އިބްރާހިމް ޒަކީ
އަންނަ މަހުގެ 6 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ލަސްކުރާނަމަ، ދައުލަތުން އިތުރު 20 މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
މަޖިލިސް އިންތިހާބު ލަސްކުރަން ކޯޓަށް ހުށަހަޅަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވީ، މަޖިލިސް އިންތިހާބު ލަސްކުރުމަށް ގާނުނީ އެއްވެސް ހުއްޖަތެއް ނެތް ކަމަށެވެ. އަދި ގާނޫނީ ހުއްޖަތެއް ނެތި އެފަދަ ބޮޑު މާލީ ބުރައެއްް ދައުލަތަށް އުފުލަން ޖެހުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، މަޖިލިސް އިންތިހާބު ލަސްކުރަން ބަޔަކު މަސައްކަތްތަކެއް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަން އޮތީ އެކަމަށް ތައްޔާރުވެ ކަމަށާއި، އިންތިހާބު ލަސްކުރިޔަ ނުދިނުމަށް އެންމެ ފަހު ވަގުތާޖެހެންދެން މަސައްކަތް ކުރައްވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
"އެނގިވަޑައިގަންނަވާނެ މިފަދަ އިންތިހާބެއް ބާއްވާއިރު އެތައް ބައިވަރު ފައިސާއެއް، ދައުލަތުގެ ފައިސާއެއް މިކަމަށް ހަރަދު ކުރެވިފަ ވާއިރުގައި އަނެއްކާ މި އިންތިހާބު ލަސްކުރުމަށް ކުރެވޭ މަސައްކަތަކީ ދައުލަތަށް ލިބިގެންދާ ވަރަށްބޮޑު ގެއްލުމެއް. އެތައް ބައިވަރު ފައިސާއެއް ހަރަދުވެގެންދާނެ. އެހެންވީމާ މިކަމަކީ އެއްވެސް ހާލެއްގައި އަޅުގަނޑުމެން ހިތްވަރު ދޭނެ ކަމެއްވެސްނޫން އަދި އަޅުގަނޑުމެން ގަބޫލު ކުރާނެވެސް ކަމެއްނޫން. އަޅުގަނޑުމެން ހަމަ އެންމެ ފަހު ވަގުތާޖެހެންދެން މިކަމަށް ފައިޓް ކުރާނަން. އެއީ އިންތިހާބު ލަސްކުރިޔަ ނުދޭން،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ގާނޫނުގައި ކަނޑައަޅާފައިވާ ވަކި ގޮތަކަށް އީސީން ކަންތައް ނުކޮށްގެން އިންތިހާބު ލަސްކުރަންޖެހޭނެ އެއްވެސް ފުރުސަތެއް މިފަހަރަކު ނޯންނާނެ ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ 6 އޭޕްރީލްގައި ބޭއްވުމަށް ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރަންޖެހޭ، ގާނޫނުން ލާޒިމްކުރާ އެއްވެސް ކަމެއް ނޯންނާނެ. ގާނޫނުގަ ވާގޮތަށް އަޅުގަނޑުމެން ވަރަށްބޮޑަށް އެކަމަށް ސަމާލުކަންދީގެން ކަންކަމުގައި ގާނޫނުން ކަނޑައަޅާފައި ހުރި ތާރީހުތަކާއި ގާނޫނުން ކަނޑައަޅާފަހުރި މުއްދަތާ ވީހާވެސް ކައިރިނުވެ ބްރީތިން ސްޕޭސެއްވެސް ލައިގެން މަސައްކަތް ކުރަމުން މިދަނީ،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އިންތިހާބަށް ވާންޖެހޭ ތައްޔާރީތަކުުގެ 99 ޕަސެންޓް ނިމިފައިވާކަމަށެވެ. އޭނާ ވިދާޅުވީ ވޯޓު ފޮށިތައް ބައެއް ތަންތަނަށް ފޮނުވުމާއި ބައެއް ރަށްރަށުގައި ވޯޓާސް މަރުކަޒުތައް ގާއިމް ކުރުން ނޫން ހުރިހާކަމެއް ނިމިފައިވާ ކަމަށެވެ.