏަށް މިހާރު 19 އަހަރުވެފައި ވާއިރު ދެ ދަރިން ވަނީ ލިބިފައެވެ. އެއީ އަންހެން ދަރި ނީސާ އަދި ފިރިހެން ދަރި ޔުގް އެވެ.
އިންޓަވިއުގައި ކާޖޮލް އިތުރަށް ބުނީ އޭނާގެ ކުދިން ބޭނުން ވަނީ ކާޖޮލް އުފާވެރި މަޖާ ފިލްމްތައް ކުޅެން ކަމަށެވެ. ދެ ކުދިންވެސް ފިލްމް ބެލުމަށް އެހާ ބޮޑު ޝައުގުވެރިކަމެއް ނުހުންނަ ކަމަށް ބުނަމުން ކާޖޮލް ބުނިގޮތުގައި އޭނާ ފިލްތަކުގައި މާގިނައިން ރޯތީ އެކުދިން ފިލްމް ބަލަން ބޭނުން ނުވާ ކަމަށެވެ. އަދި ގޯލްމާލް ކަހަލަ މަޖާ ފިލްމްތައް ކުޅެން ދަރިން ބޭނުންވާ ކަމަށް ވަނީ ބުނެފައެވެ.