18/30 ވިމެންސް ފުޓްސަލް ފިއެސްޓާ

ވިމެންސް ފުޓްސަލް ފިއެސްޓާ: ޗެމްޕިއަންކަން އެމްޕީއެލް، އިމިގްރޭޝަނާއި ފެނަކަ އަދި ވެމްކޯއާ އެއް ގްރޫޕެއްގައި

ކްލަބު މޯލްޑިވްސް ކަޕްގެ އަންހެން ބައި ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ އެންމެ ފަހުގެ ޗެމްޕިއަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، ކްލަބު އިމިގްރޭޝަނާއި ޓީމް ފެނަކަ އަދި ވެމްކޯއާ އެއް ގްރޫޕެއްގައި ހިމެނިއްޖެއެވެ.

މިފެށޭ މަހުގެ ނުވަވަނަ ދުވަހު ފަށާ ކްލަބު މޯލްޑިވްސް ކަޕްގެ ގުރުނަގާފައިވަނީ އެކަމަށްޓަކައި ސަލްޓަން ޕާކުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓްރީއާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ ވެރިންނާއި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އޮފިޝަލުން ބައިވެރިވިއެވެ.

ކްލަބު މޯލްޑިވްސް ކަޕްގެ އަންހެން ބައި، 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލް އާއި އިމިގްރޭޝަނާއި ފެނަކަ އަދި ވެމްކޯ ހިމެނެނީ "ގްރޫޕު އޭ"ގައެވެ. އޭގެ ތެރެއިން އިމިގްރޭޝަނަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެ ޓީމުން ވަނީ 2010، 2011، 2015 އަދި 2016ގެ މުބާރާތް ކާމިޔާބުކޮށްފައެވެ. އެ ގްރޫޕުގައި ދެން ހިމެނޭ ފެނަކައަކީ 2017ގެ ޗެމްޕިއަނުންނެވެ.

އެ ބައިގެ "ގްރޫޕު ބީ"ގައި ހިމެނެނީ މިދިޔަ އަހަރުގެ ރަނަރަޕް ޕޮލިސް ކްލަބާއި ޓްރޭޑް ކްލަބާއި ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އަދި ފެން ކްލަބެވެ. އޭގެ ތެރެއިން ޑީއެސްސީން ވަނީ 2013 އަދި 2014ގެ ޗެމްޕިއަންކަން ހޯދައިފައެވެ.

ކްލަބު މޯލްޑިވްސް ކަޕް 2019ގެ އޮންލައިން ނިއުސް ޕާޓްނަރަކީ ވަން އޮންލައިނެވެ.