ބަންގުލަދޭޝްގައި ކުރިއަށްދާ އައިއެޗްއެފް ޓްރޮފީގެ ޒޯން ދޭއްގައި ވާދަކުރަމުން އަންނަ ރާއްޖޭގެ އަންހެން ޔޫތު އަދި ޖޫނިއާ ހޭންޑްބޯޅަ ޓީމުން މިއަދު ކުޅުނު ބްރޯންޒް މެޑަލް މެޗުން މޮޅުވެ، ދެޓީމުންވެސް ލޯ މެޑަލް ހޯދައިފިއެވެ.
މިއަދު ރާއްޖޭގެ ދެޓީމުންވެސް ލޯ މެޑަލް ހޯދީ ނޭޕާލް ބަލިކޮށްގެންނެވެ. މިއީ ހޭންޑްބޯޅައިގެ ތާރީހުގައިވެސް ރާއްޖެއިން ހޯދި ފުރަތަމަ މެޑަލްއެވެ. ހާއްސަކޮށް މިފަހަރު ދިޔަ ޒުވާން ޓީމުތަކުގައި ހިމެނުނީ މުޅިން އަލަށް ބައިނަލްއަގުވާމީ މުބާރާތަކަށް ދިޔަ ކުޅުންތެރިންތަކެކެވެ. އެހެންކަމުން މި ކާމިޔާބީ ވެގެންދާނީ ހޭންޑްބޯޅައިގެ ކުރިމަގަށް މުހިއްމު ކާމިޔާބީއަކަށެވެ.
ބަންގުލަދޭޝްގެ ވެރިރަށް ޑާކާގެ އެމް މަސޫރް އަލީ ނޭޝަނަލް ހޭންޑްބޯޅަ ސްޓޭޑިއަމްގައި ކުޅެމުންދާ މުބާރާތުގައި ޔޫތު ޓީމުން ލޯ މެޑަލް ހޯދީ ނޭޕާލް ބަލިކޮށްގެންނެވެ. މެޗުގައި ރާއްޖެއިން ނޭޕާލް ބަލިކުރީ 41-10 ގޯލުންނެވެ.
މިއަދު މެޗަށްފަހު ރާއްޖޭގެ ކެޕްޓަން އައިމިނަތު ލަ އާލީ ހަލީލް ބުނީ މިއީ އުފާވެރި ވަގުތުކޮޅެއް ކަމަށާއި މިއީ ތާރީހީ ކާމިޔާބީއެއް ކަމަށެވެ. ހާއްސަކޮށް މި ހުވަފެން ހުރިހާ ކުޅުންތެރިންވެސް ދެކެމުންދިޔަ ކަމަށް ލަ އާލީ ފާހަގަކުރިއެވެ. އޭގެ އިތުރުން އޭނާ ބުނީ ޓީމަށް ތަރުހީބުދިން ހުރިހާ ފަރާތްތަކަށްވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.
ކޯޗު ހަސަން ފަހީމް ބުނީ ހޭންޑްބޯޅައިގެ ތާރީހުގައި ފުރަތަމަ މެޑަލް ހޯދުމަކީ ކާމިޔާބެއް ކަމަށާއި ކާމިޔާބީއާ އެކު ހޭންޑްބޯޅައަށް އާ ދިރުމެއް ލިބިއްޖެ ކަމަށެވެ.
ރާއްޖޭގެ 19 އަހަރުން ދަށުގެ ޓީމުން ކުޅުނު ޖޫނިއާ ބައިގެ ފައިނަލުގައި ނޭޕާލް ބަލިކުރީ 22-5 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާ އެކު ރާއްޖެއިން ލޯ މެޑަލް ޔަގީންކުރި އިރު، މެޗަށްފަހު ދެޓީމު އެކުގައި ވަރަށް ބޮޑަށް އުފާފާޅުކޮށްފައިވެއެވެ.
މުބާރާތުގައި ރާއްޖޭގެ ދެ ޓީމުންވެސް ފުރަތަމަ ބަންގުލަދޭޝް އާއި އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުތަކުން ބަލިވެފައި އޮތް އިރު، ބްރޯންޒް މެޑަލް މެޗުގެ އުންމީދު ހޯދީ އިއްޔެ ނޭޕާލް ކައިރިން މޮޅުވެގެންނެވެ.