ފުލުހުންގެ ކޮންސްޓަބަލްގެ ވަޒީފާއަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައި ގެޒެޓްކޮށްފިއެވެ.
ފުލުހުންގެ ކޮންސްޓަބަލްގެ ވަޒީފާއަށް ވަނުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހުގެ 16:00އާ ހަމައަށް ވަނީ ހުޅުވާލައިފައެވެ.
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކަކީ ޖީސީއީ އޯ ލެވެލް އިމްތިހާނުން ނުވަތަ ސެކަންޑަރީ ސްކޫލް ސެޓްފިކެޓު އިމްތިހާނުގެ ތިން މާއްދާއިން ދަށްވެގެން "ސީ" ފާސްލިބިފައިވުން، ނުވަތަ ޖީސީއީ އޯ ލެވެލް އިމްތިހާނު ނުވަތަ ސެކަންޑަރީ ސްކޫލް ސެޓްފިކެޓު އިމްތިހާނުގެ ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ލެވެލް ތިނެއްގެ ކޯހެއް ފުރިހަމަކޮށްފައިވުން ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވާ މީހަކަށް ވާންޖެހެއެވެ. ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅުންހުރި ދާއިރާއެއްގައި ދެ އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާންޖެހެއެވެ.
ހަމައެއާއެކު މީލާދީގޮތުން 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހަކަށްވުމާއި، ފިރިހެނެއް ނަމަ އިސްކޮޅު ފަސް ފޫޓް ތިން އިންޗި އަދި އަންހެނެއް ނަމަ އިސްކޮޅު ފަސް ފޫޓަށްވުރެ ކުރުނުވުމާއި ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ހިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.
އޭގެއިތުރުން ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާހޯދާފައިވާ ފަރާތަކަށް ނުވުމާއި، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހަކަށް ނުވުމާއި، ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހެއް ކަމުގައި ވާންޖެހެއެވެ.
ފުލުހުންގެ ވަޒީފާއަށް މީހުން ހޮވުމުގައި ޖީސީއީ އޭ ލެވަލް ފުރިހަމަކޮށްފައިވާ ފަރާތްތަކަށާއި ޕޮލިސް ސަރވިސްއަށް ބޭނުންތެރި ދާއިރާތަކުން ކޯސް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް ބުނެފައިވެއެވެ. އަދި އެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ އެޕްޓިޓިއުޑް ޓެސްޓުން ފާސްވުމުގެ އިތުރުން ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަނާއި ކުރެވޭ އިންޓަވިއުއާއި ބެކްރައުންޑް އެސެސްމަންޓުން ފާސްވާންޖެހެއެވެ.
އޭގެ އިތުރުން ސްޕެޝިއަލް ކޮންސްޓެބުލަރީގެ ވަޒީފާގައި ދެ އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއެކު ޕޮލިސް ސަރވިސްގެ ވަޒީފާ އަދާކުރަމުން ދަނިކޮށް އުމުރުން 25 އަހަރު ފުރި 27 އަހަރު ފުރިފައިވާ މީހަކަށް ނުވުމާއި މޯލްޑިވްސް ޕޮލިސް ސަރވިސްއށ ގުޅުންހުރި ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ މީހެއްނަމަ އެމީހަކު މަސައްކަތްކޮށްފައިވާ ގޮތަށް ބަލައެވެ.
ފުލުހުންގެ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓް ތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީއާއި ލިބިފައިވާ ހުނަރުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހަޅަން ޖެހެއެވެ.
އެއާއެކު، ނެގިފަހުން ތިން މަސް ދުވަސްވެފައިނުވާ އެ މީހެއްގެ އިސްކޮޅު ފެންނަ ފޮޓޯއަކާއި ޕާސްޕޯޓް ސައިޒުގެ ދެ ފޮޓޯއާއި އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ލިބިފައިވާ މީހެއްނަމަ ލައިސަންސްގެ ކޮޕީ އަދި ކުރިން ވަޒީފާ އަދާކޮށްފައިވާ ފަރާތެއްނަމަ އެ ވަޒީފާ އަދާކުރި ތަންތަނުގައި ވަޒީފާ އަދާކުރިކަމުގެ ލިޔުން އަދި ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރި މީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހަޅަން ޖެހެއެވެ.
އެ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން ފޯމް ހުށަހަޅާން ޖެހެނީ ޝަހީދު ޙުސައިން އާދަމް ބިލްޑިންގެ ރިޝެޕްޝަނަށެވެ. އަދި އެ ވަޒީފާއަށް އެދި ފޯމް ހުށަހަޅާނީ މޯލްޑިވްސް ޕޮލިސް ސަރވިސުން ދޫކުރާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކުގައެވެ. ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށް ފޯމް ބަލައިގަންނާނެ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ޝަހީދު ހުސައިން އާދަމް ބިލްޑިންގެ ރިސެޕްޝަނުންނާއި ފުލުހުންގެ ވެބްސައިޓް www.police.gov.mv އިން ޑައުންލޯޑްކުރެވޭނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.