އިބްރާހިމް ޒަކީ
ވޯޓާސް ރެޖިސްޓްރީއާބެހޭ ހަތް މައްސަލައެއް ހަތް ފަރާތަކުން ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު މިއަދު ވިދާޅުވީ، އެ ހަތް މައްސަލައަކީ ވޯޓާސް ރެޖިސްޓްރީއާބެހޭ ހަތް މައްސަލަ ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ މީގެކުރިން ދެތިން މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅި ސުޕްރީމް ކޯޓުން ވަނީ ގޮތްތަކެއް ނިންމަވައިފަ. މިހާރު ހައިކޯޓަށްވެސް އެބޮތް ހަތް މައްސަލައެއް ހަތް ފަރާތަކުން ވޯޓާސް ރެޖިސްޓްރީއާބެހޭ މައްސަލައެއް ހުށަހަޅައިފަ. އެބޭފުޅުންނަށް ވޯޓާސް ރެޖިސްޓްރީ އަޅުގަނޑުމެން ކަނޑައަޅާފައިވާ ތާރީހުގައި ނުކުރެވިވާތީ އެއާގުޅިގެން ހުށަހަޅައިފަ،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، އެ މައްސަލައަށް ޖަވާބުދާރީ ވުމަށް މިއަދު 1:00 އަށް ހައިކޯޓަށް ވަޑައިގަތުމަށް އިލެކްޝަނަށް ހައިކޯޓުން އަންގާފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ މިފަހަރުގެ ފައިނަލް ވޯޓާސް ލިސްޓް 19 މާޗްގައި އާއްމުކުރުމަށްފަހު އެ ލިސްޓަށް، ވޯޓާސް ލިސްޓުގައި ހުރި އިދާރީ މައްސަލަތަކުގެ ޝަކުވާ ހުށަހެޅުމަށް ހުޅުވައިލި ފުރުސަތުގައި 352 އިދާރީ މައްސަލަ ހުށަހެޅިފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ދާއިރާއާ ގުޅުންހުރި 281 މައްސަަލަ އާއި މަރުވެފައިވާ މީހުން ހިމެނޭ ނުވަ މައްސަލަ އާއި އެޑްރެސް ބަދަލުވުމާގުޅޭ 21 މައްސަލަ އާއި ރެޖިސްޓްރޭޝަނާ ގުޅޭ 36 މައްސަލަ އާއި ނަން ބަދަލު ވުމާގުޅޭ ފަސް މައްސަލަ ކަމަށް ޝަރީފް ވިދާޅުވިއެވެ.