ސާފް ޗެމްޕިއަންޝިޕް

ސާފް ޗެމްޕިއަންޝިޕުން ލުބުނާންވެސް ފެންނާނެ!

މިއަހަރު ބާއްވަން ތާވަލުކޮށްފައިވާ ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕްގައި ސަރަހައްދުން ބޭރުން ދައުވަތު އެރުވިގެން ވާދަކުރާ ދެވަނަ ޓީމެއްގެ ގޮތުގައި ލުބުނާން މުބާރާތުން ފެންނާނެ ކަމަށް ވަރަށް ބޮޑަށް ބެލެވިއްޖެއެވެ.

މީގެ ކުރިން މީޑިއާތައް ބުނެފައިވާ ގޮތުގައި ލުބުނާނުގެ އިތުރުން މިފަހަރު ކުވައިތުވެސް ސާފް ޗެމްޕިއަންޝިޕްގައި ފެންނާނެއެވެ. އެއީ މުބާރާތް ވަރުގަދަ ކުރުމަށް އިންތިޒާމުކުރާ ފަރާތުން އިސްވެ، ދައުވަތު އެރުވިގެން ބައިވެރިވާ ގައުމުތަކެވެ. އޭގެ އިތުރުން ދެން ވާދަކުރާނީ ސަރަހައްދީ ހަ ގައުމެކެވެ. އެއީ އެންމެ ކާމިޔާބު ޓީމު އިންޑިއާ އާއި ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، ޕާކިސްތާނު އަދި ނޭޕާލާއި ބޫޓާނެވެ.

ސާފް ޗެމްޕިއަންޝިޕް މިއަހަރުގެ ޖޫން 21 އިން ޖުލައި ތިނަކަށް އިންޑިއާގެ ބެންގަލޫރުގައި ބާއްވަން އިއުލާނު ކޮށްފައިވާ އިރު، އެންމެފަހުން ބޭއްވި ސާފްގެ އެކްސްކޯ ބައްދަލުވުމުގައި އިތުރު ގައުމުތަކަކަށް މުބާރާތުން ފުރުސަތު ދޭން ވަނީ މަޝްވަރާކޮށްފައެވެ. އެހެންކަމުން ކުވައިތާއި ލުބުނާން މުބާރާތުން ފެންނާނެކަން ޔަގީންވާނީ އެކްސްކޯއިން އެކަން ރަސްމީކޮށް ނިންމުމުންނެވެ. އެހެން ނަމަވެސް މިހާރު އޮތް ގޮތުން އެ ދެގައުމު މުބާރާތުގައި ބައިވެރިކުރުމަށް އެކްސްކޯއިން ރުހުން ދޭނެ ކަމަށް ބެލެވެއެވެ.

އެންމެފަހުން ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ 13 މުބާރާތުގެ ތެރެއިން އަށް މުބާރާތް ކާމިޔާބުކުރީ އިންޑިއާއެވެ. ރާއްޖެއިން އެންމެފަހުން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ 2018 ވަނަ އަހަރުއެވެ. އެއީ ރާއްޖޭގެ ދެވަނަ ތަށްޓެވެ. އޭގެ ކުރިން ރާއްޖެއިން މުބާރާތުގެ ތަށި ނެގީ 2008 ވަނަ އަހަރުއެވެ.

ރާއްޖެއިން ސާފް ޗެމްޕިއަންޝިޕަށް އަދި ތައްޔާރުވާން ފަށާފައިނުވި ނަމަވެސް، މުބާރާތުގައި ބޭނުންކުރާ ރަސްމީ ޖާޒީ މިހާރު ވަނީ ދައްކާލައިފައެވެ. ރާއްޖޭގެ ޖާޒީ ރަސްމީކޮށް ދައްކާލީ ޕްރެސިޑެންޓްސް ކަޕުގެ ފައިނަލުގެ ކުރިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.