ރާއްޖޭގައި ބާއްވާ އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ކްލަބު މޯލްޑިވްސް ކަޕްގެ އެންމެ ކާމިޔާބު ޓީމުތަކުގެ ތެރޭގައި ހިމެނޭ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެއް ގްރޫޕެއްގައި ހިމެނިއްޖެއެވެ.
މިފެށޭ މަހުގެ ނުވަވަނަ ދުވަހު ފަށާ ކްލަބު މޯލްޑިވްސް ކަޕްގެ ގުރުނަގާފައިވަނީ އެކަމަށްޓަކައި ސަލްޓަން ޕާކުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓްރީއާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ ވެރިންނާއި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އޮފިޝަލުން ބައިވެރިވިއެވެ.
އެ މުބާރާތް އެންމެ ކާމިޔާބު ޓީމު އެސްޓީއޯ އާއި ދެވަނައަށް އެންމެ ކާމިޔާބު ޓީމުތަކުގެ ތެރޭގައި ހިމެނޭ އެމްޕީއެލް ހިމެނިފައިވަނީ "ގްރޫޕު ސީ"ގައެވެ. އެސްޓީއޯ އިން ހަތަރު ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ އިރު، އެމްޕީއެލް އިން ވަނީ ތިން ފަހަރު މުބާރާތް ކާމިޔާބުކޮށްފައެވެ. އެސްޓީއޯ އާއި އެމްޕީއެލްއާއެކު ދެން "ގްރޫޕު ސީ"ގައި ހިމެނެނީ ޓީމް ފެނަކަ އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް)، މިފަހަރު ހިމެނިފައިވަނީ "ގްރޫޕު އީ"ގައެވެ. ދެން އެ ގްރޫޕުގައި ހިމެނެނީ ސްޓެލްކޯ އާއި ޔޫތު މިނިސްޓްރީ އަދި ފެހި ފަހި ކްލަބެވެ.
މިދިޔަ އަހަރުގެ ރަނަރަޕް މޯލްޑިވިއަން ހިމެނިފައިވަނީ "ގްރޫޕު އޭ"ގައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ ކްލަބު ވެމްކޯ އާއި ކްލަބު އާސަންދަ އަދި ނޭޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އެވެ.
ކްލަބު މޯލްޑިވްސް ކަޕް 2019ގެ ގްރޫޕުތައް:
ގްރޫޕު އޭ – މޯލްޑިވިއަން، ކްލަބު ވެމްކޯ، ކްލަބު އާސަންދަ، އެންސީއައިޓީ.
ގްރޫޕު ބީ – އުރީދޫ، ޕްރިޒަން އާރުސީ، ޓްރޭޑް ކްލަބު، މީޑިއާނެޓް.
ގްރޫޕު ސީ – އެމްޕީއެލް، އެސްޓީއޯ އާރުސީ، ޓީމް ފެނަކަ، އެމްއެމްއޭ އެސްސީ.
ގްރޫޕު ޑީ – އެލައިޑް، ޓީމް އެފްއެސްއެމް، ކްލަބު އިމިގްރޭޝަން، ކްލަބު އޭވިއޭޝަން ސެކިއުރިޓީ.
ގްރޫޕު އީ – ޖީއެމްއައިޒެޑްއެލް، ސްޓެލްކޯ އާރުސީ، ޔޫތު މިނިސްޓްރީ (ކްލަބު އެމްވައިއެސް)، ފެހި ފަހި ކްލަބު.
ގްރޫޕު އެފް – ކްލަބު އެމްޓީސީސީ، ކަސްޓަމްސް އާރުސީ، ތައުލީމީ ގުޅުން، ދިވެހި ސިފައިންގެ ކްލަބު.
ގްރޫޕު ޖީ – ކްލަބު އެޗްޑީސީ، ޔުނައިޓެޑް ބީއެމްއެލް، ފެން ކްލަބު، ސިވިލް ކޯޓު.
ގްރޫޕު އެޗް – ދިރާގު، ޕޮލިސް ކްލަބު، މިފްކޯ، ޕީއެސްއެމް.
ކްލަބު މޯލްޑިވްސް ކަޕް 2019ގެ އޮންލައިން ނިއުސް ޕާޓްނަރަކީ ވަން އޮންލައިނެވެ.