ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ކުޅިވަރު މުބާރާތުގެ ފިރިހެނުންގެ ފުޓްބޯޅަ ފައިނަލްގައި އިންޑޮނީޝިޔާ އާއި ތައިލެންޑު ބައްދަލުކޮށް ވަރުގަދަ ހަމަނުޖެހުންތަކެއް ހިންގައިފިއެވެ.
ހަމަނުޖެހުންތައް ފެށުނީ ދޭއް އެކަކުން އިންޑޮނީޝިޔާ މޮޅުވެގެން މެޗު ނިމެން އުޅެނިކޮށް ތައިލެންޑަށް ޕެނަލްޓީއެއް ދިނުމުންނެވެ. ރެފްރީގެ އިޝާރާތް ހުރިގޮތުން އިންޑޮނީޝިޔާގެ ބެންޗުގައި ތިބި މީހުންނަށް ހީކުރެވުނީ މެޗު ނިންމައިލީ ކަމަށެވެ. އެހެންވެ ދަނޑަށްއަރައި އުފާފާޅުކުރީއެވެ. މެޗު ނިންމައިލީ ނޫންކަމާއި ޕެނަލްޓީއެއް ދިނީކަން އެނގުމުން ލަދުން ދަނޑުން ފޭބިތަނާ ޕެނަލްޓީން ލަނޑުޖަހައި ނަތީޖާ ދޭއްދޭކުން އެއްވަރުކޮށް އިންޑޮނީޝިޔާގެ ބެންޗު ކުރިމައްޗަށްގޮސް ތައިލެންޑުގެ ކުޅުންތެރިން މަލާމާތްކޮށް ވައްތަރު ޖެއްސީމާ ދެފަރާތުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ މެދުގައި ތަޅާފޮޅުމެއް ފެށުނީއެވެ.
އެކަން ނިމިގެން އަނެއްކާވެސް ކުޅުންފެށިތަނާ އިންޑޮނީޝިޔާއިން ތިންވަނަ ލަނޑެއް ޖަހައިފިއެވެ. މިލަނޑު ޖަހައިފައި އިންޑޮނީޝިޔާގެ ކުޅުންތެރިން ތައިލެންޑުގެ ބެންޗު ކުރިމައްޗަށްގޮސް އެއްކަލަހެން ވައްތަރުޖައްސައި މަލާމާތްކުރީމާ ދެވަނަ ފަހަރަށް ހަމަނުޖެހުންތައް ފެށުނެވެ. ކުޅިބަލަންތިބި ދެފަރާތުގެ ސަޕޯޓަރުންވެސް އެފަހަރުގެ ހަމަނުޖެހުންތަކުގައި ބައިވެރިވިއެވެ. މިކަން މައިތިރިވީ ކެމްބޯޑިޔާގެ ފުލުހުން ސްޓޭޑިއަމަށް ވަދެގެންނެވެ.
ހަމަނުޖެހުންތައް ހުއްޓުވައި އަލުން ކުޅުން ފަށައިގެން މެޗު ނިމުނީ އިންޑޮނީޝިޔާއިން އިތުރު ދެގޯލް ޖަހައި ފަހެއް ދޭއްގެ ނަތީޖާއަކުން އިންޑޮނީޝިޔާ މޮޅުވެގެންނެވެ. މިއީ އިންޑޮނީޝިޔާއަށް ސީގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅައިން ލިބުނު ފުރަތަމަ ރަންމެޑެއްޔެވެ. ހަމަނުޖެހުންތަކުގައި ބައިވެރިވި ކުޅުންތެރިންގެ ތެރެއިން ފަސް ކުޅުންތެރިޔަކަށް ރަތްކާޑުވެސް ދައްކާފައިވެއެވެ.