ބަންގްލަދޭޝްގައި އިއްޔެ ފެށި އައިއެޗްއެފް ޓްރޮފީގެ ޒޯން ދޭންގައި ވާދަކުރަމުން އަންނަ ރާއްޖޭގެ އަންހެން ޔޫތު އަދި ޖޫނިއާ ހޭންޑްބޯޅަ ދެ ޓީމުން އިއްޔެ ބަންގްލަދޭޝް އަތުން ބަލިވެއްޖެއެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ އެމް މަސޫރް އަލީ ނޭޝަނަލް ހޭންޑްބޯޅަ ސްޓޭޑިއަމްގައި އިއްޔެ ފެށި މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ބަންގްލަދޭޝް، އިންޑިއާ އަދި ނޭޕާލެވެ. ކޮންމެ ގައުމަކުންވެސް އެގައުމެއްގެ ޔޫތު ޓީމާއި ޖޫނިއާ ޓީމް، މުބާރާތުގެ ދެ ކެޓަގަރީގައި ވާދަކުރެއެވެ.
އިއްޔެ ފުރަތަމަ ރާއްޖޭގެ 17 އަހަރުން ދަށުގެ އަންހެން ޓީމު ބަންގްލަދޭޝް އަތުން ބަލިވީ 48-10 އިންނެވެ. އަދި 19 އަހަރުން ދަށުގެ އަންހެން ޖޫނިއާ ޓީމް ބަންގްލަދޭޝް ކައިރިން ބަލިވީ 21-38 އިންނެވެ. އިއްޔެގެ މެޗަކީ ރާއްޖޭގެ ޒުވާން ޓީމުތަކުގައި ހިމެނުނު ގިނަ ކުޅުންތެރިންނަށް ފުރަތަމަ ބައިނަލްއަގުވާމީ ތަޖުރިބާ އެވެ. އެހެންކަމުން މެޗުތަކުން އެ މަންޒަރު ކޮންމެވެސް ވަރަކަށް ދެޓީމުންވެސް ފެނިގެން ގޮސްފައިވެއެވެ.
މުބާރާތުގެ ރާއްޖެ ކުޅޭ ދެވަނަ މެޗުގައި މިއަދު ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. ލީގު ބުރުގެ ފަހު މެޗުގައި ރާއްޖެ މާދަމާ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. ލީގު ބުރުގެ މެޗުތަކަށްފަހު ފައިނަލަށް ދާނީ އެންމެ މޮޅު ދެޓީމެވެ. ތިން ވަނަ އާއި ހަތަރު ވަނައަށް ދާ ދެ ޓީމް ވާދަކުރާނީ ބްރޯންޒް މެޑަލް މެޗުގައެވެ.
ބަންގްލަދޭޝްގައި އިއްޔެ ފެށި އައިއެޗްއެފް ޓްރޮފީގެ ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން، މެޗުގެ ކުރިން ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ދެޓީމާ ބައްދަލުކުރައްވައި ހިތްވަރު ދެއްވާފައެވެ.