އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް ހަތަރު ރުފިޔާގެ މަގުން 32،150،996 މިލިއަން ރުފިޔާ ބަހަން މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އިއްޔެ ނިންމައިފިއެވެ.
މިއީ އެމްޓީސީސީގެ 42 އަހަރުގެ ދިގު ތާރީހުގައި މިހާތަނަށް ޑިރެކްޓަރުންގެ ބޯޑުން ހިއްސާދާރުންނަށް ބެހުމަށް ހުށަހަޅާފައިވާ އެންމެ ބޮޑު ފައިދާއެވެ.
އެމްޓީސީސީން ބުނީ ހިއްސާގެ ފައިދާ ލިބޭނީ އެ ކުންފުނިން މިދިޔަ އެޕްރީލް މަހުގެ ދެވަނަ ދުވަހު ކޮށްފައިވާ އިއުލާނުގައިވާ ގޮތުގެ މަތިން އެ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށް ކަމަށެވެ.
އެމްޓީސީސީން 2021 ވަނަ އަހަރުގެ ހިއްސާގެ ފައިދާއަށް ބަހާފައިވަނީ 3.50 ރުފިޔާގެ މަގުން 28.1 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން މިދިޔަ އަހަރަކީ އެމްޓީސީސީގެ ތާރީހުގައި އެ ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއްވެސް ލިބުނު އަހަރެވެ.
އެގޮތުން މިދިޔަ އަހަރު ޖުމުލަ 2.47 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވެއެވެ. އޭގެ ކުރީ އަހަރު، 2021 ގައި އާމްދަނީގެ ގޮތުގައި ލިބުނީ 1.97 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ 26 ޕަސެންޓުގެ ކުރިއެރުމެކެވެ.
ނަމަވެސް މިދިޔަ އަހަރު ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާ ވަނީ 2021 ވަނަ އަހަރާ އަޅައިބަލައިއިރު 15.36 ޕަސެންޓް ދަށްވެފައެވެ. އެގޮތުން 2021 ވަނަ އަހަރު ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާއަކީ 271.82 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު ލިބުނީ 229.53 މިލިއަން ރުފިޔާގެ ފައިދާއެކެވެ.
އޭގެ ސަބަބެއް ކަމަށް އެމްޓީސީސީން ބުނީ، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އަގު އުފުލުމާއި ތެލުގެ އަގު ބޮޑު ވުމާއި ބޭރު ފައިސާ ހޯދުމަށް ކުރަންޖެހުނު ހަރަދު އިތުރުވުމެވެ.
އެމްޓީސީސީއަކީ ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީ ގިނަ މަޝްރޫއުތަކުގެ ކޮންޓްރެކްޓަރެވެ. ބަނދަރު ހެދުމާއި ބިން ހިއްކުމާއި ކޮންސްޓްރަކްޝަން މަސައްކަތަށް ބަލާއިރު އެއީ ރާއްޖޭގައި މި ވަގުތު އޮތް އެންމެ ބިޔަ އަދި ވަރުގަދަ ކުންފުންޏެވެ.
އެމްޓީސީސީން ވަނީ ވޭތުވެދިޔަ 42 އަހަރުތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެ ކުންފުނި އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީއާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.