އިލެކްޝަންސް ކޮމިޝަން

މަޖިލިސް އިންތިހާބަށް ވޯޓް ކަރުދާސް ޗާޕް ކުރުމަށް 2.6 މިލިޔަން ހަރަދުވި

އިބްރާހިމް ޒަކީ

އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް، ވޯޓް ކަރުދާސް ޗާޕް ކުރުމަށް 2.6 މިލިޔަން ރުފިޔާ ހަރަދު ވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކަންތައްތަކާބެހޭ މައުލޫމާތު ހާމަ ކުރައްވަމުން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފު މިއަދު ވިދާޅުވީ، 2.5 މިލިޔަން ރުފިޔާއަށްވުރެ މައްޗަށް ނުދާނަމަ އެ މަސައްކަތް ހަވާލު ކުރުމުގެ ހުއްދަ، މިދިޔަ ރިޔާސީ އިންތިހާބުގައި، ފިނޭންސް މިނިސްޓްރީން އީސީއަށް ދީފައި އޮތް ނަމަވެސް މިހާރު އެ ހުއްދަ ބާތިލް ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން މިފަހަރުގެ ވޯޓް ކަރުދާސް ޗާޕް ކުރުމުގެ މަސައްކަތް ނޮވެލްޓީއާ ހަވާލު ކޮށްފައިވަނީ ފިނޭންސް މިނިސްޓްރީއަށް ފޮނުވައިގެން ޓެންޑާ ބޯޑުންނެވެ. ޝަރީފް ވިދާޅުވީ، ވޯޓް ކަރުދާސް ޕްރިންޓް ކުރުމަށް އިއުލާން ކުރުމުން އެކަމަށް މިފަހަރު ދެ ފަރާތަކުންކުރިމަތިލި ކަމަށެވެ.

"އަޅުގަނޑުމެން ކުރި އިއުލާނަށް ކުރިމަތިލީ ދެ ފަރާތަކުން. އާއްމު ގޮތެއްގައި މާލިއްޔަތު ގަވާއިދުގައި މިވަނީ، 2.5 އަށްވުރެ މައްޗަށްދާ ކަމަށްވަންޏާމު އެ ޓެންޑަަރ ކޮމިޓީން ފައިނޭންސް މިނިސްޓްރީގެ ޓެންޑަރ ބޯޑުންނޭ ނިންމާނީ. އެހެންވީމާ އަޅުގަނޑުމެންނަށް މިދިޔަ ރިޔާސީ އިންތިހާބުގައި ފައިނޭންސް މިނިސްޓްރީގެ ފަރާތުން ހާއްސަ ހުއްދައެއް ދެއްވާފައޮވޭ އެ ހުއްދަ ބާތިލް ކުރައްވާފަ އޮތީ. އެހެންވީމާ މިފަހަރު އަޅުގަނޑުމެން ވޯޓް ކަރުދާސް ޕްރިންޓް ކުރުމަށްޓަކައި ކުރީ އާއްމު އިއުލާނެއް. އެ އިއުލާނާ ގުޅިގެން އެމްސެވަން އާއި ނޮވެލްޓީގެ ފަރާތުން ކުރިމަތި ލައްވައިގެން އަޅުގަނޑުމެން ދެ އޮޕްޝަނެއް ހުށަހަޅައިލިން .އެއީ ކުލަކޮށް، އަނެއް އޮޕްޝަން ބްލެކެން ވައިޓް ކޮށް. ފައިސާ ހުރި މިންވަރަށް ބަލައިފަ އިހްތިޔާރުކުރީ ބްލެކެން ވައިޓްކޮށް. އެކަން ކުރީ ފިނޭންސަށް ފޮނުވައިގެން ޓެންޑަރ ބޯޑުން އެކަން ކޮށްފަ އޮތީ

އެންމެ އަގުހެޔޮ ކޮށް،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، މަޖިލިސް އިންތިހާބަށް 267159 ވޯޓް ކަރުދާސްކޮޅު ޗާޕް ކޮށްފައިވާއިރު އޭގައި ސަލާމަތީ ދެ ފީޗައެއް ހިމެނޭ ކަމަށެވެ.