އިބްރާހިމް ޒަކީ
އަންނަ އޭޕްރީލްމަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު، ލަސްކުރަންޖެހޭ ގާނޫނީ އެއްވެސް ހުއްޖަތެއް ނޯންނާނެކަމަށް، އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، އިންތިހާބު ބޭއްވުމަށްޓަކައި ގާނޫނީގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް، ގާނޫނުގައި ވާގޮތަށް ގާނޫނުގައި ބުނާ މުއްދަތުތަކަށް، އިލެކްޝަންސް ކޮމިޝަނުން ކުރަމުން ގެންދާ ކަމަށެވެ.
އެގޮތުން ގާނޫނުގައި ކަނޑައަޅާފައިވާ 30 ދުވަހުގެ މުއްދަތަށް މަޖިލިސް އިންތިހާބަށް ކެމްޕެއިން ކުރުމުގެ ފުރުސަތުވެސް ސިޔާސީ ޕާޓީތަކަށާއި ކެނޑިޑޭޓުންނަށް ކޮމިޝަނުން ދީފައިވާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ. އަދި އެ މުއްދަތުގައި ކެނޑިޑޭޓުން ކެމްޕެއިން ނުކުރުމަކީ އެކަމުގެ ޒިންމާ އިލެކްޝަންސް ކޮމިޝަނުން ނަގަންޖެހޭނެ ކަމެއް ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ.
"ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް، އަޅުގަނޑުމެން ވާނީ 30 ދުވަހުގެ މުއްދަތު، ކޮންމެ ޕާޓީއަކަށްވެސް، ކޮންމެ ކެނޑިޑޭޓަކަށްވެސް ކެމްޕެއިން ކުރުމުގެ ފުރުސަތު ދީފަ. ދެން އެބޭފުޅުން ކެމްޕެއިން ނުކުރެއްވުމާއި ކުރެއްވުމާ އެއީ އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަނުން އޭގަ ކުރާނެ ކަމެއްނެތް އިނގޭތޯ. އަޅުގަނޑުމެން އެބޭފުޅުންނަށް ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތު ނުދީ އޮތްނަމަ އެއީ އަޅުގަނޑުމެން ގާނޫނީގޮތުން އެކަމުގެ ޒިންމާ އުފުލަން ޖެހޭކަމެއް. އެހެންވީމަ އެމުއްދަތުދީފަ، ދެން އެބޭފުޅުން ކެމްޕެއިން ނުކުރެއްވީމަ އޭގެ ޒިންމާ އިލެކްޝަން ކޮމިޝަނުން ނަގާކަށް ނުޖެހޭނެ. 6 އޭޕްރީލްގައި މި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކުރަންޖެހޭނެ ގާނޫނީ އެއްވެސް ހުއްޖަތެއް ނޯންނާނެ،" ޝަރީފް ވިދާޅުވިއެވެ.